Support Us

އިސްތިރާތީޖީ ބައިވެރިވުން ޤާއިމުކުރުމާ ބެހޭ އެއްބަސްވުމެއްގައި ސައޫދީ- ޗައިނާ ސޮއިކޮށްފި

ސުޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާ ޗައިނާގެ ރައީސް ޝީ ޖިންޕިންގ މިއަދު ރިޔާޟުގައި އެ ދެ ޤައުމުގެ ދެމެދުގައި އިސްތިރާތީޖީ ބައިވެރިވުން ޤާއިމުކުރުމާ ބެހޭ އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ. ޗައިނާގެ ރައީސް ޝީ ކަށަވަރުކޮށްދެއްވި ގޮތުގައި އޭނާގެ މި ދަތުރުފުޅުގެ ސަބަބުން ޗައިނާއާއި އަރަބި ދުނިޔެއާއި ގަލްފުގެ ޤައުމުތަކާއި ސުޢޫދިޔާއާ ދެމެދުގައި "އައު ޢަޞްރެއް" ހުޅުވިގެންދާނެއެވެ.

މިއަދުގެ ވަގުތެއްގައި ސުޢޫދީ ވަލީޢަހްދު މުޙައްމަދު ބިން ސަލްމާން ޗައިނާގެ ރައީސް ޝީއާ ބައްދަލު ކުރެއްވިއެވެ. މި ބައްދަލު ކުރެއްވުން އޮތީ ޗައިނާ– ސުޢޫދީ ސަމިޓް ބޭއްވުމުގެ ތަންކޮޅެއް ކުރީންނެވެ.

ސުޢޫދީ ނޫސް އޭޖެންސީ ބުނިގޮތުގައި ވަލީ ޢަހްދު މުޙައްމަދު ޗައިނާގެ ރައީސާ ބައްދަލުކުރެއްވީ ރިޔާޟުގައި " އަލްޔަމާމާ" ގަނޑުވަރުގައެވެ.އެ ގަނޑުވަރުތެރޭގައި ޗައިނާގެ ރައީސް ޝީއަށް ރަސްމީކޮށް މަރްޙަބާ ދެންނެވުމެއް ވެސް ބެއްވުނެވެ.

3 ސަމިޓް

ޗައިނާގެ ރައީސް ޝީ ސުޢޫދީ ޢަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގެ ތެރޭގައި ތިން ސަމިޓް ބޭއްވޭނެއެވެ. އެއީ ސުޢޫދީ– ޗައިނާ ސަމިޓަކާއި ޗައިނާ– ގަލްފް ސަމިޓަކާއި ޗައިނާ– ޢަރަބި ސަމިޓެކެވެ. މި ސަމިޓްތަކުގައި 30 ޤައުމަކާއި ޖަމްޢިއްޔާއެއްގެ އެންމެ އިސްވެރީން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ސުޢޫދީ– ޗައިނާ ސަމިޓްގެ ހަވާސާމަތީގައި 30 ބިލިއަން ޑޮލަރު ހިމެނޭ އެއްބަސްވުންތަކެއްގައި މިއަދު ސޮއިކުރެވުނެވެ.

ޗައިނާ- ގަލްފް ސަމިޓް ބޭއްވޭނީ މާދަމާއެވެ. މި ސަމިޓްގައި ގަލްފްގެ އެއްބާރުލުމުގެ މަޖިލީހުގެ ޤައުމުތައް ޗައިނާއާއެކު ބައިވެރިވާނެއެވެ.

އައު ޢަޞްރެއް

ޗައިނާގެ ރައީސް ޝީ ވިދާޅުވާ ގޮތުގައި އޭނާ ސުޢޫދީ ޢަރަބިއްޔާއަށް ކުރައްވަމުން މި ގެންދަވާ ދަތުރުފުޅުގެ ސަބަބުން ޗައިނާއާ ޢަރަބި ދުނިޔެއާ ދެމެދުގައި އައު ޢަޞްރެއް ހުޅުވިގެންދާނެއެވެ.

ރައީސް ޝީ މި ކަން ހާމަކުރެއްވީ "އައްރިޔާޟު" ދުވަހު ނޫހުގައި މިއަދު ލިޔުއްވި މަޒުމޫނެއްގައެވެ. ޗައިނާގެ ރަސްމީ ނޫސް އޭޖެންސީ ޝިންޚުވާއިން މި މަޒުމޫނު ދުރަށް ފެތުރިއެވެ.

މި މަޒްމޫނުގައި ޝި ވިދާޅުވިއެވެ. "އަޅުގަނޑު ހަ އަހަރު ފަހުން ރިޔާޟަށް މި އައީ ޗައިނާގެ ރައްޔިތުންގެ ރަޙްމަތްތެރިކަމާއި ލޯތްބާއި އިޙްތިރާމު ހިފައިގެންނެވެ."

ރައީސް ޝީ ވިދާޅުވިއެވެ. " ޗައިނާއިން ގަލްފާއެކު ހަކަތައިގެ މައިދާނުގައި ގިނަ ދުރުމިންތަކެއް ހިމެނޭ އެއްބާރުލުމެއް ޤާއިމު ކުރާނެއެވެ." ރައީސް ޝީ ވިދާޅުވި ގޮތުގައި "ޗައިނާއިން ގަލްފުގެ ޤައުމުތަކާއެކު ޤާއިމުކޮށްފައިވާ ތާރީޚީ ރަޙްމަތްތެރިކަން ހަރުދަނާކުރުމަށާއި އިތުބާރު ފުންކުރުމަށް" މި ފުރްޞަތުގެ ބޭނުން ކުރާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *