Support Us

މަދަނީ ހެދިހަނދުތައް ކިޔީވުން ބޭނުންކުރާ ކަމަށް މޮސްކޯއިން ތުހްމަތުކޮށްފި

ކިޔީވުން އެ ޤައުމުގެ މަދަނީ ހެދިހަނދުތައް ހަނގުރާމައިގެ ބޭނުންތަކުގައި އިސްތިއުމާލު ކުރަމުންދާ ކަމަށް މޮސްކޯއިން ތުހްމަތުކޮށްފިއެވެ. މިފަދަ ޙާލަތުތަކުގައި މި ހަނދުތައް ރަޝިޔާގެ ލަޑުދަނޑިއަކަށް ވެގެންދާނެ ކަމަށް މޮސްކޯއިން ބުންޏެވެ.

ރަޝިޔާގެ ޚާރިޖިއްޔާގެ ހަތިޔާރު މަނާކުރުމާ ބެހޭ އިދާރާގެ ޑިރެކްޓަރު ވްލެޑްމީރު ޔަރްމަކޯވް ވިދާޅުވާ ގޮތުގައި ހުޅަނގުން ދަނީ ޔުކްރޭނުގެ ޖައްވާބެހޭ މަދަނީ ބިނާރުތައް ބޭނުންކޮށްގެން ޔުކްރޭނުގެ ޙަމަލާތަކުގައި ރަޝިޔާއާ ދެކޮޅަށް ވާގިވެރިވަމުންނެވެ. މި ހަނދުތައް ބޭނުންކޮށްގެން ރޫސީ ސިފައިންގެ ޙަރަކާތްތަކަށް ފާރަލައި ޑްރޯންތައް މިސްރާބުކޮށް ޔުކްރޭނުގެ ހަތިޔާރުތައް ރަޝިޔާ ސިފައިންނަށް އަމާޒު ކުރުވައެވެ. މިއީ ނާޖާއިޒު ގޮތުގައި މި ހަނދުތަކުގެ ބޭނުން ކުރުމެއްކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މަދަނީ ހެދިހަނދުތައް ބޭނުންކުރުމާ ބެހޭ މުޢާހަދާތައް ބުނާގޮތުގައި މި ހަނދުތައް ބޭނުން ކުރާން ވާނީ ޞުލްޙަވެރި މަދަނީ ބޭނުންތަކަށެވެ.އޭނާ މި ކަން ކުށްވެރިކުރުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢަށް ގޮވައިލެއްވިއެވެ.

ރަޝިޔާގެ ޖަރީމާތައް ބެލުމަށް ޔޫރަޕުގެ ކޯޓެއް

އަނެއްކޮޅުން ޔޫރަޕިއަން ކަމިޝަންގެ ރައީސާ އުރްސޫލާ ވޮން ޑޭރު ލައިން ވިދާޅުވާ ގޮތުގައި ޔޫރަޕްގެ އިއްތިޙާދުން މިހާރު މަސައްކަތް ކުރަމުންދަނީ ޔުކްރޭނުގައި ރަޝިޔާއިން ހިންގަމުންދާ ޖަރީމާތައް ބެލުމަށް ޓަކައި ޚާއްޞަ ކޯޓެއް އެކުލަވައިލުމަށެވެ. އޭނާ ކުރެއްވި ޓްވީޓެއް ބުނާގޮތުގައި ޔޫރަޕްގެ އިއްތިޙާދުން މި ކޯޓު އުފައްދާނީ ބައިނަލްއަޤްވަމީ ޖިނާއީ ކޯޓާއެކު މަޝްވަރާކޮށްގެންނެވެ. އޭނާ ވިދާޅުވިއެވެ. "ގަނޑުކޮށްފައިވާ ރަޝިޔާގެ އުޞޫލުތައް ބޭނުންކޮށްގެން ރަޝިޔާއިން ޔުކްރޭނަށް ޖައްސަމުންދާ މުޞީބާތްތަކަށް އަގު ދައްކާނެ މަގު އަހުރެމެން ހުޅުވާނަމެވެ."

އަނެއްކޮޅުން ރޫސީ ޚާރިޖިއްޔާގެ ތަރްޖަމާނު މާރިޔާ ޒަޚަރޯވާ ވިދާޅުވާ ގޮތުގައި ސްޓާރޓް މުޢާހަދާއާ ބެހޭގޮތުން އެމެރިކާއާއެކު އަލުން ބަހުސްކުރާން މޮސްކޯއިން ގަސްތެއް ނުކުރެއެވެ.ޒަޚަރޯވާ ވިދާޅުވިއެވެ. "ވޮޝިންގްޓަނުން ދަނީ ކިޔީވަށް ހަތިޔާރު ދެމުންނެވެ. އަދި ވޮޝިންގްޓަނުން ދަނީ އިތުރަށް ލޭ އޮހޮރުވުމަށް ހިތްވަރުދެމުންނެވެ. އޭނާ ވިދާޅުވިގޮތުގައި ވޯޝިންގްޓަނުން ދަނީ ހައްދުފަހަނަޅައިފައިވާ ޙަރަކާތްތައް ހިންގުމަށް ޓަކައި "ބޯ ނެތް ބަޔަކަށް" އެހީވަމުންނެވެ.

އޭނާ ވިދާޅުވިއެވެ. "މި ފަދަ ބަޔަކާއެކު ސަލާމަތީ މަސްއަލަތަކުގައި މަޝްވަރާ ކުރާނީ ކިހިނެއް ހެއްޔެވެ؟"

ނޭޓޯ ކަށަވެތިވުން

އަނެއްކޮޅުން ނޭޓޯގެ މެންބަރުން ބުނާގޮތުގައި ޔުކްރޭނިޔާގެ ހަކަތައާ ބެހޭ ބިނާރުތައް އިޞްލާޙު ކުރުމަށާއި ރަޝިޔާގެ މިސައިލް ޙަމަލާތަކުން ޔުކްރޭނުގެ ރައްޔިތުން ޙިމާޔަތް ކުރުމަށް ނޭޓޯއިން އެހީވާނެއެވެ. ރޯމޭނިޔާގެ ވެރިރަށް ބުޚަރެސްޓްގައި ބޭއްވި ނޭޓޯގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުން ނެރުނު ބަޔާން ބުނާގޮތުގައި ޔުކްރޭން މިނިވަން ދައުލަތެއްގެ ގޮތުގައި ބޭއްވުމަށް ނޭޓޯ ކަށަވެތިވެއެވެ. އެކަމަށް ޓަކައި ނޭޓޯގެ މެންބަރުންގެ މެދުގައި ވިލަރެސް ކުރެވޭނެއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން ވިދާޅުވާ ގޮތުގައި "ޔުކްރޭނަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ޓަކައި ޖެނެރޭޓަރުތައް ގަތުމަށް އެމެރިކާއިން 55 މިލިއަން ޑޮލަރުގެ އެހީއެއް ޔުކްރޭނަށް ދޭނެއެވެ."

ޕޭޓްރިއެޓް މިސައިލް

ނޭޓޯގެ އަމީން ޢާންމު ޔެންސް ސްޓޮލްޓެންބަރގް ވިދާޅުވާގޮތުގައި މިސައިލާ އިދިކޮޅު ޕޭޓްރިއެޓް ދިފާޢީ ނިޒާމު ޔުކްރޭނަށް ތަނަވަސްކޮށް ދިނުމާ ބެހޭގޮތުން ނޭޓޯއިން ދަނީ ބަހުސް ކުރަމުންނެވެ. އެހެނަސް އޭނާ ވިދާޅުވިގޮތުގައި މި ދިފާޢީ ނިޒާމު ރަނގަޅަށް މަސައްކަތް ކުރުވުމަށް ޓަކައި އެއަށް ބޭނުންވާ ސްޕެއަރ ތަނަވަސްކޮށްދޭން ޖެހޭނެއެވެ. އެހެނަސް އެމެރިކާގެ ދިފާޢީ ވުޒާރާގެ ތަރްޖަމާނު ވިދާޅުވި ގޮތުގައި އެމެރިކާއިން ޔުކްރޭނަށް ޕޭޓްރިއެޓް މިސައިލްގެ ނިޒާމު ދިނުމާމެދު އަދި ނުވސްނައެވެ. މި ކަމާބެހޭ ގޮތުން ރަޝިޔާގެ ސަލާމަތީ މަޖިލީހުގެ ނާއިބު ރައީސް މެޑްވެޑީވް ވިދާޅުވާ ގޮތުގައި "ނޭޓޯއިން ޕޭޓްރިއެޓް މިސައިލް ޔުކްރޭނަށް ދީފިނަމަ އެ ނިޒާމަށް ރަޝިޔާއިން ޙަމަލާދޭނެއެވެ. އެ ނިޒާމު ހަލާކުކޮށްލުމުގެ ބާރު ރަޝިޔާ އަތުގައި އެބަ ހުށްޓެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *