Support Us

އެމެރިކާއިން ދަނީ ހުޅަނގު ޗިސްޗިސްކުރަމުން: މެކަރޯން

ހުޅަނގުން އޭގެތެރެއަށް ގެނބެމުންދާ ޔުކްރޭން ހނގުރާމައަށް އަށް މަސް ފާއިތުވިތަނާ މި ހަނގުރާމައިން ހުޅަނގަށް ކުރަމުންދާ ހަވާސަރުތައް ފާޅުވާން ފަށައިފިއެވެ. އެމެރިކާއާއި ޔޫރަޕާ ދެމެދުގައިވާ ގުޅުމުގައި ރެނދުތަކެއް ލާން ފަށައިފިކަމުގެ ޢަލާމާތްތައް ފެންނާން ފަށައިފިއެވެ. ފަރަންސޭސި ރައީސް އިމަނުވޭލް މެކަރޯން އެމެރިކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރޭގައި އެމެރިކާ ސަރުކާރާ ދެކޮޅަށް ވަރަށް ދިލަގަދަ ފާޑުކިޔުންތަކެއް ދަނީ ވިދާޅުވަމުންނެވެ. އޭނާ އިންޒާރު ކުރައްވާ ގޮތުގައި ރައީސް ބައިޑްންގެ ސިޔާސަތުތަކުގެ ސަބަބުން "ހުޅަނގު ފުނޑިގެން" ހިނގައިދާނެއެވެ.

ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ޢަސްކަރީ ޚާއްޞަ ޢަމަލުތަކެއް ހިންގާން ފެށުމުން އެމެރިކާގެ ފިއްތުންތަކާ ހެދި ޔޫރަޕުން ވަނީ ރަޝިޔާއާ ދެކޮޅަށް ތަފާތު ބާވަތްބާވަތުގެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައެވެ. ރަޝިޔާއިން މި ފިޔަވަޅުތަކާ ދެކޮޅަށް އެޅި ރައްދު ފިޔަވަޅުތަކުގެ ސަބަބުން ޔޫރަޕް ވަނީ މީގެ ކުރިން ނުދެކޭ ފަދަ ހަކަތައިގެ ދަތިކަމެއްގެ ތެރެއަށް ވެއްޓިފައެވެ. ޔޫރަޕް ދަނީ މި ކަމަށް ވަރަށް ބޮޑު އަގެއް ދައްކަމުންނެވެ. ޔޫރަޕާއެކު އެމެރިކާއިން އެއްވެސް ބުރައެއް އުފުއްލަމުންދާ ތަނެއް ނުފެނެއެވެ. އަދި ކިއެއްހެއްޔެވެ؟ ޔޫރަޕްގެ މި ދަތިތަކުން އެމެރިކާ ދަނީ ނާޖާއިޒު ފައިދާތައް ޙާޞިލް ކުރަމުންނެވެ.

މެކަރޯންގެ ކޯފާ

އެމެރިކާއަށް ރައީސް މެކަރޯން ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގެ ތެރޭގައި ޔޫރަޕާ ކުރިމަތިވެފައިވާ ދަތިތަކާ ބެހޭ ގޮތުން މި ހުސްވި މަހުގެ 30ވަނަ ދުވަހު ވާހަކަފުޅު ދައްކަވާ އޭނާގެ ކޯފާ އޮއްސަވާ ލެއްވިއެވެ.

އެމެރިކާގައި ދިރިއުޅޭ ފަރަންސޭސި ޖާލިޔާއާ ބައްދަލުކުރައްވާ ވިދާޅުވި ގޮތުގައި ޔޫރަޕްގެ ޤައުމީ ކުންފުނިތަކަށް އެހީވުމަށް އެމެރިކާއިން ތައްޔާރުކޮށްފައިވާ ވުނަކުރުމުގެ ޕްރޮގްރާމުތަކާއި މީޑިއާގައި ފަތުރަމުންދާ އިޢުލާނުތަކުން ފެންނަނީ "ހުޅަނގު ޗިސްޗިސްވެދާނެ ކަމުގެ ބިރެވެ."

ރައީސް މެކަރޯން ވިދާޅުވި ގޮތުގައި ވޮޝިންގްޓަނާ ބޭޖިންގާ ދެމެދުގައި އުފެދިފައިވާ ވިޔަފާރީގެ ވާދަވެރިކަމުގެ ސަބަބުން ޢާންމުކޮށް ޔޫރަޕް، ޚާއްޞަކޮށް ފަރަންސޭސިވިލާތް "ޤުރްބާނީއަކަށް" ވެއްޖެއެވެ.

ކޮންގްރެސްގެ މެންބަރުންނާއެކު ބޭއްވެވި މެންދުރުގެ ޢަމަލީ ފަރިއްކޮޅުގައި ސާފު ބަހުން މި ބިރާމެދު ވާހަކަފުޅު ދެއްކެވިއެވެ. ރައީސް މެކަރޯން ވިދާޅުވިއެވެ، "ވޭތުވެދިޔަ މަސްތަކުގައި ހިނގައިފައިވާ ކަންތައްތަކަކީ އަޅުގަނޑުމެންނަށް ހުރި ގޮން ޖެހުންތަކެކެވެ. ޚާއްޞަކޮށް އެމެރިކާއިން ލާދަ ކުޑަކުރުމަށް ޓަކައި ފާސްކޮށްފައިވާ ޤާނޫނަކީ ހުޅަނގު ފުޑުފުޑުވެގެން ހިނގައިދާނެ ޢަމަލެކެވެ."

މެކަރޯން ވިދާޅުވިއެވެ. "މަސްއަލައަކީ ހަކަތައިގެ މަސްއަލައެއް ނޫނެވެ. ޔުކްރޭން ހަނގުރާމައިގެ ތަކްލީފުތަކެއްނޫނެވެ. އެމެރިކާގެ ކުންފުނިތަކަށް އެހީވުމަށް ޓަކައި އެމެރިކާ ސަރުކާރުން ތައްޔާރުކޮށްފައިވާ ޕުރޮގްރާމުތަކުގެ ސަބަބުން ޔޫރަޕްގައި ކުރާ ވުނަކުރުންތަކާ ކާރިސާތަކަކާ ކުރިމަތިވުމުގެ މަސްއަލައެވެ."

މެންދުރުގެ ފަރިއްކޮޅުގެ ސުފުރާ މަތީގައި އެމެރިކާގެ ބަރްލަމާނީންނާ ބައްދަލު ކުރައްވަމުން ރައީސް މެކަރޯން ރައީސް ބައިޑްން އެމެރިކާގެ ޞިނާޢަތްތައް ވަރުގަދަކުރެއްވުމަށް ޓަކައި ގެންގުޅުއްވާ ސިޔާސަތު ކުށްވެރިކުރެއްވިއެވެ. އެޓްލާންޓިކް ކަނޑުގެ ދެ އައްސޭރީގެ ދެމެދުގައި އިޤްތިޞާދީ ވިލަސްކުރުން ރަނގަޅު ކުރުމަށް މެކަރޯން ގޮވައިލެއްވިއެވެ.

މެކަރޯން މި ގޮތަށް ފާޑުވިދާޅުވިޔަސް ފަރަންސޭސި– އެމެރިކާ ރަޙްމަތްތެރިކަމުގެ ބަދަހިކަމަށް ތާރީފު ކުރެއްވިއެވެ.

ހަނގުރާމައިން އެންމެ ބޮޑު ފައިދާއެއް ލިބެނީ އެމެރިކާއަށް

ރަޝިޔާއާ ދެކޮޅަށް ހުޅަނގުން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތައް އުފައްދަނީ އެމެރިކާއިންނެވެ.މި ފިޔަވަޅުތަކުގެ ނުބައި އަސަރު ކުރަނީ ޔޫރަޕަށެވެ. ހަކަތައިގެ އަގު ބޮޑުވަމުންދަނީ ޔޫރަޕްގައެވެ. ނަތީޖާއަކަށްވީ ޔުރަޕްގެ ބޮޑެތި ބައެއް ކުންފުނިތައް ޔޫރަޕް ދޫކޮށް އެމެރިކާއަށް ދިޔުމެވެ. އެމެރިކާގައި ޓެކްސް މާ ކުޑައެވެ.އަމާންކަން ބޮޑުވެފައި ވެށީގެ މަސްއަލަތައް މާ ކުޑައެވެ. ކާރުޚާނާތަކުގައި މަސައްކަތްކުރާ މަޖޫރީންގެ ޙައްޤުތައް ރައްކައުތެރިކުރެވިފައިވާ ވަރު މާ ބޮޑެވެ. އެހެންކަމުން ވުނޭރުންނަށް ލިބޭ ފައިދާ މާ ބޮޑެވެ. ފިނި މޫސުމާ އެކު ހަކަތައިގެ ދަތިކަން އިތުރުވަމުންދާތީ ވުނޭރުން ޔޫރަޕް ދޫކޮށް އެމެރިކާއަށް ދިޔުމަށް ދަނީ ފޮށިތަންމަތި ބަންނަމުންނެވެ.

ރަޝިޔާ- ޔުކްރޭން ހަނގުރާމައިގެ ސަބަބުން ޔޫރަޕާ ކުރިމަތިވެފައިވާ ހަކަތައިގެ ދަތިކަމެއް އެމެރިކާއާ ކުރިމަތިވެފައެއް ނުވެއެވެ. ހަނގުރާމައިގެ މަސްރަޙާ ދުރުގައި އޮތް ޤައުމަކަށް ވާތީ އެއްވެސް ކަމަކާމެދު އެމެރިކާއަށް ހާސްވާކަށް ނުޖެހެއެވެ. ޔޫރަޕަށް ހެޔޮ އަގުގައި ލިބެމުންދިޔަ ރަޝިޔާގެ ހަކަތަ މިހާރު ޔޫރަޕަކަށް ނުލިބެއެވެ.އެހެނަސް މިއީ ޔޫރަޕުން އަމިއްލައަށް ގެނައި ދަތިކަމެކެވެ.

ޔޫރަޕްގެ މޮޑަރން ޑިޕްލޮމަސީ މަޖައްލާ ބުނާގޮތުގައި ރަޝިޔާއާ ދެކޮޅަށް އެމެރިކާއިން އެޅި ދަތިކުރުމުގެ ތަފާތު ފިޔަވަޅުތަކުގައި ޔޫރަޕްގެ ޒަޢީމުން ބައިވެރިވެ ވަޑައިގަތީ އަމިއްލަފުޅަށެވެ. އެ ބޭފުޅުންނަށް އެމެރިކާ ފަހަތުން ވަޑައިގަންނަވާކަށް ނުޖެހެއެވެ.

ޖަރްމަނުގެ މަޖައްލާއެއް ބުނާގޮތުގައި އެމެރިކާގެ އޮކްލަހޯމާއާއި ވަރޖީނިޔާއާއި ޖޯރޖިޔާއިން ޖަރްމަނުގެ ކުންފުނިތައް އެ ސްޓޭޓްތަކަށް ގެނައުމަށް ޓަކައި ހިތްވަރުދެއެވެ. ޖޯޖިޔާގެ އިޤްތިޞާދާ ބެހޭ ކަމިޝަނަރު ޕެޓް ވިލްސަން ވިދާޅުވާ ގޮތުގައި "ޖޯޖިޔާގައި ހަކަތަ ވަރަށް އަގު ހެވެވެ. ހަކަތަޔާ ބެހޭ ވިއުގަތައް އެއްވެސް ގަޑުބަޑުކަމެއްނެތި މަސައްކަތް ކުރެއެވެ."

ޔޫރަޕްގެ ކާރުޚާނާތައް އަނދިރީގައި

ސެޕްޓެންބަރު 19ގައި އެމެރިކާގެ ނިވްޔޯރކް ޓައިމްޒް ބުނި ގޮތުގައި ހަކަތައިގެ ބިލް ޔޫރަޕްގައި އިންތިހާއަށް މައްޗަށް ދިޔުމުގެ ސަބަބުން މި ފިނި މޫސުމުގައި ކާރުޚާނާތައް ހުންނާނީ އަނދިރީގައެވެ. މީގެ އެއް އަހަރާ އަޅައިބަލާއިރު މިއަދު ޔޫރަޕްގެ ކާރުޚާނާތަކުގެ ހަކަތައިގެ ބިލް ވަނީ 10ގުނައަށް މައްޗަށް ގޮސްފައެވެ. ގޭހާއި ކަރަންޓުގެ ބިލްތައް އަދާނުކުރެވޭނެތީ ކާރުޚާނަތަކުގެ ވެރީން ވަޑައިގަންނަވަނީ އެތަންތާނގައި މަސައްކަތް ކުރާ މީހުންނަށް ޗުއްޓީ ދެއްވައިފައި އެތަންތަން ބަންދު ކުރައްވާށެވެ. މިސާލަކަށް އުތުރު ފަރަންސޭސިވިލާތުގައި ހުންނަ Arc International ކާރުޚާނާގެ ވެރިޔާ ނިކޮލަސް ހެޑްލަރ ވިދާޅުވާ ގޮތުގައި މި ކާރުޚާނާ ހިންގުމަށް ޓަކައި ބޭނުންކުރާ ހަކަތައިގެ އަގު ވަނީ މީގެ އެއް އަހަރު ކުރިޔާ އަޅައި ބަލާއިރު ދިހަ ގުނަ އިތުރުވެފައެވެ. ބިއްލޫރިއާ ބެހޭ ގެވެހިކަންވާރު އުފައްދާ މި ކާރުޚާނާ ރަޝިޔާއިން ލިބޭ އަގު ހެޔޮ ހަކަތައިގެ ސަބަބުން ވަނީ ޔޫރަޕްގައި ހުރި އެންމެ ބޮޑު ކާރުޚާނާ ކަމުގައި ވެފައެވެ. ހެޑްލަރ މިހާރު ވަނީ މި ކުންފުނީގެ 4500 މުވައްޒަފުންގެ ތެރެއިން ތިން ބައިކުޅަ އެއްބައިމީހުންނަށް ދެ ބައި ކުޅަ އެއްބައި މުސާރަ ލިބޭ ގޮތަށް ޗުއްޓީ ދެއްވައިފައެވެ.

ޔޫރަޕުން އަމިއްލަ ފަޔަށް ބަޑި ޖެހީ

މުޙައްލިލުން ވިދާޅުވާ ގޮތގައި ރަޝިޔާއާއެކު އޮތް އިޤްތިޞާދީ ވަރުގަދަ ގުޅުމަށް ބަލައި ނުލައި ޔޫރަޕުން ދިޔައީ އެމެރިކާއިން ބުނަމުން ދިޔަ ގޮތަށް ރަޝިޔާއާ ދެކޮޅަށް ފިޔަވަޅުތައް އަޅަމުންނެވެ. ޔޫރަޕުން ފިޔަވަޅުތައް އެޅީ ވަރަށް ހީސްޓިރިޔާކޮށްނެވެ. ޔޫރަޕްގެ ޔުނިވަރސިޓީތަކުގައި ރޫސީވިލާތުގެ އަދަބިއްޔާތު ކިޔަވާ ދިނުން ހުއްޓުވައިލިއެވެ. ރޫސީވިލާތުގެ ކުޅުންތެރީން ބައިނަލްއަޤްވާމީ މުބާރާތްތަކުން ބޭރުކޮށްލިއެވެ. ކުޅިވަރުގެ ތެރެއަށް ސިޔާސަތު ވައްދައި ޔުކްރޭނަށް ރަޝިޔާގެ މަޤާމު ދިނެވެ.

ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ޢުޤޫބާތުގެ ހަ ބޮނޑި ބާރަށް ބަނެވެ. އެއީ ރަޝިޔާގެ އިޤްތިޞާދަށާއި ރަޝިޔާގެ ރައްޔިތުންނަށް ވަރަށް ވޭން ދިން ފިޔަވަޅުތަކެކެވެ. އެހެނަސް ރަޝިޔާއިން މި ފިޔަވަޅުތަކާ ދެކޮޅަށް ފިޔަވަޅުތައް އަޅަމުން ދިޔައީ ތެޅިފޮޅި ނުގަނެ ވަރަށް މަޑުމައިތިރިކަމާއެކުގައެވެ. ފެންނަފެނުމުގައި ރައީސް ޕޫޓިން ހުންނެވީ މި ކަމަށް ވަރަށް ރަނގަޅަށް ތައްޔާރުވެ ވަޑައިގެންނެވެ.

އެމެރިކާއާއި ޔޫރަޕުން ރަޝިޔާއާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގައި ހަކަތައިގެ އަގު ވަރަށް މައްޗަށް ދިޔައެވެ. ޔޫރަޕަށް ރޫސީ ހަކަތަޔާ އެކަހެރިވެވެން ނެތް ޙާލަތެއްގައި މި އެޅި ފިޔަވަޅުތަކުގެ ސަބަބުން ގެއްލުން ލިބުނީ ޔޫރަޕަށެވެ. އަނދިރިކަން ވެރިވީ ޔޫރަޕަށެވެ.

ޔޫރަޕާއި އެމެރިކާ ނިމުތުކުރި ގޮތާ ޚިލާފަށް ރޫސީ އިޤްތިޞާދަށް ލިބުނީ އިތުރު ދިރުމާއި އާރޯކަމެވެ. އަދި 2017 ވަނަ އަހަރުގެ އަގާ އަޅައިބަލާއިރު ރޫސީ ފައިސާގެ އަގު އެތައް ދަރަޖައަކަށް މައްޗަށް ދިޔައެވެ. ހަމައެފަދައިން ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގު މައްޗަށް ދިޔުމުގެ ސަބަބުން ރަޝިޔާގެ ވިޔަފާރިއަށް އިތުރު ކުރިއެރުން ލިބުނެވެ. ރަޝިޔާއަކީ ދުނިޔޭގައި އެންމެ ގިނައިން ގޮދަނާއި ޒުވާރިއާއި ގޮވާމާއި ގަސްގަހާގެހީގެ ތެލާއި ކާދު އުފައްދާ ޤައުމެވެ.

ނަތީޖައަކަށްވީ މި ޢުޤޫބާތާހެދި ޔޫރަޕްގެ އިއްތިޙާދުގެ ތެރޭގައި ދެބަސްވުންތައް އުފެދޭން ފެށުމެވެ. ރަޝޮޔާއަށް ބަރޯސާވާ ކުދީ ޤައުމުތަކުން ޖަރްމަނާއި ފަރަންސޭސިވިލާތްފަދަ ބޮޑެތި ޤައުމުތަކާ ދެކޮޅަސް ފާދު ކިޔުން އިތުރުވުމެވެ.

ހަމަ އެފަދައިން ޔުކްރޭނަށް ހަތިޔާރުތައް ދޭން ފެށުމުން އެ ޤައުމުތަކުގެ ގިދަންތަކުން ހަތިޔާރު މަދުވުމުގެ ޝަކުވާ ވެސް އިވެން ފަށައިފިއެވެ. ޔުކްރޭނަށް އެތައް ޓަނެއްގެ ހަތިޔާރުތަކާއި އެތައް ބިލިއަން ޑޮލަރެއްގެ އެހީދިނުމުގެ ސަބަބުން އެ ޤައުމުތަކުގައި ޓެކްސް ބޮޑުވާން ފަށައިފިއެވެ. ޔޫރަޕްގެ ގުދަންތަކުން މަދުވި ހަތިޔާރުތައް ގަންނަ ޖެހުނީ އެމެރިކާއިންމެވެ. ރަޝިޔާގެ ބިރު އޮތްކަމަށް އެމެރިކާއިން ބުނެ އެމެރިކާގެ ބައު ހަތުޔާރުތައް ވިއްކައިލީއެވެ.

ނަތީޖާއަކަށް ވާނީ ހީފިލުވޭނެ މަގު ބަންދުވުމާއި ޢަސްކަރީ ޚަރަދުތައް ބޮޑުވުމާއި ހަކަތަ ލިބުން ދަތިވުމެވެ. މި ކަމުގެ ސަބަބުން އިއްތިޙާދުގެ ޤައުމުތަކުގެ ސަރުކާރުތަކަށް ދަނީ ލޮޅުން އަރަމުންނެވެ. ސްވިޑްނާއި އިޓަލީއާއި ހަންގެރީގައި ސަރުކާރަށް މި އައި ބަދަލުތަކަކީ ރަޝިޔާގެ މި ހަރުދަނާ ސިޔާސަތެވެ. އެމެރިކާގެ "ދުރުވިސްނުން ކުޑަ ނަޖާއިޒު ފައިދާ ހޯދުމުގެ ސިޔާސަތެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *