ގަލްފު ޤައުމުތަކުގެ ސިޔާދަތީ ފަންޑުތަކުގެ ޖުމްލަ ދުނިޔޭގެ ޤައުމުތަކުގެ ސިޔާދަތީ ފަންޑުގެ ލިސްޓުގައި އެއްވަނަ ޙާޞިލުކޮށްފި ކަމަށް އައްޝަރްޤުލްއައުސަޠު ދުވަހު ނޫސް ބުނެފިއެވެ. މި ނޫސް ބުނާގޮތުގައި އިމާރާތާއި ސުޢޫދީ ޢަރަބިއްޔާއާއި ކުވައިތާއި ޤަޠަރުގެ ސިޔާދަތީ ފަންޑުތަކުގެ މިއަހަރުގެ ޖުމްލައަކީ 2.6 ޓްރިލިއަން ޑޮލަރެވެ.
އެސް ޑަބްލިޔޫ މަރްކަޒުން ދުނިޔޭގެ ސިޔާދަތީ ފަންޑު ގިންތި ކުރިއިރު ސިޔާދަތީ ފަންޑުގެ ލިސްޓުގައި އެއްވަނަ ލިބިފައި ވަނީ ޗައިނާގެ އިންވެސްޓްމެންޓް ކުންފުންޏަށެވެ. މި ފަންޑުގައި މި އަހަރު ނިމުނުއިރު 1.43 ޓްރިލިއަން ޑޮލަރު ހުއްޓެވެ.
ދެވަނަ ލިބިފައި ވަނީ ނޯވޭގެ ރިޓަޔަރމެންޓް ފަންޑަށެވެ. މި ފަންޑުގައި ހުރީ 1.13 ޓްރިލިއަން ޑޮލަރެވެ.
މި ލިސްޓުގައި ތިން ވަނަ ލިބިފައި ވަނީ އިމާރާތުގެ އަބޫ ޡަބްއި އިންވެސްޓްމެންޓް ކޯޕަރޭޝަނަށެވެ. މި ފަންޑްގައި ހުރީ 790 ބިލިއަން ޑޮލަރެވެ.
ފަސް ވަނަ ލިބިފައި ވަނީ ކުވައިތުގެ ޢާންމު އިންވެސްޓްމެންޓް ކޯޕަރޭޝަނަށެވެ. މި ފަންޑްގައި ހުރީ 750 ބިލިއަން ޑޮލަރެވެ.
ފަސްވަނަ ލިބިފައި ވަނީ ވުނަކުރުމާ ބެހޭ ސިންގަޕޫރުގެ ޖީއައިސީ ކުންފުންޏަށެވެ. މިކުންފުނީގައި ހުރީ 690 ބިލިއަން ޑޮލަރެވެ.
އެސް ޑަބްލިޔޫ މަރްކަޒު ބުނާގޮތުގައި މި ލިސްޓުގައި ހަ ވަނަ ލިބިފައި ވަނީ ސުޢޫދިޔާއަށެވެ. މި ޤައުމުގެ ވުނަކުރުމާ ބެހޭ ޢާންމު ފަންޑުގައި ހުރި މިންވަރަކީ 607.4 ބިލިއަން ޑޮލަރެވެ. ސުޢޫދީ މި ފަންޑުގެ އިސްތިރާތީޖީއަށް ބަލާއިރު މި ފަންޑު މަސައްކަތް ކުރަނީ 2025ވަނަ އަހަރު މި ފަންޑުގެ މިންވަރު 1.0666 ޓްރިލއަނަށް އިތުރު ކުރުމަށެވެ.
މި ލިސްޓްގައި ހަތް ވަނަ ލިބިފައި ވަނީ ހޮންގްކޮންގްގެ ފައިސާއާ ބެހޭ މުއައްސަސާގެ ވުނަކުރުމާ ބެހޭ ދަބަހަށެވެ. މި ދަބަހުގައި ހުރި ފައިސާގެ މިންވަރަކީ 588.9 ބިލިއަން ޑޮލަރެވެ.
އަށްވަނަ ލިބިފައި ވަނީ ސިންގަޕޫރުގެ ޓަމަސެކް ހޯލްޑިންގ ކުންފުންޏަށެވެ. މި ކުންފުނީގެ ޖީބުގައި 497 ބިލިއަން ޑޮލަރު އެބަ ހުއްޓެވެ.
9ވަނަ ލިބިފައި ވަނީ ޤަޠަރުގެ އިންވެސްޓްމެންޓް މަރްކަޒަށެވެ. މި މަރްކަޒުގައި ހުރި މިންވަރަކީ 461 ބިލިއަން ޑޮލަރެވެ.
ދިހަވަނަ ޙާޞިލުކޮށްފައި ވަނީ އިޖްތިމާޢީ ޖާމިނުވުމާ ބެހޭ ޗައިނާގެ ފަންޑެވެ. މިފަންޑުގެ އުޞޫލުގެ މިންވަރަކީ 447.4 ބިލިއަން ޑޮލަރެވެ.
އެސް ޑަބްލިޔޫގެ މި ރިޕޯޓު ބުނާގޮތުގައި ސިޔާދަތީ މުއްސަނދި ކަން ވަނީ ވޭތުވެ ދިޔަ ތިން މަސްދުވަހުގެ ތެރޭގައި 10.1 ޓްރިލިއަނުން 10.3 ޓްރިލިއަނަށް އިތުރުވެފައެވެ.



advertisment