އިސްރާއީލުގެ އަމްނާ ބެހޭ އައު ވަޒީރު އީތުމާރު ބިން ޣަފީރު މިއަދު ހެނދުނު އަލްމަސްޖިދުލް އަޤްޞާގެ ޙުރްމަތް ކަނޑައި އެ މާތް މިސްކިތުގެތެރެއަށް ވަދެއްޖެއެވެ. ފަލަސްޠީނުގެ ރަސްމީ ނޫސް އޭޖެންސީ ވަފާ ބުނާގޮތުގައި ބިން ޣަފީރު އަޤްޞާ މިސް މިސްކިތުގެ ޙުރްމަތް ކަނޑައި އެ މިސްކިތަށް ވަނީ އިސްރާއީލު ފުލުހުންގެ ޙިމާޔަތާ އެކުގައެވެ.
ބިން ޣަފީރު އަޤްޞާ މިސްކިތުގެ ގޯތިތެރޭގައި އިރުކޮޅު ބުރުޖެހުމަށްފަހު އޭނާ ނުކުމެގެން ގޮސްފައިވާ ކަމަށް ވެސް ވަފާ ބުންޏެވެ.
ފަލަސްޠީނުން ކުށްވެރިކުރޭ
އިސްރާއީލުގެ ވަޒީރު އަޤްޞާ މިސްކިތުގެ ޙުރްމަތް ކެނޑުމުން ފަލަސްޠީނުގެ ޚާރިޖިއްޔާއިން އެކަން ކުށްވެރިކުރިއެވެ. ފަލަސްޠީނުގެ ޚާރިޖިއްޔާއިން ސިފަކުރި ގޮތުގައި "މިއީ މީގެ ކުރިން ހިނގައިފައިނުވާ ޖެއްސުންކުރުމުގެ ޢަމަލެކެވެ."
އިސްރާއީލުގެ އަމްނާބެހޭ ވަޒީރު މި ދިޔަ އާދީއްތަދުވަހު ހަވީރު ފުލުހުންނަށް އެންގިގޮތުގައި އޭނާ އަޤްޞާ މިސްކިތަށް ވަންނާން ދަނީ ތައްޔާރުވަމުންނެވެ. މިއީ ބިން ޣަފީރު ވަޒީރުކަމުގެ ހުވާކުރުމަށްފަހު އެ މިސްކިތުގެ ޙުރްމަތްކެނޑި ފުރަތަމަ ފަހަރެވެ. ބިން ޣަފީރު އޭނާގެ ޓްވިޓަރުގައި ލިޔެފައި ވެއެވެ. "އަހުރެން އަޤްޞާ މިސްކިތަށް ވަންނަން އުޅޭ ވާހަކައަށް މީޑިއާތަކުން އިސްކަންދޭތީ ޝުކުރު ކުރަމެވެ. ތެދުތެދަށް ބުނާނަމަ ޤުދުސުގެ ޙަރަމަކީ އަހުރެމެންނަށް ވަރަށް މުހިއްމު ޤަޟިއްޔާއެކެވެ."
ބިން ޣަފީރަކީ އިސްރާއީލުގެ ކަނާތު ފިޔައިގެ ޙައްދުފަހަނަޅައިފައިވާ "ޔަހޫދީންގެ ބާރު" ޕާޓީގެ ޒަޢީމެވެ. ހަރުކަށި ޢަމަލުތައް ހިންގުމުގެ ކުށް 2007 ގައި ވަނީ އޭނާގެ މައްޗަށް ސާބިތުވެ ކުށްވެރިވެފައެވެ. އޭނާ އިސްރާއީލު ފުލުހުންނާ މުޚާޠަބުކޮށް ބުންޏެވެ. "ނިރުބަވެރިއަކު ތިބާއަށް ގޯނާކުރުމަށް އަތުވެއްޖެނަމަ އޭނާގެ ލޭ އޮހޮރުވައިލުމުގެ ޙައްޤު ތިބާއަށް ލިބިފައިވާކަން ދަންނާށެވެ!"
ހަރުކަށި ޢަމަލުތައް ފެށިދާނެކަމުގެ ބިރު
އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު މިހާރުގެ އިދިކޮޅު ޒަޢީމު ޔާއީރު ލެޕިޑް އިންޒާރުކުރައްވާ ގޮތުގައި "ބިން ޣަފީރު އަޤްޞާ މިސްކިތަށް ވަނުމަކީ އަލުން ހަރުކަށި ޢަމަލުތަކުގެ ހުޅުގަނޑު ރޯވެގެން ހިނގައިދާނެ ކަމެކެވެ."
އޭނާ ރޮއެޓަރޒަށް ވިދާޅުވިއެވެ. "ބިން ޣަފީރު އަޤްޞާ ޙަރަންފުޅަށް ވަނުމަކީ އެކަމުގެ ސަބަބުން ހަރުކަށި ޢަމަލުތައް ފެށިދާނެ ކަމެކެވެ. މި ކަމުގެ ސަބަބުން މީސްތަކުންގެ ޙަޔާތް ނުރައްކަލަށް ހާސާވެދާނެއެވެ." އިސްރާއީލުގެ ދުވަހު ނޫސް ބަދީޢޫތު އަޙްރަނޫތު ބުނާގޮތުގައި ބިން ޣަފީރު އަޤްޞާ މިސްކިތަށް ވަނުމަށް ޓަކައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރާން ޖެހޭނެއެވެ.
ބިން ޣަފީރުގެ މި ޢަމަލުގެ ސަބަބުން ފަލަސްޠީނު ކެކި ހޫނުވެގެން ހިނގައިދާނެތީ ބޮޑުވަޒީރު ނަތަންތާހޫ ވަނީ އަޤްޞާ މިސްކިތަށް ވަނުން ލަސްކޮށްލުމަށް އެދިވަޑައިގަންފައެވެ. އެހެނަސް ބިން ޣަފީރު ބުނިގޮތުގައި "ޙަމާސްދެކެ އަހުރެމެން ބިރުގަންނާކަށް ނުޖެހެއެވެ."
ބިން ޣަފީރު މިއަދު ހެދުނު އަޤްޞާ މިސްކިތަށް ވަނީ މީޑިޔާ ބުނާގޮތުގައި ބޮޑުވަޒީރު ނަތަންޔާހޫއަށް ވެސް އޮޅުވައިލައިފައެވެ. އޭނާ ނަތަންޔާހޫ އެދިވަޑައިގަތް ފަދައިން އަޤްޞާއަށް ވަނުން ލަސްކޮށްލާނެ ކަމަށް ވަނީ ދަންނަވައިފައެވެ.
އިސްރާއީލުގެ ރަސްމީ ރޭޑިއޯ ބުނާގޮތުގައި ބިން ޣަފީރަށް ފެހިއަލި ދިނީ އިސްރާއީލުގެ ދާޚީލީ އަމްނާބެހޭ އިދާރާއިންނެވެ. އޭނާއަށް އަޤްޞާ މިސްކިތަށް ވަނުމަށް ހުއްދިނީ އިސްރާއީލު ފުލުހުންނެވެ.
މި ކަމާ ބެހޭގޮތުން ޙަމާސުން ނެރުނު ބަޔާނުގައި ބިން ޣަފީރު މި ޢަމަލު ކުށްވެރިކޮށްފައި ވެއެވެ. ޙަމާސުން ބުނިގޮތުގައި މިފަދަ ޢަމަލުތަކަށް ޙަމާސުން ރައްދު ދޭނެއެވެ.



advertisment