...

Support Us

އަރަމިކޯ އިން ދެކުނު ކޮރެޔާގައި 7 ބިލިއަން ޑޮލަރު ވުނަކުރަނީ

ސުޢޫދީ ޢަރަބިއްޔާގެ ބިޔަ ތެޔޮ ކުންފުނި އަރަމިކޯއިން ދެކުނު ކޮރެޔާގެ އޮލްސާން ސަހަރުގައި ޕެޓްރޯކެމިކަލް ކާރުޚާނާއެއް ޤާއިމުކޮށް ހަތް ބިލިއަން ޑޮލަރުގެ ބޮޑު ވުނަކުރުމެއް ފެށުމަށް ރޭވިފައިވާކަން އިޢުލާނުކޮށްފިއެވެ.

ދެކުނު ކޮރެޔާގެ ތެޔޮ ކުންފުނި އެސް އޮއިލް ކުންފުނީގެ ރައުސްމާލުގެ 63% އަކީ އަރަމިކޯގެ މިލްކެކެވެ. އަރަމިކޯ ބުނާގޮތުގައި މި އައު ކާރުޚާނާ ބިނާކުރުމުގެ މަސައްކަތް 2023 ގައި ފެށޭނެއެވެ. މި ކާރުޚާނާ ބިނާކޮށް ނިމޭނީ 2026ގައި ކަމަށް ޚަބަރު ލިބެއެވެ. އޭރުން މި ކުންފުނީގެ އުފެއްދުންތެރިކަމުގެ ހަކަތަ އަހަރަކު 3.2 މިލއަން ޓަނަށް އުފުލިގެންދާނެއެވެ.

އަރަމިކޯ ބުނާގޮތުގައި މި މަޝްރޫޢު ނިމުމުން ދެކުނު ކޮރެއާގެ އެސް އޮއިލް ކުންފުނީގެ އުފެއްދުންތެރިކަން 25% އަށް މައްޗަށް ދާނެއެވެ.

އަނެއްކޮޅުން ބަލާއިރު ސުޢޫދީ ވަލީޢަހްދު މުޙައްމަދު ބިން ސަލްމާން ދެކުނު ކޮރެއާއަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅު މިއަދު ވަނީ ނިންމަވައިލައްވައިފައެވެ. ވަލީ ޢަހްދު ކޮރެޔާއިން ފުރާވަޑައިގަންނަވަމުން ހާމަކުރެއްވި ގޮތުގައި ދެކުނު ކޮރެއާގައި ބޭއްވެވި ވާހަކަދެއްކުންތަކުން އެ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންތަކުގެ ބަދަހިކަން ހާމަވެގެން ދިޔައެވެ.

މި ދަތުރުފުޅުގައި ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާން ކޮރެއާގެ ތަފާތު ކުންފުނިތަކުގެ ވެރީންނާ ބައްދަލު ކުރެއްވިއެވެ. މި ބައްދަލު ކުރެއްވުންތަކުގައި ހަކަތައާއި ފަންނިއްޔަތާއި ސިނާޢަތާއި ޢިމާރާތްކުރުމާ ބެހޭ ތަފާތު މައިދާންތަކުގައި ވުނަކުރުމަށް ހުރި ފުރްސަތުތަކާ ބެހޭގޮތުން ބަހުސް ކުރެއްވިއެވެ. ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާނުގެ އަރިހުގައި ސުޢޫދީ ހަކަތަޔާ ބެހޭ ވަޒީރާއި ވިޔަފާރިއާ ބެހޭ ވަޒީރާއި ވުނަކުރުމާ ބެހޭ ވަޒީރާއި އިޤްތިޞާދާ ބެހޭ ވަޒީރާއި ސުޢޫދީ ވުނަކުރުމާ ބެހޭ ފަންޑުގެ ގަވަރުނަރު މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ސުޢޫދީ ވަލިއްޔު ޢަހްދު ދެކުނު ކޮރެއާއަށް ވަޑައިގެންނެވީ އިންޑޮނީޝިޔާގެ ބާލީގައި ބޭއްވި ޖަމާޢަތް 20ގެ ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް ފަހުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *