އިސްރާއީލުގެ ހައްދުފަހަނަޅައިފައިވާ ވަޒީރު ބިން ޣަފީރު އަޤްޞާ މިސްކިތުގެ ޙުރްމަތް ކަނޑައި އެ މިސްކިތަށް ވަދެގަތުމުން ސަލާމަތީ މަޖިލީހުން އެކަން ކުށްވެރިކޮށް އެކަމާ ދެކޮޅު ހެދުމަށް ކުއްލި ބައްދަލުވެމެއް ބާއްވަން ފަށައިފިއެވެ.
މި މަސްއަލަ ސަލާމަތީ މަޖިލީހަށް ހުށައެޅީ ޗައިނާއާއި އިމާރާތު ގުޅިގެންނެވެ. އިސްރާއީލުން މިކަމާ ދެކޮޅު ހަދާ އެއީ "ތާކުންތާކު ނުޖެހޭ ކަމެއް ކަމަށް" ބުންޏެވެ.
އދ ގައި ހުންނަވާ އިސްރާއީލުގެ ސަފީރު ޖިލްޢާދު އިރްދާން ސަލާމަތީ މަޖިލީހުގެ މާލަމުގެ ބޭރުގައި ހުންނަވާ ވިދާޅުވިއެވެ. "މިއީ އިސްރާއީލަށް ސިހުން ލިބުނު ކަމެކެވެ." ފަރަންސޭސި ނޫސް އޭޖެންސީ ބުނާގޮތުގައި ސަފީރު ވިދާޅުވިއެވެ. "މި ފަދަ ކުއްލި ޖަލްސާއެއް ބާއްވާކަށް ނުޖެހެއެވެ. އެއްވެސް ކަމަކަށް ނުވާކަމަކަށް ޓަކައި ސަލާމަތީ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބޭއްވުމަކީ ވަރަށް ދެރަ ކަމެކެވެ."
ސަލާމަތީ މަޖިލީހުގައި އިސްރާއީލު ކުށްވެރި ކުރުން
އދ ގައި ހުންނަވާ ފަލަސްޠީނުގެ މަންދޫބު ރިޔާޟު މަންޞޫރު ނޫސްވެރީންނަށް ވިދާޅުވިއެވެ. "ޤުދުސުގެ ތާރީޚި ޙާލަތު ދެމެހެއްޓުމަކީ ބައިނަލްއަޤްވާމީ މުޖްތަމަޢުގެ މަސްއޫލިއްޔަތެކެވެ. މި ސަހަރުގައި ހުރި އިސްލާމީ އާސާރުތަކާއި މަސީޙީ އާސާރުތައް ރައްކައުތެރިކޮށް ދެމެހެއްޓުމަކީ އދ ގެ ޒިންމާއެކެވެ."
ރޫސީވިލާތުގެ މަންދޫބު ސަލާމަތީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ޗައިނާއާއި އިމާރާތުގެ ގޮވައިލުމަށް ތާއީދު ކުރައްވާ ކަން ހާމަކުރެއްވިއެވެ. މިއީ ފަލަސްޠީނުގެ މަސްއަލައަށާއި މިއަދުގެ ޙާލަތާމެދު ބަޙުސްކުރުމަށް ބެއްވޭ ބައްދަލުވުމެކެވެ.
ރޫސީ މަންދޫބު ވިދާޅުވިއެވެ. "އިސްރާއީލުގެ ޤައުމީ ސަލާމަތާބެހޭ ވަޒީރު އީތުމާރު ބިން ޣަފީރު އަޤްޞާ މިސްކަތަށް ވަންވަނުމަކީ މަސްރަޙު ހޫނުކޮށް ކައްކުވައިލައިފާނެ ކަމެކެވެ. 2000ވަނަ އަހަރު އެރިއަލް ޝެރޯން ފުލުހުންގެ ޙިމާޔަތުގައި އަޤްޞާ މިސްކިތަށް އެރުމުން ފަލަސްޠީނުގެ ދެވަނަ އިންތިފާޟާ ފެށުނުފެށުމާ މި ޙާދިސާ ވަތްކެއް ނުކުރެވޭނެއެވެ. އެ އިންތިފާޟާގެ ސަބަބުން އެތައް ފުރާނައެއް ގެއްލިފައި ވެއެވެ."
ރޫސީ މަންދޫބު ވިދާޅުވިގޮތުގައި ޤުދްސުގެ ޙުރްމަތް ކެނޑުމަކީ މޮސްކޯ އެކަމާ ދެކޮޅު ހަދާކަމެކެވެ. ޤުދްސުގައި ހުރި އިސްލާމީ ތަންތަނާއި މަސީޙީ ތަންތަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އދން ޙަވާލުކޮށްފައިވަނީ އުރްދުނާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އދގެ އަމީން ޢާންމުގެ މެދުއިރުމައްޗާއި އޭޝިޔާއާއި ޕެސިފިކް ކަނޑާ ބެހޭ އެހީތެރިޔާ ޚާލިދު ޚިޔާރީ ވިދާޅުވިގޮތުގައި "ބިން ޣަފީރު އަޤްޞާ މިސްކިތަށް އެރިއެރުމަކީ ހަރުކަށި ޢަމަލުތަކަށް ދޮރު ހުޅުވައިލަދީފާނެ ކަމެކެވެ."
ޖެއްސުންކުރުމުގެ ފިޔަވަޅެއް
އިސްރާއީލުގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އީތުމާރު ބިން ޣަފީރު އަޤްޞާ މިސްކިތަށް ވަދެގަތީ މި ދިޔަ އަންގާރަ ދުވަހު ދަންވަރުގެ ވަގުތެއްގައެވެ. އިސްރާއީލު ފުލުހުންގެ ބާރުތަކުގެ އެހީގައި އޭނާ މި މިސްކިތުގެ ޙުރްމަތްކެނޑުމުގައި 15 މިނެޓެއްހާއިރު ހޭދަކުރިއެވެ. ޢަރަބި ޤައުމުތަކާއި އިސްލާމީ ޤައުމުތައް ސަލާމަތީ މަޖިލީހަށް ގޮވައިލަނީ އިސްރާއީލު ކުށްވެރިކޮށް ޤަރާރެއް ނެރުމަށެވެ.އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުގެ ވީޓޯގެ ސަބަބުން އިސްރާއީލު ކުށްވެރި ކުރެވޭނެ ކަމަކަށް ނުފެނެއެވެ.



advertisment