ޗައިނާގެ ރައީސް ޝީ ޖިންޕިންގ ރަސްމީ ދަތުރުފުޅެއްގައި މާދަމާ ސުޢޫދީ ޢަރަބިއްޔާއަށް ވަޑައިގަންނަވާނެއެވެ.
ސުޢޫދީ ޢަރަބިއްޔާއިން ދެންމެ ނެރުނު ކުރު ބަޔާން ބުނާގޮތުގައި ސުޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒުގެ ދަޢުވަތަކަށް ޗައިނާގެ ރައީސް ޝީ މި މަހުގެ 7ވަނަ ދުވަހުން 9 ވަނަ ދުވަހަށް ސުޢޫދީ ޢަރަބިއްޔާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެއެވެ.
މި ދަތުރުފުޅުގެ ޚަބަރުތައް ދެނެވަޑައިގަންނަވާ ފަރާތަކާ ޙަވާލާދީ ސީ.އެން.އެން ބުނިގޮތުގައި ޗައިނާގެ ރައީސް ޝީ ސުޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ޗައިނާ- ސުޢޫދީ ސަމިޓެއް ބޭއްވެވުމުގެ އިތުރަށް ގަލްފްގެ އެއްބާރުލުމުގެ މަޖިލީހުގެ މެންބަރު ޤައުމުތައް ބައިވެރިވާ ޗައިނާ– ގަލްފު މަހާސިންތާއެއް ވެސް ބާއްވަވާނެއެވެ.
ޗައިނާ– ޢަރަބި މި ސަމިޓްގައި ޢަރަބި 14 ޤައުމެއްގެ ޒަޢީމުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވެސް ސީއެންއެން ބުނެއެވެ. މި ޚަބަރު ސީއެންއެނަށް ދެއްވި ޢަރަބި މަސްއޫލުވެރިޔާ ވިދާޅުވި ގޮތުގައި މި ޒިޔާރަތަކީ ޗައިނާ އަރަބި ގުޅުން އައު އުސްމިންތަކަކަށް ގެންގޮސްދޭނެ ސަމިޓަކަށް ވާނެއެވެ.
މި ދަތުރުފުޅުގެ ސަބަބުން އަޅާ މޭވާތަކުގެ ފައްސި އަސަރުތައް ސުޢޫދީ ޢަރަބިއްޔާއަށާއި ގަލްފުގެ ޤައުމުތަކަށާއި އެހެނިހެން ޢަރަބި ޤައުމުތަކަށް ތަފާތު ސިފަސިފައިގައި ކުރާނެ ކަމަށް ދާރިސުންނާއި މުޙައްލިލުން ވިދާޅުވެއެވެ.
ޝީއާއެކު ބޭއްވޭ ސަމިޓްގެ ސަބަބުން ޗައިނާއާއެކު އުންމީދީ އެއްބާރުލުންތަކެއް ޤާއިމު ކުރެވިގެންދާނެއެވެ. ތަރައްޤީގެ އުދަރެސްތަކުގެ ތެރޭގައި އައުވެއައުވެ ހުންނާނެ ވަށަލަތަކެއް ދުނިޔޭގެ ބޮޑު ބާރަކާއެކު ހުޅުވިގެންދާނެއެވެ. ދުނިޔޭގެ ބާރުގެ މާދަލާގައި ޗައިނާއަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި ބުރަ ވިޔައަކުރެއްކަން އެންމެ ވެސް ޤަބޫލުކުރެއެވެ.
ސުޢޫދީ ޢަރަބިއްޔާ ދެކޭގޮތުގައި ރިޔާޟު– ބޭޖިންގް ގުޅުންތަކުގެ ނާރެހަކަށް ވާނީ ދެ ފަރާތް ޤަބޫލު ކުރާ އުޞޫލުތަކާއި، އެއް ފަރާތް އަނެއް ފަރާތަށް ކުރާ އިޙްތިރާމެވެ. އެކަމުގެ ސަބަބުން ބައިނަލްއަޤްވާމީ ސުލްޙަމަސަލަސްކަމާއި ހަމަޖެހުން ވަރުގަދަވެގެންދާނެއެވެ.



advertisment