Support Us

އިސްރާއީލުގައި ފަލަސްޠީނު ދިދަ ބޭނުންކުރުން މަނާކުރަނީ  

އިސްރާއީލުގެ ކަނާތުފިޔައިގެ ޙައްދުފަހަނަޅައިފައިވާ ޕާޓީތައް އިސްރާއީލުގެ އައު ކެބިނެޓްގެ ތެރެއަށް އަތްގަދަކުރުމާ ވިދިގެން ފަލަސްޠީނު– އިސްރާއީލު އަރާރުން އިތުރަށް ހޫނުކުރާނެ ޤާނޫނުތަކެއް ފާސްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ ލީކޯޑް ޕާޓީގެ ބަރްލަމާނީ މެންބަރެއް ކަމުގައިވާ އަލްޔާހޫ ރަވީވޯ އިސްރާއީލުގައި ފަލަސްޠީނު ދިދަ ގެންގުޅުން މަނާކުރާ ޤާނޫނެއް ފާސްކުރުމުގެ މަސައްކަތް ވަނީ ފަށްޓަވައިފައެވެ. އޭނާ ވިދާޅުވާ ގޮތުގައި މި ދިދައަކީ "ޢިބްރީ ދައުލަތް ނައްތައިލުމަށް މަސައްކަތް ކުރާ ޢަދާވަތްތެރި ފަރާތެއްގެ ދިދައެކެވެ."

މި ޤާނޫނުގެ ދެލިކޮޕީއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރަވީވޯ ވިދާޅުވިއެވެ. "ފަލަސްޠީނުގެ ދިދައަކީ ދުޝްމަނުންނާއި އިސްރާއީލު ފުހެލައި އަހުރެމެންގެ ދަރީން މަރަން އުޅޭ ބަޔަކު އުފުލާ ދިދައެކެވެ." އޭނާ އިތުރަށް ވިދާޅުވިއެވެ. "އަހުރެމެން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ދެކޮޅެއް ނަހަދަމެވެ. އެހެނަސް ނިރުބަވެރި ޢަދުއްވަކަށް ތާއީދު ކުރުމާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ވަރަށް ތަފާތެވެ. އިސްރާއީލުގެ ތެރޭގައި އިސްރާއީލުގެ ސިޔާދަތު ދެމެހެއްޓުމަށް ޓަކައި ފަލަސްޠީނު ދިދަ ނެގުން މަނާކުރުމަކީ ޞަރޫރަތެކެވެ. އިދިކޮޅު މެންބަރުން ވެސް މިކަމުގައި އަހުރެމެންނަށް ތާއީދު ކުރާނެ ކަމަށް އުންމީދުކުރަމެވެ."

މި ޤާނޫނު ފާސްވެއްޖެނަމަ ގޭގޭގައްޔާއި މުޒާހަރާތަކުގައްޔާއި ޔުނިވަރސިޓީތަކުގައްޔާއި ތަޢުލީމުދިނުމުގެ މުއައްސަސާތަކުގައި ފަލަސްޠު ދިދަ ނެގުމާއި ބޭނުންކުރުން މަނާވާނެއެވެ.

ނަތަންޔާހޫ ގަސްތު ކުރައްވަނީ އޭނާއަށް އައު ސަރުކާރެއް އެކުލަވައިލެއްވިއްޖެނަމަ ފަލަސްޠީނު– އިސްރާއީލު ގުޅުންތަކަށް އަސާސީ ބަދަލުތަކެއް ގެންނާނެ ޤާނޫނުތަކެއް ފާސްކުރައްވާށެވެ. މި ޤާނޫނުތަކުގެ ސަބަބުން އިސްރާއީލުގައި މިހާރު ތިބި ފަލަސްޠީނު މީހުން (1948ގެ ފަލަސްޠީނު މީހުން) ފަލަސްޠީނުގެ ބިންތަކުން މުޅިން އެކަހެރި ކުރެވޭނެއެވެ.

ފަލަސްޠީނު މީހުން މުޒާހަރާތަކުގައި ފަލަސްޠީނު ދިދަ އުފުލަމުންދާތީ ނަތަންޔާހޫ ވަރަށް ކަންބޮޑުވެ ވަޑައިގަންނަވައެވެ. އޭނާ ވިދާޅުވާ ގޮތުގައި މުޒާހަރާތަކުގައި ފަލަސްޠީނު ދިދަ އުފުއްލަމުންދާތީ އެކަން ހުއްޓުވަން އެބަޖެހެއެވެ.

މި ދިޔަ އަހަރު ފަލަސްޠީނު މީހުން ބޭއްވި މުޒާހަރާއެއްގައި ފަލަސްޠީނު ދިދަ ބޭނުންކުރުމުން އިސްރާއީލުގެ ބަރްލަމާނުގެ ވަރަށް ގިނަ މެންބަރުން އެކަން ކުށްވެރި ކުރެއްވިއެވެ. އެ އަހަރު ފާސްކުރި ޤާނޫނު ބުނާގޮތުގައި މުޒާހަރާއެއްގައި ފަލަސްޠީނު ދިދަ ބޭނުންކުރި ދަރިވަރަކު އިސްކޫލުން ނުވަތަ ޔުނިވަރސިޓީން ވަކިކުރެވޭނެއެވެ. އަދި އެ ދަރިވަރަކު އެއް އަހަރު ދުވަހަށް ޖަލަށް ލެވޭނެއެވެ. އިސްރާއީލުގެ ޔުނިވަރސިޓީއަކުން ފަލަސްޠީނު ދިދަ ބޭނުންކޮށްފިނަމަ އެ ޔުނިވަރސިޓީއެއް ވަރަށް ބޮޑު ޢަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. މުދައްރިސަކު ފަލަސްޠީނު ދިދަ ބޭނުންކޮށްފިނަމަ އޭނާ ވަޒީފާއިން ވަކިކުރެވޭނެއެވެ.

ފަލަސްޠީނު ދިދަ

އަޞްލަށް ބަލާއިރު ފަލަސްޠީނު ދިދައަކީ ޢަރަބި އުންމަތުގެ ދިދައެވެ. ވިހިވަނަ ސައްތައިގައި ޙިޖާޒީންނާއި ނަޖިދުން އުފުލީ މި ދިދައެވެ. އެއަށްފަހު 1947 ގައި ބަޢަޘީން އެމީހުންގެ ދިދަ ކަމުގައި މި ދިދަ ހެއްޖެވެ. އަދި 1967 ވަނައަހަރުގެ ނާކާމިޔާބީއާ ވިދިގެން އަރަބި ލީގުން މި ދިދައަކީ ފަލަސްޠީނު ދިދަކަމުގައި ހެއްޖެވެ. އަދި 1993 ވަނަ އަހަރުގެ އޮސްލޯ އެއްބަސްވުމަށް ފަހު ފަލަސްޠީނު ތަމްސީލުކުރުމަށް މި ދިދަ ބޭނުންކުރަން ފެށުނެވެ. އޭގެފަހުން ފަލަސްޠީނާއެކު ބޭއްވޭ ވާހަކަދެއްކުންތަކުގައި އިސްރާއީލުން މި ދިދަ ބޭނުންކުރަމުން އައެވެ. އެހެންކަމުން މި ދިދައާ ދެކޮޅު ހެދުމުގެ މާނައަކީ އޮސްލޯ އެއްބަސްވުން އިސްރާއީލުން ޤަބޫލުކުރުމާ ދެކޮޅުހެދުމެވެ. ދެ ދައުލަތުގެ ޙައްލާ ދެކޮޅު ހެދުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *