...

Support Us

އިންސާނީ ކުއްލި އެހީއަށް ބޭނުންވާ މީހުންގެ ޢަދަދު އަންނަ އަހަރު އިތުރުވާނެ: އދ

އިންސާނީ ކުއްލި އެހީއަށް ބޭނުންވާ މުހުތާދުވެރީންގެ ޢަދަދު މި އަންނަ އަހަރު އިތުރުވެގެންދާނެ ކަމަށް އދ އިން ދުނިޔޭގެ ސަމާލުކަމަށް ގެނެސްފިއެވެ. އިނގިރޭސިވިލާތުގެ ގާރޑިޔަން ދުވަހު ނޫސް ބުނާގޮތުގައި މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުންނާއި ޔުކްރޭން- ރަޝިޔާ ހަނގުރާމައިގެ ސަބަބުން އެތައް މިލިއަން ބަޔަކު ވަނީ ބަނޑަށް ޖެހުމުގެ ތުންފަތް މައްޗާ ހަމައަށް ގެންގޮސްފައެވެ.

އިންސާނިއްޔަތާ ބެހޭ އދގެ އަމީން ޢާންމުގެ ވަކީލު މާރޓިން ގްރިފިތުސް (ފޮޓޯ) ވިދާޅުވާ ގޮތުގައި 2023 ގައި 339 މިލިއަން މީހުންނަށް ކާބޯތަކެތީގެ އެހީ ބޭނުންވާނެއެވެ. މި އަދަދަކީ މިދިޔަ އަހަރާ އަޅައި ބަލާއިރު 65 މިލިއަން އިތުރު އަދަދެކެވެ.

އދ އާއި އިންސާނީ އެހީދޭ އޭޖެންސީތަކުން ގޮވައިލަނީ އިންސާނިއްޔަތަށް ޓަކައި މި އަންނަ އަހަރު 51.5 ބިލިއަން ޑޮލަރު ތަނަވަސްކޮށްދިނުމަށެވެ. އެއީ 2022 އާ އަޅައި ބަލާއިރު ނިސްބަތުން 25% ބޮޑު އަދަދެކެވެ. އދ އިން ބުނާގޮތުގައި އެހީ ފޯރުކޮށްދޭ ފަރާތްތައް ދީލަތިވި ނަމަވެސް މުހުތާދުތައް އިތުރުވެ ފުނިޖެހުމުގެ ސަބަބުން އިތުރު އެހީއަށް ބޭނުންވަނީއެވެ.

ޔުކްރޭން ހަނގުރާމައިގެ ސަބަބުން މުޞީބާތް ބޮޑުވުން

އިނގިރޭސިވިލާތުގެ މި ނޫސް ބުނާގޮތުގައި ރަޝިޔާ- ޔުކްރޭން ހަނގުރާމައިގެ ސަބަބުން ޔުކްރޭނުގައި އެތައް މިލިއަން ބަޔަކަށް ވަނީ ޤައުމު ދޫކޮށް ބޭރަށް ދާންޖެހިފައެވެ. އަދި އެތައް މިލިއަން ބައެއްގެ ބޯހިޔާވަހިކަން ވަނީ ގެއްލިފައެވެ. މި ހަނގުރާމައިގެ ސަބަބުން ޔުކްރޭނުގެ ޞިއްޙީ އަސާސީ ޚިދްމަތްތައް ދޭ ބިނާރުތައް ވަނީ ހަލާކުވެފައެވެ. އދ އިން ބުނާގޮތުގައި ދާޚިލީ ހަނގުރާމަތަކުގެ ސަބަބުން ޞޫމާލާއި ޔަމަނާއި އަފްޣާނިސްތާނާއި ސޫރިޔާގައި އެތައް ބަޔަކު ވަނީ ކާބޯތަކެއްޗަށް ބޭނުން ވެފައެވެ.

މިދާކަށް ދުވަހު ޕާކިސްތާނަށް ކުރި ވިއްސާރައިގެ ސަބަބުން އެ ޤައުމުގައި އެތައް މިލިއަން ބަޔެއްގެ ގެދޮރު ވަނީ ހަލާކުވެފައެވެ. ދަނޑުބިންތައް ވަނީ ޚަރާބު ވެފައެވެ. އދ ގެ އަމީން ޢާންމު ގުޓަރެޝް ވިދާޅުވި ގޮތުގައި މިއީ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ނުބައި ނަތީޖާގެ ސަބަބުން ކުރި ވިއްސާރައެކެވެ.

އަންނަ އަހަރާ ބެހޭ ގޮތުން އދ އިން މިއަދު ހާމަކުރި ރިޕޯޓު ބުނާގޮތުގައި މި އަންނަ އަހަރު މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން މި އަންނަ އަހަރު ދުނިޔެއަށް ލިބޭ ގެއްލުންތައް އިތުރުވެގެންދާނެކަމުގެ ހިރާސް ވަރަށް ބޮޑެވެ. ގްރިފިތުސް ވިދާޅުވި ގޮތުގައި 339 މިލިއަން މީހުންގެ އާބާދީ އަކީ ޗައިނާއާއި އިންޑިޔާ ނަގައިފާ ތިންވަނައަށް އެންމެ ބޮޑު އާބާދީއެވެ. މިއީ ވަރަށް ބޮޑު މަސްއަލައެއް ކަމަށް ގްރިފިތްސް ވިދާޅުވިއެވެ.

އދ އިން ބުނާގޮތުގައި މިއީ 68 ޤައުމެއްގައި އުޅެމުންދާ ބައެކެވެ. މީގެތެރޭގައި 10 ޤައުމެއްގެ ޙާލަތު ވަރަށް ޙައްސާސުކަމަށް އޭނާ ވިދާޅުވިއެވެ. ގްރިފިތުސް ހާމަކުރެއްވި ގޮތުގައި އަފްޣާނިސްތާނާއި ސޫރިޔާއާއި ޔަމަނާއި ޔުކްރޭނާއި އިތިޔޯޕިޔާއާއި ޑިމޮކްރެޓިކް ކޮންގޯއާއި ޞޫމާލް އޮތީ ބަނޑަށްޖެހުމުގެ ތުންފަތް މަތީގައެވެ.

އދ އާއި އދއާ ގުޅިފައިވާ އޭޖެންސީތަކުން މަސައްކަތް ކުރަނީ މުހުތާދުވެރީންގެ ތެރެއިން 230 މިލިއަން މީހުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށެވެ. އަނެއް 109 މިލިއަން މީހުންނަށް ބޭނުންވާ އެހީ އެހެން ފަރާތްތަކުން ތަނަވަސްކޮށް ދޭނެކަމަށް އދ އުންމީދު ކުރެއެވެ. ގްރިފިތްސް ހާމަކުރެއްވި ގޮތުގައި އިންސާނީ އެހީއަށް ބޭނުންވި މިންވަރުގެ ތެރެއިން މި އަހަރު ލިބުނީ އެންމެ 44% ގެ އެހީއެވެ.

ގްރިފިތުސް ވިދާޅުވި ގޮތުގައި ވަރަށް ދީލަތިކަމާއެކު އެހީދޭ މުއްސަނދި ޤައުމުތަކެއް ވެއެވެ. އޭނާ އެހެން މަހުޖަނު ޤައުމުތަކަށް އިތުރު އެހީ ދިނުމަށް ގޮވައިލެއްވިއެވެ.

އދ ބުނާގޮތުގައި ކޮވިޑާއި ކޮލެރާއާއި އެހެނިހެން ނުރައްކާތެރި ވަބާތަކުގެ ސަބަބުން ޢާންމު ޞިއްޙަތުގެ ބިނާރު ވަނީ ހިރާސަށް ހާސާވެފައެވެ. މިފަދަ ވަބާތައް ނައްތައިލުމަށް ވެސް ވަނީ މަސައްކަތް ކުރާން ޖެހިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.