Support Us

2022 އަކީ ފަލަސްޠީނަށް "ހައްދުފަހަނަޅައިފައިވާ ހިންސާ" އަހަރެއް: އދ

އިސްރާއީލުން މިއަހަރުގެ ތެރޭގައި ފަލަސްޠީނުގެ 150 މީހަކު މަރައިލައިފައިވާ ކަމަށާއި އޭގެ ތެރޭގައި 33 ކުޑަ ކުދިން ހިމެނޭ ކަމަށް އދ އިން އިއްޔެ ބުނެފިއެވެ. އދ އިން ސިފަކުރިގޮތުގައި މި އަހަރަކީ ހިންސާގެ ޢަމަލުތަކުގައި އިސްރާއީލުގެ ބާރުތައް ހައްދުފަހަނަޅައިފައިވާ އަހަރެކެވެ.

އދ އިން މިކަން ހާމަކުރީ އދގެ އިންސާނީ ޙައްޤުތަކާ ބެހޭ ހައިކަމިޝަނަރުގެ އޮފީހުގެ ވެބްސައިޓްގައި ޝާއިޢު ކުރި ރިޕޯޓެއްގައެވެ. މި ރިޕޯޓު ތައްޔާރުކޮށްފައިވަނީ އެ އޮފީހުގެ ތިން ތަޖްރިބާކާރުންނެވެ. މި ތިން ބޭފުޅުން މި ރިޕޯޓުގައި ސޮއި ކުރައްވައިފައި ވެއެވެ.

އިސްރާއީލުން ވަޒަންވެރިކުރުވާފައިވާ ޔަހޫދީންގެ ހަރުކަށި ޢަމަލުތައް އިތުރުވެފައިވާތީއާއި ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިން ހައްދުފަހަނަޅައިފައިވާ މިންވަރަށް ބާރުގެ ބޭނުންކޮށްފައިވާތީ މި ރިޕޯޓުގައި އެކަންކަން ކުށްވެރިކޮށްފައި ވެއެވެ. މި ކަމުގެ ސަބަބުން 2022 ވަނަ އަހަރަކީ އިސްރާއީލުން ހިފައިފައިވާ ފަލަސްޠީނުގެ ބިންތަކުގައި އެންމެބޮޑަށް ލޭ އޮހޮރުވުމުގެ ޙާދިސާތައް ހިނގި އަހަރުކަން ފާހަގަ ކުރައްވައިފައި ވެއެވެ.

މި ރިޕޯޓުގައި އެ ބޭފުޅުން އިސްރާއީލަށް ހަނދާންކޮށް ދެއްވައިފައިވާ ގޮތުގައި ފަލަސްޠީނު މީހުންނާމެދު އިސްރާއީލުން އެއީ ދުޝްމަނުންކަމުގައި ނުވަތަ ނިރުބަވެރީން ކަމުގައި ބަލައިގެން ނުވާނެކަމަށް ވިދާޅުވެފައިވެއެވެ. އެހެނަސް އެއީ ބައިނަލްއަޤްވާމީ ޤާނޫނުތައް ބުނާގޮތުގައި އިސްރާއީލުން އެމީހުންނަށް ޙިމާޔަތް ދޭން ޖެހޭނެ ބައެކެވެ.

ބައިނަލްއަޤްވާމީ ޤާނޫނާ އެއްގޮތަށް ފަލަސްޠީނު މީހުންނަށް އަމާންކަމާއި ފާގަތިކަމާއި ޙިމާޔަތް ފޯރުކޮށް ދިނުމަށް އދ ގެ ތަޖްރިބާކާރުން އިސްރާއީލަށް ގޮވައިލެއްވިއެވެ.

މި ބޭފުޅުން ފާހަގަ ކުރައްވައިފައިވާ ގޮތުގައި ހިފައިފައިވާ ބިންތަކުގައި ވަޒަންކުރުވައިފައިވާ ޔަހޫދީންނާއި މޫނު ފޮރުވައިގެން ތިބޭ މީހުން ފަލަސްޠީނު މީހުން ގޭގައި ތިއްބާ ޙަމަލާދެވެއެވެ.އަދި ފަލަސްޠީނު ކުދިން މަދުރަސާއަށް ދަނިކޮށް މަގުމަތީގައި ވަރަށް ގިނައިން ޙަމަލާދެވެއެވެ. މީގެއިތުރަށް އެމީހުންގެ މިލްކިއްޔާތުތަކާއި ދަނޑުބިންތައް އަންދާލައެވެ. ފަލަސްޠީނު މީހުންނާ ދެކޮޅަށް ނިރުބަވެރި ޙަމަލާތައް ދޭކަމަށާއި މިފަދަ ޢަމަލުތައް ހިންގާ އެއްވެސް މީހަކަށް އިސްރާއީލުން އަދަބުދީފައި ނުވާ ކަން ވެސް މި ރިޕޯޓު ފާހަގަކޮށްފައި ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *