...

Support Us

ފުޓްބޯޅައިން ފީފާއަށް ފައިސާ ހޯދާ ގޮތަކީ މިއީ

ގަތަރު ވޯލްޑް ކަޕް ކާމިޔާބުކުރާ ޓީމަކަށް 44 މިލިއަން ޑޮލަރު ލިބޭނެ

މިއީ ފުޓްބޯޅައިގެ ދުނިޔޭގެ ވެރިކަންކުރާ ފީފާއިން ފައިސާ ހޯދާ ގޮތެވެ. ރަޝިޔާގައި 2018 ވަނަ އަހަރު ވޯލްޑް ކަޕް ބޭއްވިއިރު، ފީފާއަށް 4.6 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބުނެވެ.

ވޯލްޑް ކަޕް ބާއްވާ ގައުމުތަކުގެ އޯގަނައިޒިން ކޮމިޓީތަކަށް އިނާމު ފައިސާއާއި ޓީމުތަކާއި ސަޕޯޓް ސްޓާފުންނަށް ދަތުރުފަތުރާއި އެކޮމޮޑޭޝަން ފައިސާގެ އިތުރުން ވޯލްޑް ކަޕް ޓީމުތައް ފުރައިގެން ދިއުމުން ހޯސްޓް ގައުމުގައި ކުޅިވަރު ތަރައްގީ ކުރުމަށް އެހީތެރިވުމަށް ލެގަސީ ފަންޑުން ފީފާއިން އެހީވެއެވެ.

ގަތަރު ވޯލްޑް ކަޕް ކާމިޔާބުކުރާ ޓީމަކަށް 44 މިލިއަން ޑޮލަރު ލިބޭނެ އެވެ. އެއީ ފީފާއިން ދޭ ޖުމްލަ 440 މިލިއަން ޑޮލަރުގެ ތެރެއިންނެވެ.

ފީފާއިން އެކައުންޓްތައް އިންތިޒާމް ކުރަނީ ކޮންމެ ވޯލްޑް ކަޕެއްގެ ވަށައިގެން ހަތަރު އަހަރުގެ ބުރުތަކަކަށެވެ. އެންމެ ފަހުން ޝާއިއުކުރި 2015- 2018ގެ ބުރަށް ބަލާއިރު ފީފާއިން ވަނީ 6.4 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ. ވޯލްޑް ކަޕް ނުބާއްވާ އަހަރެއް ކަމަށްވާ 2021 ވަނަ އަހަރު ފީފާއިން ވަނީ 766 މިލިއަން ޑޮލަރު ހޯދައިފައެވެ.

ޓީވީ ރައިޓްސް

ފީފާގެ އާމްދަނީގެ ބޮޑު ބައެއް ލިބެނީ ވޯލްޑް ކަޕާއި ބައިނަލްއަގުވާމީ އެހެން މުބާރާތްތަކުގެ ޓީވީ ބްރޯޑްކާސްޓް ރައިޓްސް ވިއްކައިގެންނެވެ.

މިދިޔަ ބުރުގައި ލިބުނު 6.4 ބިލިއަން ޑޮލަރުގެ ތެރެއިން 4.6 ބިލިއަން ޑޮލަރު ލިބުނީ ޓީވީ ރައިޓްސް އިންނެވެ.

މާކެޓިންގ ރައިޓްސް

ދުނިޔޭގެ ބްރޭންޑްތަކުން ފީފާއަށް ފައިސާ ދައްކަނީ އެ ޖަމިއްޔާގެ އިވެންޓްތަކުގައި އިޝްތިހާރުކުރުމުގެ ހައްގަށެވެ. އެންމެ ބޮޑެތި ބްރޭންޑްތަކަށް ފީފާގެ ޑިވެލޮޕްމަންޓާއި އިޖުތިމާއީ ޒިންމާގެ ޕްލޭންތަކުގައި ޕާޓްނަޝިޕް ހަދައިގެންނެވެ. މާނައަކީ ފީފާގެ ނޮން ޕްރޮފިޓް ޓީމާ އެކު ހިއްސާއެއް އޮވެގެންނެވެ.

ދެން އެންމެ ބޮޑު ބްރޭންޑްތަކަށް އިޝްތިހާރު ކުރުމުގެ ހުއްދަ ދީފައިވަނީ މި ޕްލެނެޓްގައި އެންމެ ގިނައިން ބަލާ އެއް ޓީވީ އިވެންޓް ކަމަށްވާ ވޯލްޑްކަޕްގަ އެވެ. ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ކަމަށްވާ، ގާތްގަނޑަކަށް ފަސް ބިލިއަން މީހުން މިއަހަރުގެ މުބާރާތަށް ޓީވީތައް ޓިއުން ކުރާނެ ކަމަށް ބެލެވެ އެވެ. އެއީ ދުނިޔޭގެ ބްރޭންޑްތައް އިޝްތިހާރުކުރުމަށް ލިބޭ އެންމެ ބޮޑު ބޮޑު އޯޑިއަންސެވެ.

ރަޝިޔާގައި 2018 ވަނަ އަހަރު ބޭއްވި ޕްރީ ވޯލްޑް ކަޕް ސައިކަލްގައި މާކެޓިން ރައިޓްސް ޑީލްތަކުގެ ސަބަބުން ފީފާއަށް 1.66 ބިލިއަން ޑޮލަރު ލިބުނެވެ. އަދި 2021 ވަނަ އަހަރު ވެސް މާކެޓިން ރައިޓްސް ވިއްކައިގެން 131 މިލިއަން ޑޮލަރު ލިބުނެވެ.

ޓިކެޓް ވިއްކުމާއި މެހެމާންދާރީ ދިނުން

ފީފާގެ އަނެއް އާމްދަނީ އަކީ ޓިކެޓް ވިއްކައިގެން ލިބޭ ގޭޓް ފައިސާއެވެ. ޓިކެޓިން ރައިޓްސް އިން ލިބޭ މުޅި އާމްދަނީ ދަނީ ފީފާގެ މުޅިން ހިއްސާވާ ސަބްސިޑަރީ ކުންފުންޏަކަށެވެ. މިގޮތުން 2015- 2018 ވަނަ އަހަރުގެ ސައިކަލްގައި މިކަމުން 712 މިލިއަން ޑޮލަރު ލިބިފައިވެއެވެ.

ގާތްގަނޑަކަށް 600،000 މީހުން ބައިވެރިވި އަރަބި ކަޕްގެ ޓިކެޓް ވިއްކައިގެން 2021 ވަނަ އަހަރު 12 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ކަމަށް ލަފާކުރެވެ އެވެ. ގަތަރު 2022 އަށް ގާތްގަނޑަކަށް ތިން މިލިއަން ޓިކެޓް ވިކިފައިވާއިރު، 100- 1،100 ޑޮލަރާ ދެމެދުގެ އަގުތަކާއެކު މިއީ އަނެއްކާވެސް ބޮޑު އާމްދަނީއެއް ލިބޭނެ އަހަރަކަށް ވާނެކަން ޔަގީނެވެ.

ބްރޭންޑިންގ އާއި ލައިސަންސް ދިނުން

ފީފާއިން ނަގުދު ފައިސާ ނަގަނީ އެ ކުންފުނީގެ ބްރޭންޑް ލައިސަންސް އަށެވެ. މީގެ ތެރެއިން އެންމެ މަޝްހޫރު އެކައްޗަކީ އިލެކްޓްރޯނިކް އާޓްސްގެ ފީފާ ފުޓްބޯޅަ ގޭމްތަކުގެ ސިލްސިލާ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ފީފާއާއެކު އީއޭ އިން 20 އަހަރު ދުވަހުގެ ޕާޓްނަޝިޕްގައި އީއޭއަށް 20 ބިލިއަން ޑޮލަރުގެ ވިޔަފާރިއެއް ލިބިފައިވެއެވެ.

ފީފާ ގޭމްސް އުފައްދާ ކުންފުނިން ފީފާގެ ނަން ބޭނުންކުރުމުގެ ހައްގަށް އަހަރަކު 150 މިލިއަން ޑޮލަރު ފީފާއަށް ދީފައިވާ ކަމަށް ބެލެވެއެވެ.

މިދިޔަ އަހަރު ފީފާއިން ވަނީ މާޗަންޑައިޒް، ރީޓެއިލް އަދި ގޭމިންގެ ބްރޭންޑަށް ލައިސަންސް ދީގެން 180 މިލިއަން ޑޮލަރު ހޯދައިފައެވެ. ހަމަ އެ އަހަރު ފީފާއަށް ކޮރަޕްޝަންގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން 201 މިލިއަން ޑޮލަރުގެ ބަދަލެއް ލިބިފައިވެއެވެ. އެއީ 2015 ވަނަ އަހަރު ފީފާގެ މަތީ ފެންވަރުގެ ދިހަވަރަކަށް އެގްޒެކެޓިވުންގެ މައްޗަށް ދައުވާ އުފުލުމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *