އެމެރިކާއާއި ހުޅަނގުގެ ތަފާތު ހަތިޔާރުތައް ތަޖްރިބާކުރާ މައިދާނަކަށް ޔުކްރޭންވެފައިވާ ކަމަށް ސީއެންއެން ޓީވީ ބުނެފިއެވެ.
އެމެރިކާއާއި ހުޅަނގުގެ ޖާސޫސީ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ސީއެންއެން ބުނިގޮތުގައި "މިއީ ޙަޤީޤީ ދުނިޔެއެއްގައި ޢަސްކަރީ ހަނގުރާމަވެރި ހަތިޔާރުތައް ތަޖްރިބާކޮށް އަޖުމަބެލޭބެލުމެކެވެ."
ޖާސޫސީ މި މަޢުލޫމާތުތައް ބުނާގޮތުގައި ހުޅަނގުގެ ހަތިޔާރުތައް "ކުރިއަރައިފައިވާ ޤައުމަކާ ދެކޮޅަށް ހަނގުރާމައެއްގައި މީގެ ކުރިން ބޭނުންކުރެވިފައެއް ނުވެއެވެ." މި ނަޒަރުން ބަލާއިރު ޔުކްރޭނަކީ "ފުރިހަމަ މާނައިގައި ތަޖްރިބާކުރުމުގެ ލެބެކެވެ."
ހަނގުރާމައިގެ މައިދާނުގައި ހިނގަމުންދާ ކަންތައްތައް ބަލައި ދިރާސާކުރާ އިނގިރޭސިވިލާތުގެ މަރްކަޒެއްގެ އޮފިސަރަކު ސީއެންއެނަށް ހާމަކުރެއްވި ގޮތުގައި ޔުކްރޭން ހަނގުރާމައިގެ ސަބަބުން ޕެންޓަގަނަށް އެމެރިކާގެ ޢަސްކަރީ ނިޒާމުގެ ފޭރާމާ ބެހޭގޮތުން ވަރަށް ގިނަ މަޢުލޫމާތުތަކެއް މިހާރު ވަނީ އެއްކުރެވިފައެވެ. އެމެރިކާގެ ބައެއް ހަތިޔާރުތައް ލަފާކުރިވަރަށްވުރެ ހަނގުރާމައިގެ ޙަޤީޤީ މައިދާނުގައި ކުރުންތެރިކަމާއި ޤާބިލުކަން ކުޑަކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ސީއެންއެނަށް ވިދާޅުވިއެވެ. މި ހަތިޔާރުގެ ތެރޭގައި "Switchblade 300″ ޑްރޯނާއި ރާޑަރާ އިދިކޮޅު މިސައިލް ނިޒާމު ހިމެނެއެވެ. އޭނާ ވިދާޅުވިގޮތުގައި އެމެރިކާގެ ހައިމާރސް ނިޒާމު ގިނަގިނައިން ބޭނުންކުރާނަމަ ވަރަށް ގިނައިން މަރާމާތު ކުރަން ޖެހޭކަން ހާމަވިއެވެ. ޕެންޓަގަނާ ޙަވާލާދީ ސީއެންއެން ބުނިގޮތުގައި މި ބާވަތުގެ ހަތޔާރުތަކުގެ ފޭރާން ރަނގަޅުކުރުމަށް ޓަކައި އެތައް ދިރާސާތަކެއް ކުރަންޖެހިފައިވާކަން ވެސް އެނގިއްޖެއެވެ.
ޔުކްރޭން ހަނގުރާމައިން ފެނުނު ނަތީޖާތަކަށް ބަލާއިރު ހަވިޓްޒަރ އެމް777 މަރުކާގެ ބޮޑުބަޑި ގިނައިން ބޭނުންކުރުމުން ވަރަށް އަވަހަށް ކަންފަތިވާކަމާއި އަމާޒުން ކައްސައިލާކަން ފާހަގަކުރެވުނެވެ. މި ބާވަތުގެ ބަޑީގެ ނިޒާމު ތަންތަނަށް އަވަހަށް ގެންދިޔުން ދަތިކަމާއި ޢަދުއްވުންނަށް ނުފެންނަ ގޮތަށް ވަންހަނާކޮށް ބެހެއްޓުން ވެސް ދަތިކަމަކަށް ވެފައިވާކަން އެނގުނެވެ.
އެމެރިކާގެ ހައުސްގެ ޖާސޫސީ ކޮމެޓީގެ މެންބަރެއް ކަމުގައިވާ ޖިމް ހައިމަސް ވިދާޅުވާ ގޮތުގައި ޔުކްރޭން ހަނގުރާމައިގެ ޢިބްރަތާ ބެހޭގޮތުން ބޮޑެތި ފޮތްތައް ލިޔެވިދާނެއެވެ.



advertisment