Support Us

ހައްދުފަހަނަޅައިފައިވާ ކަނާތުފިޔައިގެ ސަރުކާރެއް ނަތަންޔާހޫ އެކުލަވައިލައްވައިފި

އިސްރާއީލުގައި އައު ސަރުކާރެއް އެކުލަވައިލުމުގެ މަސައްކަތް ޙަވާލު ކުރެވުނު ކުރީގެ ބޮޑުވަޒީރު ނަތަންޔާހޫއަށް އަރުވައިފައިވާ މުހްލަތު ހަމަވުމުގެ ކުރިން ސަރުކާރެއް އެކުލަވައިލެވިއްޖެކަން ރޭ އިޢުލާން ކުރައްވައިފިއެވެ. އޭނާގެ މި ސަރުކާރުގައި ހިމެނެނީ ޙައްދުފަހަނަޅައިފައިވާ ކަނާތު ފިޔައިގެ ޕާޓީތަކަކާއި ދީނީ ޕާޓީތަކެކެވެ.

ނަތަންޔާހޫ އިސްރާއީލުގެ ރައީސް އިސްޙާޤު ހާރޓްސޮގާ ރޭ ފޯނުން ގުޅުއްވާ ސަރުކާރެއް އެކުލަވައިލެވިއްޖެ ކަމަށް ދެންނެވިއެވެ. ސަރުކާރެއް އެކުލަވައިލުމަށް އެރުވުނު ފުރަތަމަ 28 ދުވަހުގައި ނަތަންޔާހޫއަށް ވަނީ ސަރުކާރެއް އެކުލަވައި ނުލެއްވިފައެވެ. އޭނާ އެދިވަޑައިގަތުމުގެ މަތިން މި މުއްދަތަށް 10 ދުވަސް އިތުރުކޮށްދެއްވިއެވެ. މި މުއްދަތު ހަމަވީ ރޭ މެންދަމު 12:00 ގައެވެ.

ނަތަންޔާހޫއަށްވުރެ ކުރިން "ދީނީ ޞިހްޔޫނިއްޔަތު" ޕާޓީގެ ޒަޢީމު ބިތުސްއީލް ސްމޯޓަރިޗް އޭނާގެ ޓްވިޓަރުގައި ވަނީ އެކަން އިޢުލާން ކުރައްވައިފައެވެ. އޭނާ ވިދާޅުވިއެވެ. "އެންމެންނަށް ތަހްނިޔާ! އަހުރެމެންނަށް ސަރުކާރެއް އެކުލަވައިލެވިއްޖެއެވެ."

އިސްރާއީލުގެ އައު ސަރުކާރު ބަރްލަމާނުގައި ހުވާކުރުން އޮންނާނީ މި އަންނަ ހޯމަދުވަހުއެވެ. އިސްރާއީލުގެ ޗެނެލް 12 ބުނާގޮތުގައި ޔަހޫދީ ޢީދެއްކަމުގައިވާ " ޙާނޫކާ " ޢީދު ނުވަތަ އަންވާރު ޢީދުގެ ސަބަބުން ބަރްލަމާނުގެ މަސައްކަތް އޮތީ ހުއްޓައިލައިފައެވެ.

ނަތަންޔާހޫގެ ކޯލިޝަނުގައި ހިމެނެނީ:

ދީނީ ޞިހްޔޫނިއްޔަތު ޕާޓީ
ޔަހޫދީ ބާރު ޕާޓީ
ނޫޢޫމު ޕާޓީއާއި
ޝާސް ޕާޓީ
ޔަހޫދޫތު ހަތުރާހު

މި ސަރުކާރުގައި ޤައުމީ ސަލާމަތާ ބެހޭ ވުޒާރާ ޙަވާލު ކުރެވޭނީ "ޔަހޫދީ ބާރު ޕާޓީ"ގެ ޒަޢީމު އިތުމާރު ބިން ޣަފީރާއެވެ. މާލީ ވުޒާރާ ޙަވާލު ކުރެވޭނީ "ދީނީ ޞިހްޔޫނިއްޔަތު" ޕާޓީގެ ޒަޢީމު ބިތުސްއީލް ސްމޯޓަރިޗާއެވެ. ދާޚިލީ ވުޒާރާ ޙަވާލު ކުރެވޭނީ ކަނާތު ފިޔައިގެ ދީނީ ޕާޓީއެއް ކަމުގައިވާ ޝާސް ޕާޓީގެ ޒަޢީމު އާރުޔޭ ދިރްޢީ އާއެވެ.

މަޢާރީފު ދުވަހު ނޫސް ބުނާގޮތުގައި ކޯލިޝަންގެ ބައިވެރީން އެދޭ ޤާނޫނުތައް ފާސްކުރެއްވުމަށް ފަހު ބޮޑުވަޒީރު ނަތަންޔާހޫ އޭނާގެ ޕާޓީ ލީކޯޑް ޕާޓީގެ ބޭފުޅުންގެ މެދުގައި މަސްއޫލިއްޔާތުތައް ބައްސަވައިލައްވާނެއެވެ. ނަތަންޔާހޫއާ އޭނާގެ ޕާޓީގެ ތެރޭގައި ވެސް ވަރަށް ގިނަ މަސްއަލަތަކަކާ ކުރިމަތިވެ ވަޑައިގެންފައިވާ ކަން ފާހަގަ ކުރެވެއެވެ. މި ޕާޓީގައި ވެސް ވަޒީރުކަން ބޭނުންފުޅުވާ ވަރަށް ގިނަ މެންބަރުން އެބަ ތިއްބެވިއެވެ.ލަފާކުރެވޭ ގޮތުގައި ދިފާޢީ ވަޒީރުކަން ދެއްވާނީ ލީކޯޑް ޕާޓީގެ ޔޫ އާފް ގެލެންޓަށެވެ. ޖަސްޓިސް މިނިސްޓަރުކަން ދެއްވާނީ ބަރްލަމާނުގެ ވަގުތީ ރައީސް ބާރްލީފް ލެވިނަށެވެ. އެންމެ ދަތި ވުޒާރާއަކަށް އޮތީ ޚާރިޖިއްޔާއެވެ. މި ވުޒާރާ ބޭނުންފުޅުވާ ދެތިން ބޭފުޅަކު އެބަ ތިއްބެވިއެވެ.

ޢުމުރުފުޅުން 73 އަހަރުވީ ނަތަންޔާހޫއަކީ 1996 ން 1999 ށް ވެރިކަން ކުރެއްވި ޒަޢީމެވެ. އެއަށްފަހު 2009 ން ފެށިގެން 2021އާ ހަމައަށް އޭނާ ވަނީ މެދުނުކެނޑި 12 އަހަރު ވެރިކަން ކުރައްވައިފައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *