އިސްރާއީލުގެ ވެރިރަށް ތައްލު އަބީބުގައި ރޭ އެތައް ހާސް ބަޔަކު ބޮޑުވަޒީރު ނަތަންޔާހޫއާއި އޭނާގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށްފިއެވެ. މުޒާހަރާގެ ބައިވެރީން ނަތަންޔާހޫގެ ސަރުކާރަށް އިސްތިޢުފާ ދިނުމަށް ގޮވައިލިއެވެ.
ފަރަންސޭސި ނޫސް އޭޖެންސީ ބުނާގޮތުގައި ތައްލު އަބީބުގެ މެދުތެރޭގައި ބޭއްވި މި މުޒާހަރާގެ ބައިވެރީން ނަތަންޔާހޫއާއި އޭނާގެ ކެބިނެޓާ ދެކޮޅަށް ޝިޢާރުތައް ފާޅުކުރިއެވެ. ފޮތިގަނޑުތަކާއި ލިޔުންތައް އުފުލިއެވެ. މި ލިޔުންތައް ނަތަންޔާހޫއަށް ގޮވައިލީ އަވަހަށް ވެރިކަމުން ވަކިވެވަޑައިގަތުމަށެވެ. އަނެއް ބައި ލިޔުންތައް ބުނާގޮތުގައި އެމީހުން ނުކުމެ މި ތިބީ "ފެޝިސްޓުންނާއި ނަސްލީ އިމްތިޔާޒާއި ހައްދުފަހަނަޅައި ދިޔުމާ ދެކޮޅަށެވެ." އަނެއްބައި ލިޔުންތައް ބުނާގޮތުގައި "އިސްރާއީލުގެ ދީމުޤްރާޠީ ނިޒާމު ނުރައްކަލަށް ހާސާކޮށްފިއެވެ." މުޒާހަރާގެ ބައެއް ބައިވެރީން ޓީ ޝަރޓްތަކުގައްޔާއި ފޮތިގަނޑުތަކުގައި "ނަތަންޔާހޫއާ މުޚާޠަބުކޮށް" ބޮޑުވަޒީރުގެ ބަދަލުގައި "ޖަރީމާ ވަޒީރު" ލިޔެފައި ވެއެވެ.
މި މުޒާހަރާގެ ބައެއް ބައިވެރީން ހާމަކުރިގޮތުގައި މި މުޒާހަރާތައް ކުރިއަށް ގެންދެވޭނެއެވެ. އެމީހުން ބުނިގޮތުގައި ޙައްދުފަހަނަޅައިފައިވާ މީހުންނަކީ އަޣްލަބިއްޔަތެއްނޫނެވެ. އެހެނަސް އެމީހުން ދަނީ މުޖްތަމަޢުގެ ކަންތައްތަކަށް އަތްގަދަކުރަމުންނެވެ.
އިސްރާއީލުގެ ދުވަހު ނޫހެއްކަމުގައިވާ ބަދީޢޫތު އަޙްރަނޫތު ބުނާގޮތުގައި ތައްލު އަބީބުގެ މެދުތެރޭގެ މައިދާނެއް ކަމުގައިވާ "ހަބީމާ" މައިދާނުގައި ބޭއްވި މުޒާހަރާގައި ދިހަވަރަކަށް ހާސް މީހުން ބައިވެރިވިއެވެ.
އިސްރާއީލުގައި ޢާންމުންގެ ޚިޔާލު ހޯދުމަށް ނެގުނު ވޯޓެއް ބުނާގޮތުގައި އިސްރާއީލުގެ ގިނަ ޢަލްމާނީން ދެކޭގޮތުގައި އިސްރާއީލުގެ ކަނާތު ފިޔައިގެ ސަރުކާރުގެ ސަބަބުން އެމީހުންގެ ޙަޔާތުގެ ވައްޓަފާޅި ނުރައްކަލަށް ހުށައެޅިއްޖެއެވެ. އިސްރާއީލުގެ ދީމުޤްރާޠީ މަރްކަޒު ބުނާގޮތުގައި އެ މަރްކަޒުން ނެގި ޚިޔާލު ހޯދުމުގެ ވޯޓުގައި ބައިވެރިވި 70% މީހުން ދެކޭގޮތުގައި އިސްރާއީލުގެ މުޖްތަމަޢުގައި ކަނާތުފިޔައިގެ މީހުންނާއި ޔަހޫދީ ދީނީ ޖަމާޢަތްތަކުގެ މީހުންގެ ނުފޫޒު ގަދަވަމުން ދިޔުމަކީ އެމީހުން ވަރަށް ކަންބޮޑުވެ ހާސްވާ ކަމެކެވެ. މިޑްލްއީސްޓް އައި ބުނާގޮތުގައި 29 ޑިސެންބަރުގައި ނަތަންޔާހޫ އެކުލަވައިލި ސަރުކާރަކީ ހައްދުފަހަނަޅައިފައިވާ ދީނީ ޖަމާޢަތްތަކާއި ކަނާތު ފިޔައިގެ މީހުންގެ ސަރުކާރެކެވެ. މި ސަރުކާރުން އިޢުލާނުކޮށްފައިވާ ގޮތުގައި މި ސަރުކާރުން ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ޓަކައި އިތުރު އާބާދީތައް ބިނާކުރާނެއެވެ. އަދި "ކުޅީގެ މުޖްތަމަޢު" އެކަމާމެދު ޖެހިލުންވެ ބިރުގަންނާނެ އިޞްލާޙުތަކެއް ޤާނޫނަށް ގެންނާނެއެވެ. މީގެއިތުރަށް އިސްރާއީލުގެ ޖުޑިޝަރީ އިސްލާޙު ކުރުމަށް ޓަކައި ޤާނޫނުތަކެއް ފާސްކުރާނެއެވެ.
އިސްރާއީލުގެ އައު ޖަސްޓިސް މިނިސްޓަރު ޔާރީފު ލެވިން 4 ޖަނަވަރީގައި ހާމަކުރެއްވި ގޮތުގައި ސުޕްރީމު ކޯޓުގެ ނިންމުންތަކާއި ޙުކުންތައް ތަންފީޒު ނުކޮށް ދެމެހެއްޓުމަށް ބޭނުންވާ ޤާނޫނުތަކެއް ފާސްކުރާނަމެވެ. ނޫސްވެރިން ބުނާގޮތުގައި ޖަސްޓިސް މިނިސްޓަރު މަސައްކަތް ފަށްޓަވައިފައި ވަނީ ބޮޑުވަޒީރު ނަތަންޔާހޫ ސަލާމަތް ކުރެއްވުމަށް ޓަކައި ޖުޑިޝަރީއަށް ވުރެ ބަރްލަމާނު ވަރުގަދަކުރެއްވުމަށެވެ.
އިސްރާއީލުގެ ކޯޓުތަކުގައި ނަތަންޔާހޫއާ ދެކޮޅަށް ތިން ޤަޟިއްޔާއެއް ހުށައެޅިފައި ވެއެވެ. ފުރަތަމަ ޤަޟީއްޔާއަކީ 4000 ނަންބަރު ޤަޟިއްޔާއެވެ. އެއީ އިސްރާއީލުގެ މުވާސަލާތާ ބެހޭ ކުންފުންޏަކާއެކު ޤަވާޢިދާ ޚިލާފަށް 500 މިލިއަން ޑޮލަރުގެ މުޢާމަލާތެއް ކުރައްވައިފައިވާތީ ކުރިއަށް ދާ މަސްއަލައެކެވެ. މި މަސްއަލައިގައި ރިޝްވަތާއި ޚިޔާނަތާއި މަކަރާ ޙީލަތް ހިމެނެއެވެ.
ނަތަންޔާހޫއާ ދެކޮޅަށް ހުށައެޅިފައިވާ ދެވަނަ ޤަޟިއްޔާއަކީ 1000 ނަންބަރު ޤަޟިއްޔާއެވެ. މިއީ ވެސް ޚިޔާނަތާއި އޮޅުވައިލުމާއި މަކަރާޙީލަތުގެ މަސްއަލައެކެވެ. މި ޤަޟިއްޔާގައި ތުހްމަތު ކުރެވޭގޮތުގައި ނަތަންޔާހޫއާއި އޭނާގެ އަނބިކަނބަލުން ސާރާއަށް އަރްނޫން މިލްޝާން ނަމަކަށް ކިޔާ ފިލްމު ޕްރޮޑިޔޫސަރަކާއި އޮސްޓްރޭލިޔާގެ ބިލޔަނޭރެއް ކަމުގައިވާ ޖޭމްސް ޕާކަރ 700 ހާސް ޝީކަލް ގެ ހަދިޔާއެއް އަރުވައިފައިވާ ކަމަށް ތުހްމަތު ކުރެވެއެވެ.
ނަތަންޔާހޫއާ ދެކޮޅަށް ހުށައެޅިފައިވާ ތިންވަނަ ޤަޟިއްޔާގެ ގެ ނަންބަރަކީ 2000 އެވެ. މި ޤަޟިއްޔާގައި ހިމެނެނީ ބަދީޢޫތު އަހްރަނޫތު ދުވަހު ނޫހާއި ނަތަންޔާހޫއާ ދެމެދުގައި ހިނގި ޑީލެއްގެ މަސްއަލައެވެ. މި ނޫހުގެ ވެރިޔާ ނަތަންޔާހޫއަށް ރިޝްވަތު ދެއްވި ކަމަށް މި ޤަޟިއްޔާގައި ވެއެވެ.



advertisment