Support Us

ޔުކްރޭނަށް ޕޭޓްރިއެޓް މިސައިލް ދީފިނަމަ ރައްދު ދޭނެކަމުގެ އިންޒާރު ރަޝިޔާއިން ދީފި

ވޮޝިންގްޓަނުން ކިޔީވަށް ޕޭޓްރިއެޓް މިސައިލް ދީފިނަމަ ރަޝިޔާއިން އެކަމަށް ރައްދުދޭނެ ކަމުގެ އިންޒާރު ރަޝިޔާގެ އިސް މަސްއޫލުވެރިއަކު ދެއްވައިފިއެވެ.

ރަޝިޔާގެ ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ ނައިބު ރައީސް ޑިމިޓްރީ މެޑްވެޑޭވް މި އިންޒާރު ދެއްވީ ނޭޓޯގެ އަމީން ޢާންމު ޔެންސް ސްޓޮލްޓެންބަރގް ކިޔީވަށް ޕޭޓްރިއެޓް މިސައިލް ނިޒާމާއި ނޭޓޯގެ ކަމާބެހޭ ޢުންޞުރުތައް ދޭނެކަމަށް ވިދާޅުވުމުންނެވެ. މެޑްވެޑޭވް ވިދާޅުވި ގޮތުގައި އެހިނދު މި ނިޒާމުތަކާއި ޢުންޞުރުތައް ރަޝިޔާގެ ލަޝްކަރުތަކުގެ އަމާޒަކަށް ވެގެންދާނެއެވެ. އެމެރިކާގެ ބައެއް މަސްއޫލުވެރީން ވިދާޅުވާ ގޮތުގައި ވޮޝިންގްޓަނުން ދަނީ މި ކަމާބެހޭ އެންމެ ފަހު ވިސްނުމުގެ ތެރޭގައި ބަހުސް ކުރަމުންނެވެ.

އެމެރިކާގެ މަސްއޫލުވެރީން ވިދާޅުވާ ގޮތުގައި މި އަންނަ ހަފުތާގައި މި ކަމާ ބެހޭގޮތުން ވޮޝިންގްޓަނުން އިޢުލާނެއް ކުރާނެއެވެ. އެމެރިކާގެ މަސްއޫލުވެރީން އިޝާރާތްކުރައްވާ ގޮތުގައި ޕޭޓްރިއެޓް މިސައިލް ނިޒާމުތައް ދެތިން ހަތަރު ދުވަހުގެ ތެރޭގައި ޔުކްރޭނަށް ފުރުވައިލެވޭނެއެވެ. އެއަށްފަހު މި ނިޒާމު ބޭނުންކުރުމާ ބެހޭގޮތުން ޔުކްރޭން ސިފައިންނަށް ޖަރްމަނުގައި ތަމްރީނު ދޭނެއެވެ.

އެމެރިކާގެ މަސްއޫލުވެރީން ވިދާޅުވާ ގޮތުގައި ރައީސް ބައިޑްން މި ކަމާބެހޭ ލިޔުމުގައި ސޮއިކުރައްވާނީ ދިފާޢީ ވަޒީރު އޮސްޓިން އެކަމަށް ޤަބޫލުފުޅުވުމުންނެވެ.

ކިޔީވަށް ޕޭޓްރިއެޓް މިސައިލް ނިޒާމު ލިބުމަކީ ރޫސީ ސިފައިން ދެމުންގެންދާ ވައިގެ ޙަމަލާތައް ދިފާޢުކުރުމަށް ލިބޭ ވަރަށް ބޮޑު އެހީއެކަށް ވާނެ ކަމަށް ކިޔީވުން ބުނެއެވެ. އެސޯޝޭޓެޑް ޕްރެސް ބުނާގޮތުގައި މި ކަމުގެ ސަބަބުން ޔުކްރޭން ހަނގުރާމަ އިތުރަށް ހޫނުވެގެންދާނެއެވެ.

ޖަމާޢަތް 7ގެ ބައްދަލުވުމެއްގައި ޔުކްރޭންގެ ރައީސް ދާދިވަރުކޮށް ވާހަކަފުޅު ދައްކަވަމުން އޭނާ ވަނީ ޒަމާނީ މޮޅު ހަތިޔާރު ޔުކްރޭނަށް ދިނުމަށް އެދިވަޑައިގަންފައެވެ. ޔުކްރޭނުގެ ޚާރިޖީވަޒީރު ކޮލީބާ އިއްޔެ ވަނީ އިތރު ހަތިޔާރަށާއި ޢަސްކަރީ އުޅަނދުފަހަރަށާއި ވައިގެ ދިފާޢީ ނިޒާމުތަކަށާއި ބޮޑުބަޑިއަށާއި އާޓިލަރީ ހަތިޔާރަށް އެދިވަޑައިގަތްފައެވެ. އޭނާ ވިދާޅުވި ގޮތުގައި މި އަހަރުގެ ފިނި މޫސުމުގައި ޔުކްރޭނަށް ވަނީ ހަނގުރާމަ ކުރަން މަޖުބޫރުވެފައެވެ.

ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ވަޒީރުން ޔުކްރޭނަށް 2.1 ބިލިއަން ޑޮލަރުގެ ޢަސްކަރީ އެހީ ދެއްވާނެކަން އިޢުލާން ކުރުމާއެކު އިނގިރޭސިވިލާތުން ވަނީ 50 މިލިއަން ޕައުންޑްގެ އެހީއެއް ދޭނެކަން ހާމަކޮށްފައެވެ. މި އެހީގެ ތެރޭގައި މަތިންދާބޯޓާ އިދިކޮޅު 150 ބަޑިއާއި ޑްރޯނާ އިދިކޮޅު ފަންނިއްޔަތު ހިމެނެއެވެ.

އަނެއްކޮޅުން ފަރަންސޭސި ޚާރިޖީ ވަޒީރާ ކެތުރީން ކޮލޯނާ ވިދާޅުވާ ގޮތުގައި މިހާރު ފެށިފައިވާ ފިނިމޫސުމާ ކުރިމަތިލުމަށް ޓަކައި ޔުކްރޭނަށް ބިލިއަން ޔޫރޯގެ އެހީއެއް ދެވޭނެއެވެ. މިއީ ރަޝިޔާގެ ޙަމަލާތަކުގެ ސަބަބުން ޔުކްރޭނުގެ ކަރަންޓާއި ފެނުގެ ވިޔުގަތައް ހަލާކުވެފައިވާތީ ކަރަންޓާއި ހީފިލުވުމުގެ ވަސީލަތްތައް ތަނަވަސްކޮށް ދިނުމަށް ދެވޭ އެހީއެކެވެ.

ޖުމްލަ 46 ޤައުމަކާއި ބައިނަލްއަޤްވާމީ 24 ޖަމްޢިއްޔާއެއް ބައިވެރިވި މި ސިންތާގައި ވާހަކަފުޅު ދައްކަވަމުން ކޮލޯނާ ހާމަކުރެއްވި ގޮތުގައި މި ސިންތާއިން "ޕެރިސް އާލިއްޔަތު"ގެ ނަމުގައި ޔުކްރޭނަށް އެހީވުމަށް ޓަކައި އައު އާލިއްޔަތެއް ޤާއިމު ކުރުމަށް އެއްބަސްވެވުނެވެ. މި ސިންތާގެ އިފްތިތާޙީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔުކްރޭނުގެ ރައީސް ޒިލެންސްކީ ވިދާޅުވި ގޮތުގައި އޭނާގެ ޤައުމަށް އަވަސް އެހީގެ ގޮތުގައި 800 މިލިއަން ޔޫރޯ ބޭނުންވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *