ޙަކީމީ ބޭސްވެރިކަމުގެ ނުވަތަ ބަދީލީ ބޭސްވެރިކަމުގެ އަގު ވަޒަންކޮށް އެ ބާވަތުގެ ބޭސްވެރިކަން ބަލައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރިންދްރާ މޯދީ ދުނިޔެއަށް ގޮވައިލައްވައިފިއެވެ.
މި ބޭސްވެރިކަމަށް އަޔުރުވެދާ ބޭސްވެރިކަމޭ ކިޔެއެވެ. މި ކަމަށް ބޮޑުވަޒީރު މޯދީ ގޮވައިލެއްވީ ގޯވާގައި އިއްޔެ ބޭއްވި ސިންތާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އަޔުރުވެދާ" މި ލަފުޒު އައިސްފައި ވަނީ ސެންސްކްރިތު ބަހުގެ ދެ ކަލިމައަކުންނެވެ. އަޔުރުގެ މާނައަކީ ޙަޔާތެވެ. ވެދާގެ މާނައަކީ ޢިލްމު ނުވަތަ ސައެންސެވެ.
އިނގިރޭސިވިލާތުގެ ދަ ޓައިމްސް ބުނާގޮތުގައި މޯދީ ވިދާޅުވިއެވެ. "ޒަމާންވީ ބޭސްފަރުވާގެ ނިޒާމެއް ކަމުގައިވާ އަޔުރުވެދާ 30 ޤައުމަކުން ޤަބޫލު ކުރާތީ އަޅުގަނޑު ވަރަށް އުފާކުރަމެވެ." މޯދީ މި ސިންތާގެ ބައިވެރީންނަށް އެކުގައި މަސައްކަތްކޮށްގެން ބޭސްވެރިކަމުގެ މި ނިޒާމު ދުނިޔޭގައި ފެތުރުމަށް މަސައްކަތް ކުރުމަށް ގޮވައިލެއްވިއެވެ.
ޑަކްޓަރީ ބޭސް ފަރުވާގެ ނިޒާމު އަގު ބޮޑުކަމުން އިންޑިއާއާއި ނޭޕާލުގައި ވަރަށް ގިނަ ބަޔަކު އަޔުރުވެދާ ބޭސްފަރުވާ ކުރެއެވެ. މި ބޭސްވެރިކަމުގެ އަސާސަކީ ފަތްޕިލާވެއްޔެވެ.
މޯދީގެ ސަރުކާރުން ތަކުރާރުކުރާކޮށް ބުނާ ގޮތުގައި އަޔުރުވެދާ ބޭސްފަރުވާގެ ނިޒާމަކީ އިންޑިޔާއިން ދުނިޔެއަށް ތަޢާރުފުކުރި ނިޒާމެކެވެ. އެއީ އިންޑިއާގެ "ސަޤާފީ އަރުތަ" އެކެވެ. މިހެންވެ މޯދީ ވަނީ މި ކަން ފެތުރުމަށް ޓަކައި ޚާއްޞަ ވުޒާރާއެއް ވެސް ޤާއިމުކުރައްވައިފައެވެ.
މޯދީ ގޯވާއަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި ޙަކީމީ ބޭސްވެރިކަމާ ބެހޭ ދިރާސާތައް ކުރުމަށް ޓަކައި އައު މަރްކަޒެއް ވެސް ހުޅުއްވާ ދެއްވިއެވެ. އަދި ނިވްދިއްލީއާއި ޣާޒީއާބާދުގައި ދާދިވަރުކޮށް މަސައްކަތްކުރާ ދެ އިދާރާއެއް ވެސް ވަނީ ހުޅުއްވައިދެއްވައިފައެވެ.
މޯދީގެ ކެބިނެޓްގެ ބައެއް ވަޒީރުންނާއި އިސް މަސްއޫލުވެރީންގެ ތެރެއިން ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އަޔުރުވެދާ ބޭސްފަރުވާކޮށްގެން ކެންސަރަށް ވެސް ފަރުވާ ދެވިދާނެއެވެ.
މޯދީ ގޯވާގައި ވަރަށް ނުސީދާ ގޮތަކަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ގޮތުގައި ދުނިޔެ ވަނީ ބޭސްފަރުވާ ކުރުމުގެ ވަރަށް ގިނަ ގޮތްތަކަކާއި ވަސީލަތްތަކެއް ތަޖްރިބާކޮށްފައެވެ. މިހާރު ދުނިޔެ އަނބުރާ މި އަންނަނީ ޤަދީމީ އަޔުރުވެދާގެ ފަރުވާއަށެވެ.
އިންޑިއާގެ މެޑިކަލް ޖަމްޢިއްޔާއިން އިންޑިއާ ސަރުކާރުގެ މަސްއޫލުވެރީންގެ މިފަދަ ވާހަކަތަކާ ދެކޮޅުހަދައެވެ. މި ޖަމްޢިއްޔާ ބުނާގޮތުގައި އަޔުރުވެދާ ބޭސްފަރުވާއިން ކޮވިޑް-19 ރަނގަޅުކޮށްފައިވާ ކަމަށް ދައްކާ ވާހަކައަކީ އެއްވެސް ޙަޤީޤަތެއް އޮތް ވާހަކައެއް ނޫނެވެ.
މޯދީ ގޯވާގައި ވާހަކަފުޅު ދައްކަވަމުން އަޔުރުވެދާ ބޭސްވެރީންނަށް އެމީހުންގެ ދިރާސާތައް މަޖައްލާތަކުގައްޔާއި ޚަބަރުފަތުރާ ވަސީލަތްތަކުގައި ޝާއިޢު ކުރުމަށް ގޮވައިލެއްވިއެވެ.



advertisment