ރަޝިޔާގެ ނިޔުކްލިއަރ ބާރުތަކުގެ ތައްޔާރީ ޙާލަތު 90% އަށްވުރެ މައްޗަށް ގެންދަވައިފައިވާ ކަމަށް ރޫސީ ރައީސް ވްލަޑްމީރު ޕޫޓިން ހާމަކުރައްވައިފިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާގެ ނިޔުކްލިއަރ ބާރުތަކުގެ ހަނގުރާމަމަތީ ޤާބިލުކަން ވަރުގަދަކުރުމަށް ޓަކައި މަސައްކަތް ކުރުމަށް މޮސްކޯ އޮތީ ކަށަވެތިވެގެންނެވެ. ރޮއެޓަރޒުން ފެތުރިގޮތުގައި ރައީސް ޕޫޓިން ވިދާޅުވިއެވެ. "އަހުރެމެންގެ ބިމުގެ އެއްބައެއްވަންތަކަމާއި ސިޔާދަތުގެ ޖާމިނުވުން އޮތީ މި ކަމުގެ މަތީގައެވެ."
ރައީސް ޕޫޓީން ޢަހްދުވެވަޑައިގެންނެވި ގޮތުގައި ރަޝިޔާއިން ޔުކްރޭނުގައި ފަށައިފައިވާ ޢަސްކަރީ ޚާއްޞަ ޙަމަލާތަކުގެ ލަޑުދަނޑިތައް ޙާޞިލުކުރެވޭނެއެވެ. ދިފާޢާ ބެހޭ އިސްވާރުންނާ މިއަދު ބައްދަލު ކުރައްވަމުން ރައީސް ޕޫޓިން ސިފަކުރެއްވި ގޮތުގައި ރަޝިޔާގެ ސިފައިންނާއި ސިފައިންގެ އިސްވާރުންނަކީ "ބަޠަލުންތަކެކެވެ." ޕޫޓިންގެ ވާހަކަފުޅުގައި ސިފައިންނަށާއި ސިފައިންގެ ވެރިންނަށް ވަރަށް ބޮޑަށް ތާރީފު ކުރައްވައި ސަނާ ވިދާޅުވިއެވެ.
ޕޫޓިން ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ނޭޓޯއިން ދަނީ ރަޝިޔާއާ ދެކޮޅަށް އެ ޖަމާޢަތުގެ ހުރިހާ ބާރުތަކެއް ބޭނުންކުރަމުންނެވެ." ރައީސް ޕޫޓިން ރަޝިޔާގެ ސިފައިންނަށާއި ކޮމާންޑަރުންނަށް ވޭތުވެދިޔަ ދިހަ މަސްދުވަހުގެ ތަޖްރިބާއާއި ސޫރިޔާގެ ހަނގުރާމައިން ލިބިފައިވާ ތަޖްރިބާއާއި ދަސްވެފައިވާ އުކުޅުތައް ރަނގަޅަށް ފުރިހަމައަށް ބޭނުންކުރުމަށް ގޮވައިލެއްވިއެވެ.
ރައީސް ޕޫޓިން ވިދާޅުވި ގޮތުގައި ސިފައިން އެދޭ ހުރިހާ ކަމެއް ސަރުކާރުން ތަނަވަސްކޮށްދޭނެއެވެ. އޭނާ ވިދާޅުވިއެވެ. "ސަރުކާރުން ސިފައިންނަށް ދޭ މާލީ އެހީގައި އެއްވެސް ޤައިދެއް ޙައްދެއް ނޯންނާނެއެވެ."
ޕޫޓިން ވިދާޅުވި ގޮތުގައި ވޭތުވެދިޔަ 10 މަސްދުވަހުގެ ޢަމަލުތަކުން ޑްރޯންގެ މުހިއްމު ކަން ވަނީ އެނގި ފާޅުވެފައެވެ. ރައީސް ޕޫޓިން ވިދާޅުވި ގޮތުގައި އަޑަށްވުރެ ބާރު ދުވެއްޔެއްގައި ދަތުރު ކުރާ ރަޝިޔާގެ ސާމާރޓް ވަރަށް ކައިރި ކުރިމަގެއްގައި ޚިދްމަތަށް ނެރެވޭނެއެވެ. މި ހަތިޔާރަށް "ޝައިޠާނު 2″ ގެ ނަން ދެވިފައި ވެއެވެ.
ރައީސް ޕޫޓިން މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ދިޔައިރު ވައިޓްހައުސް ދަނީ ޔުކްރޭންގެ ރައީސް ޒިލެންސްކީއަށް މަރްޙަބާ ދަންނަވަން ތައްޔާރުވަމުންނެވެ. މިރޭގެ ވަގުތެއްގައި އޭނާ އެމެރިކާއަށް ވަޑައިގަންނަވާނެއެވެ. މިއީ ޔުކްރޭން ހަނގުރާމަ ފެށުނު ފަހުން ޒިލެންސްކީ އެމެރިކާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެމެރިކާއިން ދަނީ ޔުކްރޭނަށް އެމެރިކާގެ ވައިގެ ދިފާޢީ އެންމެ ވަރުގަދަ ނިޒާމު ކަމުގައިވާ ޕޭޓްރިއެޓް މިސައިލް ނިޒާމު ދިނުމަށް ތައްޔާރުވަމުންނެވެ. ރަޝިޔާއިން ބުނާގޮތުގައި މި ނިޒާމު ޔުކްރޭނަށް ދިނުމަކީ ރަތް ރޮނގު ހުރަސްކުރުމެކެވެ. އަދި ޔުކްރޭން ހަނގުރާމަ ރަޝިޔާ- އެމެރިކާ ހަނގުރާމައަކަށް ބަދަލުކޮށްލާނެ ކަމެކެވެ.
އަނެއްކޮޅުން އެމެރިކާގެ ކޮންގްރެސްގެ ތިރިގޭގެ ރައީސާ ޕެލޫސީ މި ރޭ ހައުސްއިން ބާއްވާ ޚާއްޞަ ބައްދަލުވުމުގައި ހުރިހާ މެންބަރުން ބައިވެރިވެ ވަޑައިގަތުމަށް ގޮވައިލައްވައިފިއެވެ. މީޑިއާ ބުނާގޮތުގައި މިއީ ޔުކްރޭންގެ ރައީސް ޒިލެންސްކީ ހައުސާ ބައްދަލު ކުރެއްވުމަށް ޓަކައި ބޭއްވޭ ޚާއްޞަ ޖަލްސާއެކެވެ.
މި ދުވަސްވަރަކީ އެމެރިކާ ސަރުކާރުގެ މި އަންނަ އަހަރުގެ ބަޖެޓާމެދު ބަޙުސްކުރަމުންދާ ދުވަސްވަރެވެ. މި ބަޖެޓްގައި ޔުކްރޭނަށް 44.9 ބިލިއަން ޑޮލަރުގެ އެހީ ކަނޑައެޅިފައިވެއެވެ.



advertisment