އިނގިރޭސިވިލާތުގެ ދިރާސާއެއް ބުނާގޮތުގައި ފިރިހެނުންނަށް ވުރެ އަންހެނުންގެ އޯގާވެރިކަން މާ ބޮޑެވެ. އަދި އެހެން މީހުންގެ އިޙްސާސްތައް ދެނެގަތުމުގައި އަންހެނުންގެ ޤާބިލުކަން މާ ބޮޑެވެ.
އިނގިރޭސިވިލާތުގެ ދަ ޓައިމްސް ދުވަހު ނޫސް ބުނާގޮތުގައި މި ދިރާސާކޮށްފައިވަނި ކޭމްބްރިޖް ޔުނިވަރސިޓީންނެވެ. މި ދިރާސާގައި ދުނިޔޭގެ 57 ޤައުމެއްގެ ތިން ލައްކަ މީހުން ބައިވެރި ކުރެވިފައި ވެއެވެ.
މި ދިރާސާ ވަނީ Proceedings of the National Academy of Sciences މަޖައްލާގައި ޝާއިޢުކޮށްފައެވެ.މިއީ މި މައިދާނުގައި މިހާތަނަށް ކުރެވުނު އެންމެ ބޮޑު ދިރާސާއެވެ. މި ދިރާސާ ބުނާގޮތުގައި އިޙްސާސްތަކާއި ޝުޢޫރުތައް ދެނެގަތުމުގައި ޢުމުރަކީ ވެސް މުހިއްމު ދައުރެއް ކުޅޭ އެއްޗެކެވެ. މި ދިރާސާގައި ބައިވެރިވި މީހުންނަށް މީހެއްގެ ފޮޓޯއެއް ދައްކައިފައި އޭނާގެ ލޮލުން ދޭހަވާ އެއްޗެއް ބުނުމަށް އެދެވުނެވެ.
57 ޤައުމު ހިމެނޭ
ޖުމްލަ 57 ޤައުމެއްގައި ކުރެވުނު މި ދިރާސާގެ ނަތީޖާތައް ބުނާގޮތުގައި 36 ޤައުމެއްގައި އަންހެނުން ހޯދި އެވްރެޖު މާކްސް ފިރިހެނުންގެ އެވްރެޖު މާކުހަށް ވުރެ ބޮޑެވެ. އަދި 21 ޤައުމެއްގައި އަންހެނުންނާއި ފިރިހެނުންގެ މާކުސް އެއްވަރެވެ. އެއްވެސް ޤައުމެއްގައި ފިރިހެނުންގެ މާކުސް އަންހެނުންގެ މާކުހަށްވުރެ މައްޗަށް ގޮސްފައެއް ނުވެއެވެ.
މި ދިރާސާ ކުރެއްވި ޢާލިމުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޕްރޮފެސަރު ޑޭވިޑް ގްރީންބަރގް ވިދާޅުވިއެވެ. "އަހުރެމެން ކުރި ދިރާސާގެ ނަތީޖާތައް ބުނާގޮތުގައި ފިރިހެނުންނަށްވުރެން އަންހެނުންގެ އޯގާވެރިކަން ބޮޑެވެ." އޭނާ ވިދާޅުވި ގޮތުގައި މި ދިރާސާގެ ނަތީޖާ މުޅި ދުނިޔެއަށް ޢާންމު ކުރެވޭނީ މިއަށްވުރެ ގިނަ ޤައުމުތައް ޝާމިލުކޮށް ދިރާސާ ކޮށްގެންނެވެ.
މި ދިރާސާކުރެއްވި ޓީމުން ވިދާޅުވާ ގޮތުގައި ދެ ޖިންސުގެ ދެމެދުގައި ހުރި ތަފާތުގެ ސަބަބުތައް ރުޖޫޢަވަނީ ޙަޔަވީ އަދި އިޖްތިމާޢީ ބަހާތަކަށެވެ.
ކެމްބްރިޖުގެ އޯޓިޒަމާ ބެހޭ ދިރާސާތައް ކުރާ މަރްކަޒުގެ ޑިރެކްޓަރ ޕްރޮފެސަރ ސަރ ސައިމަން ބެރަން ކޯހެން ވިދާޅުވާ ގޮތުގައި މި ދިރާސާއަކީ ވިސްނުމާ ބެހޭ ދިރާސާއެއް ނޫނެވެ. މި ދިރާސާގައި ފިރިހެނުންނާއި އަންހެނުންގެ ވިސްނުމާއި ފިކުރުކުރުމާ ބެހޭގޮތުން ބަހުސް ކުރެވިފައެއް ނުވެއެވެ.



advertisment