އެމެރިކާގެ ޢާންމު ދަރަނި އިތުރުވަމުން ދިޔުމާއި ވޮޝިންގްޓަންގެ އިސްރާފީ ހޭދަކުރުންތައް ހުއްޓުވުމަށް ޓަކައި ފިޔަވަޅު އަޅުއްވާނެ ކަމަށް އެމެރިކާގެ ކޮންގްރެސްގެ ތިރިގޭގެ އައު ރައީސް ކެވިން މެކާތީ ވިދާޅުވެއްޖެއެވެ.
ހައުސްގެ ރައީސްކަމަށް އޭނާ އިންތިޚާބު ކުރުމާ ވިދިގެން އެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެކާތީ ވިދާޅުވިއެވެ. "އެމެރިކާގެ ޢާއިލާތައް ފާގަތިކަމާއެކު ދިރިއުޅެވޭނެ ވަސީލަތްތައް ތަނަވަސްކުރުމަށް ޓަކައި މަސައްކަތް ކުރުމަށްވުރެ އިސްކަންދޭން ޖެހޭ ކަމެއް ނެތެވެ. ވޮޝިންގްޓަނުން ކުރަމުންދާ އިސްރާފީ ހޭދަތައް ހުއްޓުވުމަށާއި ކާބޯތަކެއްޗާއި ހަކަތައާއި ކާރާއި ބޯހިޔާވަހިކަމުގެ އަގުތައް ތިރިކުރުމަށާއި ޤައުމުގެ ޢާންމު ދަރަނި އިތުރުވުން ހުއްޓުވުމަށް އަޅުގަނޑުމެން މި ތިބީ ކަށަވެތިވެގެންނެވެ."
އޭނާ ވިދާޅުވި ގޮތުގައި ދަރަންޏާއި ޗައިނާގެ ކޮމްޔުނިސްޓް ޕާޓީ ވަރުގަދަވެގެން ދިޔުންފަދަ "ދުރު ރާސްތާ ގޮންޖެހުންތަކާ" ކުރިމަތިލުމަށްޓަކައި ކޮންގްރެސް ގެ އަޑު އެއް އަޑަކަށް ހަދަން ވަނީ ޖެހިފައެވެ.
އޭނާ ވިދާޅުވި ގޮތުގައި ޗައިނާއާ ބެހޭގޮތުންނާއި އެތައް ލައްކަ ވަޒީފާތަކެއް ޗައިނާއަށް ދިޔަގޮތް ދިރާސާކޮށް ފިޔަވަޅު އެޅުމަށް ޓަކައި ދެ ޕާޓީ ހިމެނޭ ޚާއްޞަ ކޮމެޓީއެއް އެކުލަވައިލެވޭނެއެވެ.
އެމެރިކާގެ ހައުސްގެ ރައީސް (ސްޕީކަރ) އަކީ އެމެރިކާގެ އެންމެ މުހިއްމު ތިންވަނަ ޝަޚްޞިއްޔަތެވެ. ރައީސާއި ނައިބު ރައީސަށް ފަހު އެއީ ތިންވަނައަށް އެންމެ އިސް މަޤާމެވެ.
މި މަޤާމަށް މެކާތީ ޢައްޔަން ކުރެވުނީ އެކަމަށް ޓަކައި 15 ޖަލްސާ ބާއްވައިގެންނެވެ. މިއީ 160 އަހަރުގެ ތެރޭގައި މިފަދަ ކަމެއް ކުރިމަތިވި ފުރަތަމަ ފަހަރެވެ. މެދުއަހަރުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ ވަނީ 222 ގޮނޑީގެ އަޣްލަބިއްޔަތެއް ހޯދައިފައެވެ. އެހެނަސް މި ޕާޓީ ބައެއް މެންބަރުން މެކާތީއަށް ތާއީދު ނުކުރެއްވުމުގެ ސަބަބުން އޭނާ ރައީސްކަމަށް އިސްކުރުން ލަސްވެގެން ދިޔައީއެވެ.



advertisment