ގަލްފު ސަމިޓުން ޗައިނާއާއެކު އެއްބާރުލުމަށް މަރްޙަބާ ކިޔައިފި
ސުޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ގަލްފުގެ އެއްބާރުލުމުގެ މަޖިލީހުގެ 43ވަނަ ސަމިޓް މިއަދު ބާއްވައިފިއެވެ. މި ސަމިޓްގެ އިތުރަށް ޗައިނާ-ގަލްފް ސަމިޓާއި ޗައިނާ- ޢަރަބި ސަމިޓް ވެސް ރިޔާޟުގައި މިއަދު ބޭއްވުނެވެ. މި ސަމިޓްތަކުން ނެރުނު ބަޔާން ބުނާގޮތުގައި މި ސަމިޓްތަކުގެ ސަބަބުން ޗައިނާއާއެކު އިސްތިރާތީޖީ ބައިވެރިވުމާއި އެއްބާރުލުން ހަރުދަނާވެގެން ފުޅައުވެގެން ދިޔުމަށް އުންމީދު ކުރެވެއެވެ.
ރިޔާޟުގައި މިއަދު ބޭއްވުނު ގަލްފް ސަމިޓުން ގަލްފް– ޗައިނާ ސަމިޓަށާއި ޗައިނާ ޢަރަބި ސަމިޓަށް ވަރަށް ހޫނު މަރްޙަބާއެއް ކިޔެއެވެ.
ގަލްފްގެ އެއްބާރުލުމުގެ މަޖިލީހުގެ އެންމެ މަތީ މަޖިލީހުން އޯޕެކް+ ގެ ނިންމުންތަކަށް ތާއީދުކުރާކަން ހާމަކުރިއެވެ. މި މަޖިލިސް ބުނާގޮތުގައި އޯޕެކް+ގެ ނިންމުންތަކަކީ ތެލުގެ ބާޒާރަށް ތަވާޒުނު ގެނައުމަށް ޓަކައި ނިންމައިފައިވާ ނިންމުންތަކެކެވެ.
ގަލްފުގެ އަމްނާއި އަމާންކަން
ގަލްފް ސަމިޓްގެ ނިންމުންތައް ކަށަވަރުކޮށްދީފައިވާ ގޮތުގައި އެ މަޖިލީހުގެ ކޮންމެ ޤައުމަކީ އެހެން ޤައުމުތަކާ ވަކިކޮށްނުލެވޭނެ ފަދަ ޙާލަތެއްގައި އޮތް ޤައުމެކެވެ. އެ ޤައުމުތައް ބައިވެރިވާ ދިފާޢީ ޖަމާޢީ އަމްނުގެ މަފްހޫމަކީ ލާމެހި ގުޅިފައިވާ ކަމެކެވެ.
މި ހުސްވި މަހު ތުރްކީގެ އިސްތަންބޯލުގެ މެދުތެރޭގައި އޮންނަ ތަޤްސީމު ސަރަޙައްދުގައި ހިންގައިފައިވާ ބޮން ގޮއްވުމުގެ ނިރުބަވެރި ޙާދިސާ މި ސަމިޓުން ކުށްވެރި ކުރިއެވެ. އަދި އީރާނުން ނިރުބަވެރި ޖަމާޢަތްތަކަށާއި ޠާއިފީ މިލީޝިޔާ ބާރުތަކަށް ވާގިވެރިވަމުންދާތީ ގަލްފް މަޖިލީހުން އީރާނު ކުށްވެރިކުރިއެވެ.
މި ސަމިޓް ހުޅުއްވާ ދެއްވަމުން ސުޢޫދީ ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާން ގަލްފްގެ އެއްބާރުލުމުގެ މަޖިލީހުގެ ޤައުމުތަކުގެ މެދުގައި ތަކާމުލު އޮތުމުގެ އަހައްމިއްޔަތަށް ބައްލަވައިލެއްވިއެވެ. ބިން ސަލްމާން މި ކަމަށް ޓަކައި މަސައްކަތް ކުރުމަށް ގަލްފުގެ ހުރިހާ ޤައުމުތަކަކަށް ގޮވައިލެއްވިއެވެ.
ވަލީޢަހްދު މުޙައްމަދުގެ ވާހަކަފުޅުގައ ރިވެތި އަވަށްޓެރިކަމުގެ ގުޅުމަށާއި ބައިނަލްއަޤްވާމީ ޗާޓަރުތަކަށް ކަށަވެތިވުމަށް އީރާނުން ގޮވައިލެއްވިއެވެ.
މުހައްމަދު ބިން ސަލްމާން ވިދާޅުވިގޮތުގައި ދުނިޔެއަށް ބޭނުންވާ ހަކަތަ ހޯދުމަށް ލިބިފައިވާ އިތުބާރު ހުރި މަސްދަރެއްގެ ގޮތުގައި ގަލްފުގެ އެއްބާރުލުމުގެ މަޖިލިސް ދެމިއޮންނާނެއެވެ.
ދެ ދައުލަތުގެ ޙައްލުގެ ގިއުގަނޑުގެ ތެރޭގައި ފަލަސްޠީނު މަސްއަލަ ޙައްލުކުރުމަށާއި ޢަރަބި އިސްނެގުމާ އެއްގޮތްވާ ގޮތުގެ މަތިން ފަލަސްޠީނު ދައުލަތް ޤާއިމުކުރުމަށް ސުޢޫދީ ވަލީ ޢަހްދު ދުނިޔެއަށް ގޮވައިލެއްވިއެވެ.
ގަލްފް– ޗައިނާ ސަމިޓް
ގަލްފް– ސަމިޓްގެ އިފްތިތާޙީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުޙައްމަދު ބިން ސަލްމާން ވިދާޅުވިއެވެ. " މިއީ ގަލްފާ ޗައިނާއާ ދެމެދުގައިވާ ގުޅުންތައް އައު އުސްމިންތަކަކަށް އުދުއްސައިގަތުމުގެ ތާރީޚީ ބައްދަލުވުމެވެ. ގަލްފްގެ ޤައުމުތަކުން ބޭޖިންގާ އެކު އިސްތިރާތީޖީ ގުޅުންތައް ބަދަހިކުރުމަށާއި ވަރުގަދަކުރުމަށް އިސްކަން ދޭކަމަށް މުޙައްމަދު ބިން ސަލްމާން ވިދާޅުވިއެވެ.
2022ވަނަ އަހަރުގެ މޮންޑިޔާލަށް މެހެމާންދާރީ އަދާކުރުމުގައި ޤަޠަރު ހޯދައިފައިވާ ކާމިޔާބީތައް ފާހަގަ ކުރައްވާ ސުޢޫދީ ވަލީއަޙްދު ޤަޠަރުގެ އަމީރު ޝައިޚު ތަމީމު ބިން ޙަމަދަށް ތަހްނިޔާ ދެންނެވިއެވެ.
ޗައިނާގެ ތަރްޙީބު
މި ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން ޗައިނާގެ ރައީސް ޝީ ޖިންޕިންގް ޗައިނާ – ގަލްފް އެއްބާރުލުމުގެ ފެންވަރު އުފުއްލެމުންދާ މިންވަރަށް ބައްލަވައިލައްވާ ގަލްފުގެ ޤައުމުތަކަށް މަރްޙަބާ ވިދާޅުވިއެވެ. އެ ދެ ފަރާތުގެ ދެމެދުގައި ގުޅުންތައް ވަރަށް މަތީ ފެންވަރަކަށް ތަކާމުލުވެފައިވާ ކަން ޝީ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ޗައިނާއާއި ގަލްފްގެ ޤައުމުތަކަކީ އެއްބާރުލުމުގެ މައިދާނުގައި ޠަބީޢީ ދެ ބައިވެރީންނެވެ.ޗައިނާގެ ރައީސް ވިދާޅުވި ގޮތުގައި ގަލްފްގެ ޤައުމުތަކާއެކު ޗައިނާއިން ވުނަކުރުމާބެހޭ ޚާއްޞަ މަޖިލީހެއް ޤާއިމު ކުރާނެއެވެ. އަދި ނިޔުކްލިއަރ ސަލާމަތާ ބެހޭ ޗައިނާ ގަލްފް މަރްކަޒެއް ވެސް ޤާއިމު ކުރާނެއެވެ. ރައީސް ޝީ ވިދާޅުވިގޮތުގައި ޤައުމީ ފައިސާއިން ވިޔަފާރީގެ އެންމެހާ މުޢާމަލާތުތަކެއް ކުރުމުގެ ނިޒާމެއް ޙަރަކާތްތެރި ކުރުވަން ޗައިނާއިން ގަލްފްގެ ޤައުމުތަކާއެކު އެއްބާރުލާނެއެވެ.



advertisment