މި މަހުގެ ފުރަތަމަ ހަފުތާ ވެގެން ދިޔައީ ވޮޝިންގްޓަނާއި ޕެރިހާއި ބަރލިނާއި ލަންޑަންފަދަ ހުޅަނގުގެ ޤައުމުތަކުގެ އިދާރިއްޔަތުތަކުން ހަނގުރާމަމަތީ ޒަމާނީ ހަތިޔާރުތަކާއި އުޅަނދުތައް ޔުކްރޭނަށް ދޭނެކަން އިޢުލާނުކުރި ހަފުތާއަކަށެވެ. އެކި ޤައުމުތަކުން މި ކަން އިޢުލާން ކުރަމުން ގޮސްފައިވަނީ ވަރަށް ވާދަވެރި މާޙައުލެއްގައެވެ. އެމެރިކާއާއި ޖަރްމަނުން ބުނާގޮތުގައި އެ ދެ ޤައުމުން ޔުކްރޭނަށް ބްރެޑްލީ އެމް 2 (Bradley M2) މަރުކާގެ ހަނގުރާމަމަތީ 50 އުޅަނދާއި މާޑަރ (Marder) މަރުކާގެ ހަނގުރާމަމަތީ 40 އުޅަނދު ދޭނެއެވެ.
މީގެއިތުރަށް ޖަރްމަނުން ޔުކްރޭނަށް ޕެޓްރިއެޓް މިސައިލް ނިޒާމާއި ފަރަންސޭސިވިލާތުން (AMX-10 RC) މަރުކާގެ އާޓިލަރީ އުޅަނދުވެސް ދޭނެއެވެ. މިއީ ފުރޮޅުލީ ލުއި ޓޭންކެއް ކަމަށް ހުޅަނގުން ސިފަކުރެއެވެ.
މީގެއިތުރަށް ޕޮލެންޑް ބުނާގޮތުގައި އެ ޤައުމުން (Leopard 2) މަރުކާގެ ޓޭންކް ޔުކްރޭނަށް ދޭނެއެވެ. މީގެއިތުރަށް އިނގިރޭސިވިލާތުގެ Challenger 2 މަރުކާގެ ޓޭންކް ޔުކްރޭނަށް ދިނުމާ ބެހޭގޮތުން ވެސް ދަނީ ވާހަކަތައް ދެކެވެމުންނެވެ.
ހުޅަނގުގެ ހަތިޔާރުތައް ޔުކްރޭނަށް އޮއްސުމުގެ ބޭނުމަކީ ރަޝިޔާ ލޭއޮހޮރުވުން
"އަސްބާބު" އޮންލައިން ބުނާގޮތުގައި ޔުކްރޭނުގެ ހަނގުރާމައިގެ މައިދާނަށް ހުޅަނގުން މިފަދަ ހަތިޔާރުތައް އޮއްސަނީ މި އަންނަ ސަބަބުތަކަށް ޓަކައެވެ.
ޢަމަލީގޮތުން ބަލާއިރު ޔުކްރޭނަށް މި ހަތިޔާރުތައް ވަގުތުން ބޭނުންކުރާކަށް ނުފެށޭނެއެވެ. މި ހަތިޔާރުތައް ބޭނުންކުރެވޭނީ އެކަމަށް ބޭނުންވާ ތަމްރީނު ޔުކްރޭން ސިފައިންނަށް ލިބިގެންނެވެ. މި ކަމަށް ހައެއްކަ ހަފުތާ މަދުވެގެން ބޭނުންވާނެއެވެ. މީގެއިތުރަށް މި ހަތިޔާރުތައް ބޭނުންކުރުމަށް ޓަކައި ލޮޖިސްޓިކް ވަށަލަތަކެއް ޤާއިމުކުރަން ޖެހޭނެއެވެ. މި ވަށަލަތައް ބޭނުންކުރާއިރު ޔުކްރޭނާ ކުރިމަތިލާންޖެހޭނެ އެންމެ ދަތި މަސްއަލައަކަށް ވާނީ ތަފާތު ޤައުމުތަކެއްގެ ތަފާތު ހަތިޔާރުތަކެއް ބޭނުންކުރުމުގެ މަސްއަލައެވެ. މި ކަމުގެ ސަބަބުން ހަނގުރާމައިގެ މައިދާނުގައި މި ހަތިޔާރުތައް ބޭނުންކުރުމުގެ މަސްއަލަ ވަރަށް ތައުގީދުވެގެންދާނެއެވެ. ތަފާތު ޞިނާޢަތްތަކަށް ބޭނުންވާ ސްޕެއަރގެ މަސްއަލަ ވެސް ބޮޑު މަސްއަލައަކަށް ވާނެއެވެ. މީގެ އިތުރަށް ހަނގުރާމައިގެ މައިދާނުގައި ވިލަރެސްކުރުމުގެ މަސައްކަތް ވެސް ބޮޑު މަސްއަލައަކަށް ވާނެކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ.
ފަންނީ ގޮތުން ބަލާއިރު މި އުޅަނދުތައް ލުއި އުޅަނދުތަކަކަށް ވާތީ ހަނގުރާމައިގެ މައިދާނުގައި އެއްގަމު ސިފައިން ޙިމާޔަތްކުރުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ހަލުވިކަމާއެކު އެޅޭނެއެވެ. ރަޝިޔާއިން ޑްރޯނުންދޭ ޙަމަލާތަކަށް ފިލުމުގެ ބާރު ފަހިވާނެއެވެ. މީގެއިތުރަށް ރަޝިޔާގެ ޓޭންކްތަކަށް ޙަމަލާދިނުމުގެ ޤާބިލުކަން މި އުޅަނދުތަކުގައި ހުންނާނެއެވެ. އެއީ މި އުޅަނދުތަކުގައި ޓޭންކާ އިދިކޮޅު ރޮކެޓްތައް ހަރުކޮށްފައި ހުންނާތީއެވެ.
ޔުކްރޭނުގެ ޓޭންކްތަކާއި އެއްގަމު ސިފައިންގެ ފައުޖުތަކާއެކު މި އުޅަނދުތައް ޙަރަކާތްތެރިވުމުގެ ސަބަބުން ކުދިކުދި ކުރިމަތިލުންތަކުގައި ޔުކްރޭނަށް ކުރިއެރުން ހޯދަން ފަސޭހަވާނެއެވެ.
ރަޝިޔާއަށް ބަލާއިރު ރަޝިޔާއިން މި ހަނގުރާމައަށް ތައްޔާރުވެފައިވާނީ ޔުކްރޭނުގައި ޒަމާންވީ ސޮވިއެޓް ހަތިޔާރު ހުރިކަމަށް ބަލައިގެންނެވެ. ހުޅަނގުން ޔުކްރޭނަށް މިފަދަ ޒަމާނީ ހަތިޔާރުތައް ދިނުމުން ރަޝިޔާގެ ރޭވުންތަކަށާއި ފަނިއްޔަތަށް ބަދަލުތައް ގެންނަން މަޖްބޫރުވާނެއެވެ. ރަޝިޔާއިން ސޫރިޔާގައި ކޮށްފައިވާ ހަނގުރާމަތަކުން ރަޝިޔާއަށް ހުޅަނގުގެ ހަތިޔާރުތަކުގެ ފޭރާން ވަނީ އެނގި ދަސްވެފައެވެ. މީގެ އިތުރަށް ރަޝިޔާ ސިފައިނާއެކު ހަނގުރާމަކުރާ ވެގްނަރ ހަނގުރާމަވެރީންނަކީ ލީބިޔާފަދަ އެފްރިކާގެ ބައެއް ޤައުމުތަކުގައި ހުޅަނގުގެ ހަތިޔާރުތަކާ ދެކޮޅަށް ހަނގުރާމަކޮށް އޭއްޗެހި ރަނގަޅަށް ދަންނަ ބައެކެވެ.
ރަޝިޔާއާ ހަނގުރާމަކުރުމަށް ޓަކައި ޔުކްރޭނަށް މަދުވެގެން 300 ޓޭންކާއި އާޓިލަރީ 600 އުޅަނދާއި 500 ހޮވިޓަރ ބޮޑުބަޑި ބޭނުންވާ ކަމަށް ތަޖްރިބާކަރުން ވިދާޅުވެއެވެ. މީގެއިތުރަށް ރޫސީ ވައިގެ ޙަމަލާތައް ހުއްޓުވުމަށް ޓަކައި ވައިގެ ދިފާޢީ ނިޒާމުތަކަށް ބޭނުންވާނެއެވެ. ރަޝިޔާއިން ބުނާގޮތުގައި އެމެރިކާގެ ޕެޓްރިއެޓް ވައިގެ ދިފާޢީ ނިޒާމަށް ވުރެ އެ މީހުންގެ އެމް 400 މިސައިލް ނިޒާމު މާ ރަނގަޅުވާނެއެވެ.
ޔުކްރޭނަށް ވަނީ 48 ބިލިއަން ޑޮލަރުގެ އެހީ ލިބިފައި އިތުރަށް ހަމަ މި ޢަދަދަށް އެހީ ބޭނުންވޭ
ޔުކްރޭން ހަނގުރާމަ ފެށުނުފަހުން އެމެރިކާއިން ޔުކްރޭނަށް ހަނގުރާމަވެރި 2000 އުޅަނދު ދީފައިވެއެވެ. އޭގެތެރޭގައި ހަމްވީސް މަރުކާގެ އުޅަނދުތަކާއި ބްރެޑްލީ މަރުކާގެ އުޅަނދުތަކާއި ބިންމައިން ކަހާ އުޅަނދުތައް ހިމެނެއެވެ. އެމެރިކާއިން މިހާތަނަށް ވަނީ ޢަސްކަރީ މާލީ އިންސާނީ އެހީގެ ގޮތުގައި 48 ބިލިއަން ޑޮލަރު ދީފިއެވެ. އިތުރު 44 ބިލިއަން ޑޮލަރު ދޭނެކަމަށް ވަނީ ވަޢުދުވެފައެވެ.
ހުޅަނގަށް ބަލާއިރު ޔުކްރޭނަށް ޢަސްކަރީ އެހީދިނުމުގައި އެންމެ ހިފެހެއްޓުންތެރި ޤައުމަކީ ޖަރްމަނެވެ. ޖަރްމަނުން ބުނާގޮތުގައި އެ ޤައުމުން ޢަސްކަރީ އެހީތައް ދޭނީ ވޮޝިންގްޓަނާ ގުޅިގެންނެވެ . އެކަހެރި ގޮތެއްގައި ބަރލިނުން އެއްވެސް ފިޔަވަޅެއް ނާޅާނެއެވެ. ބަރލިނުން ދެކޭގޮތުގައި ރަޝިޔާއާ ދެކޮޅަށް ސީދާ ކުރިމަތިލުމަކަށް ދާން ބަރލިން ބޭނުމެއް ނުވެއެވެ. އެހެނަސް ޖަރްމަނުގެ އިދިކޮޅު ޕާޓީތަކުން މިކަމާމެދު ހިތްހަމައެއް ނުޖެހެއެވެ. އިދިކޮޅު ޕާޓީތަކުން ބޭނުންވަނީ ޕެރިހާ އެއްގޮތަށް ބަރިލިންވެސް ޙަރަކާތްތެރިވުމަށެވެ. ޔޫރަޕްގައި އިސްނެގުމަށެވެ.
ދިގު ހަނގުރާމައަކަށް ހުޅަނގު އޮތީ ތައްޔާރަށް
ހުޅަނގުން ޔުކްރޭނަށް ހަތިޔާރުދީ ޔުކްރޭން ވަރުގަދަކުރަމުންދަނީ ހުޅަނގުގެ އައު އިސްތިރާތީޖީއާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. ހުޅަނގުގެ އިސްތިރާތީޖީ ބިނާކޮށްފައި ވަނީ މޮސްކޯ އިސްތިރާތީޖީ ގޮތުން ބަލިކޮށްލުމެވެ. ހަނގުރާމައިގެ މައިދާނުގައި "ފުރިހަމަ ނޫން" ބަލިވުމަކަށް ވިޔަސްމެއެވެ. ހުޅަނގުން ޔުކްރޭނަށް އައު ހަތިޔާރުތައް ދިނުމުން ދޭން ބޭނުންވާ މެސެޖަކީ ހުޅަނގު އޮތީ ދިގު ހަނގުރާމައަކަށް ތައްޔާރުވެގެންނެވެ. ހުޅަނގުން މި ހަނގުރާމަ 2024ގެ މެދުތެރެއާ ހަމައަށް ގެންދާން ޢަޒްމު ކަނޑައަޅައިފައިވާ ކަމަށް ބާހިސުން ވިދާޅުވެއެވެ.
މިހާރުގެ ސުވާލަކީ ހުޅަނގުން ޔުކްރޭނަށް މި ދޭ ހަތިޔާރުތަކާއި މާލީ އެހީގެ ސަބަބުން ހަނގުރާމައިގެ މައިދާނަށް އިސްތިރާތީޖީ ބަދަލުތަކެއް ގެނެވިދާނެ ހެއްޔެވެ؟ ޔުކްރޭނުން ފުޅައު ދާއިރާއެއްގައި ރަޝިޔާއަށް ދޭ ޙަމަލާތަކުގައި ބައިވެރިވާ ޔުކްރޭނުގެ ފައުޖުތައް ޙިމާޔަތް ކޮށްދޭނެ ވައިގެ ދިފާޢީ ބާރެއް ޔުކްރޭނަށް ލިބިގެންވޭ ހެއްޔެވެ؟ ނިޔުކްލިޔަރ ބާރެއް ބަލިކުރުމަށް ކުރެވޭ މަސައްކަތުގެ ނަތީޖާ އެހެން އަތަކަށް ފުރޮޅިގެން ނުދާނެ ހެއްޔެވެ؟ ރަޝިޔާ ކައިރީގައި މި އޮތް ޔޫރަޕްގެ ޤައުމުތަކުން ޔުކްރޭން ލައްވާ ހަނގުރާމަ ކުރުވާއިރު އެ ޤައުމުތަކަށް އަމާންކަމުގައި އޮވެވިދާނެ ހެއްޔެވެ؟



advertisment