Support Us

މެދުއިރުމަތީގެ ރައްޔިތުންނަށް އިޙްތިރާމު ކުރުމަށް ޗައިނާގެ ރައީސް ގޮވައިލައްވައިފި

ފަލަސްޠީނުގެ ރައްޔިތުންނާ ކުރިމަތިވެފައިވާ އަނިޔާވެރިކަމާ ދެކޮޅު ހައްދަވާ ޗައިނާގެ ރައީސް ޝީ ޖިންޕިންގް ނުރުހުން ފާޅުކުރައްވައިފިއެވެ. ޗައިނާ ޢަރަބި ސަމިޓްގެ އިފްތިތާޙީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ދެ ދައުލަތުގެ ޙައްލަށް ޗައިނާ ތާއީދުކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޗައިނާގެ ރައީސް ޝީ ވިދާޅުވިއެވެ. "ފަލަސްޠީނު މީހުން ބަރުދާސްތުކުރަމުންދާ ތާރީޚީ އަނިޔާވެރިކަން މެދުނުކެނޑި ދެމިގެންގޮސްގެން ނުވާނެއެވެ. އެމީހުންގެ ޤާނޫނީ ޙައްޤުތަކާމެދު ޖަދަލެއް ނުކުރެވޭނެއެވެ."

އޭނާ ވިދާޅުވި ގޮތުގައި ފަލަސްޠީނަށް އދ ގެ ފުރިހަމަ މެންބަރުކަން ދިނުމަކީ ޟަރޫރަތް ނިޔާކުރާ ކަމެކެވެ.

ޝީ ވިދާޅުވި ގޮތުގައި ބޭޖިންގުން ދެ ދައުލަތުގެ ޙައްލަށް ތާއީދު ކުރެއެވެ. އަދި 1967ގެ ސަރަޙައްދުގެ ތެރޭގައި ފަލަސްޠީނުގެ ދައުލަތް ޤާއިމުކުރެވެން ޖެހޭނެއެވެ. މި ދައުލަތުގެ ވެރިރަށް ކަމުގައި ޤުދްސް ވާން ޖެހޭނެކަމަށް ވެސް ޝީ ވިދާޅުވިއެވެ.

ޝީގެ ވާހަކަފުޅުގައި ޗައިނާއާއި ޢަރަބި ޤއުމުތަކާ ދެމެދުގައިވާ ގުޅުންތަކުގެ ފެންވަރަށް ތާރީފުކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ރިޔާޟުގައި މި ބޭއްވޭ ޗައިނާ– ޢަރަބި ސަމިޓަކީ ޗައިނާ- ޢަރަބި ގުޅުމުގެ ތާރީޚީ އައު ޞަފްޙާއެކެވެ.

އޭނާ ވިދާޅުވި ގޮތުގައި ދެ ފަރާތުގެ ދެމެދުގައިވާ ގުޅުންތައް ޤާއިމުވެފައި ވަނީ "ސުލްޙަމަސަލަސްކަމާއި އެއްގަލަކަށް އެރުމާއި ޙައްޤަށް ޓަކައި މަސައްކަތްކުރުމާއި ޙަޟާރާތްތަކުގެ މެދުގައި ވާހަކަދެއްކުމަށް ގޮވައިލުމުގެ މަތީގައެވެ."

އޭނާ ވިދާޅުވި ގޮތުގައި ޢަރަބީން ގޮވައިލަނީ ދުނިޔޭގައި ސުލްޙަމަސަލަސްކަމާއި ޢަދްލު އިންސާފު ޤާއިމު ކުރުން ޟަރޫރަތަކަށް ވެފައިވާ ކަމަށެވެ. އޭނާ މެދުއިރުމަތީގެ ރައްޔިތުންނަށް އިޙްތިރާމު ކުރުމަށް ބައިނަލްއަޤްވާމީ މުޖްތަމައަށް ގޮވައިލެއްވިއެވެ.

އެއްބާރުލުމާއި އެކަތިގަނޑަކަށްވުން ހަރުދަނާކުރުމަށާއި އިތުބާރުކުރަނިވި ކުރިމަގެއް ބިނާކުރުމަށް ޓަކައި މަސައްކަތް ކުރުމަށް ޝީ ޗައިނާއަށާއި ޢަރަބީންނަށް ގޮވައިލެއްވިއެވެ. އަދި އެހެންމީހުންގެ ކަންތައްތަކާ ނުބެހުމުގެ އުޞޫލުތަކަށް ތަބާވުމަށް ވެސް ގޮވައިލެއްވިއެވެ.

ޢާލަމީ އަމްނާ ބެހޭ އިސްނެގުމުގައި ޢަރަބީން ބައިވެރިވަމުންދާތީ ރައީސް ޝީ ޢަރަބި ޤައުމުތަކަށް މަރްޙަބާ ވިދާޅުވިއެވެ. އޭނާ ވިދާޅުވިއެވެ. "ތަރައްޤީއާއި ޞިއްޙަތާއި ކާބޯތަކެތީގެ އަމްނު ވަރުގަދަކުރުމާބެހޭ ކަށަވެތިވުންތައް ތަންފީޒު ކުރުމުގައި ޗައިނާ ޢަރަބީންނާއެކު ބާރަށް ކުރިއަށް ދާނެއެވެ."

މި ބާވަތުގެ ފުރަތަމަ ސަމިޓް

މި ސަމިޓް އިފްތިތާޙު ކޮށް ދެއްވަމުން ސުޢޫދީ ވަލީޢަހްދު މުޙައްމަދު ބިން ސަލްމާން ވިދާޅުވި ގޮތުގައި ޗައިނާ އަރަބި ސަމިޓުގެ ސަބަބުން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ އީޖާބީ ނަތީޖާތަކެއް ނުކުންނާނެ ކަމަށް އުންމީދު ކުރެއްވެއެވެ.

މިއީ ޗައިނާ- އަރަބި ފުރަމަ މަހާސިންތާކަމަށް ސުޢޫދީ ވަލީ ޢަހްދު ވިދާޅުވިއެވެ. މި ބައްދަލުވުމުގެ އަމާޒަކީ ގުޅިފައިވާ އެއްބާރުލުމުގެ ފެންވަރު އައު އުސްމިންތަކަކަށް އުފުއްލުންކަމަށް ވެސް މުޙައްމަދު ބިން ސަލްމާން ވިދާޅުވިއެވެ.

ޗައިނާ އަރަބި ސަމިޓުގައި ސުޢޫދީ ވަލީ ޢަހްދާއި ޤަޠަރުގެ އަމީރު ޝައިޚު ތަމީމު ބިން ޙަމަދާއި އިމާރާތުގެ ރައީސް މުޙައްމަދު ބިން ޒާއިދާއި ބަޙްރައިނުގެ ރަސްގެފާނުގެ އިތުރަށް މިޞްރުގެ ރައީސް ސީސީއާއި ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސާއި ތޫނިސްގެ ރައީސް ޤައިސް ސުޢައްޔިދާއި މޮރިތޭނިޔާގެ ރައީސް މުޙައްމަދު ވިލްދު އައްޝައިޚު އަލްޣަޒްވާނީއާއި ޖިބޫތީގެ ރައީސް ޢުމަރު ޖީލީއާއި ކޮމޯރޯސްގެ ރައީސް ޢުޘްމާނު ޣަޒާލީއާއި ޞޫމާލުގެ ރައީސް ޙަސަނުއްޝައިޚު މަޙްމޫދާއި ސޫދާނުގެ ސިޔާދަތީ މަޖިލީހުގެ ރައީސް ޢަބްދުލްފައްތާޙުލް ބުރްހާނާއި ޔަމަނުގެ ޤިޔާދަތީ މަޖިލީހުގެ ރައީސް ރަޝާދުލް ޢުލައިމީއާއި ލީބިޔާގެ ރިޔާސީ މަޖިލީހުގެ ރައީސް މުޙައްމަދުލް މަންފީ ބައިވެރިވެ ވަޑައިގަތެވެ.

މި ބޭފުޅުންގެ އިތުރަށް ކުވައިތުގެ ވަލީޢަހްދު މިޝްޢަލުލް އަޙްމަދުލް ޖާބިރާއި ޢިރާޤުގެ ބޮޑުވަޒީރު މުޙައްމަދުއްސޫދާނީއާއި މަޣްރިބުގެ ބޮޑުވަޒީރު ޢަޒީޒު އަޚްނޫޝާއި ޖަޒާއިރުގެ ބޮޑުވަޒީރު އައިމަން ބިން ޢަބްދުއްރަޙްމާނާއި ލުބްނާނުގެ ބޮޑުވަޒީރު ނަޖީބު މީޤާތީއާއި ޢުމާނުގެ ބޮޑުވަޒީރުގެ ނައިބު ފަހްދު ބިން މަޙްމޫދުއާލު ސަޢީދު ވެސް މި ސަމިޓްގައި ބައިވެރިވެ ވަޑައިގަތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *