Support Us

ކޭޕް ވާޑްގެ ވޮޒީންޔާ (ކ) ދިފާއުކުރި އާޖަންޓީނާގެ ލިއޮނަލް މެސީގެ ޕެނަލްޓީ

ވޯލްޑް ކަޕުން ކޭޕް ވާޑްގެ ފުޓުބޯޅައިގެ ހުވަފެންތަކަށް ލިބުނު އާ ރޫހު

ހައިރާންކޮށްލި އަދި ވޯލްޑް ކަޕްގެ ފުރަތަމަ ފެނިލުމަށްފަހު ކޭޕް ވާޑްގެ ގައުމީ ފިރިހެން ފުޓުބޯޅަ ޓީމު އެނބުރި ގައުމުގެ ވެރިރަށް ޕްރައިއާއަށް އެނބުރި އައި ދުވަހެވެ. އެއާޕޯޓުން ނިކުތްތަނާ ސަޕޯޓަރުން ކުޅުންތެރިން ވަށައިލިއެވެ.

ޕްރައިއާގެ މައި ވިޔަފާރި ސަރަހައްދުގައި ހުންނަ ތަމްރީން ދޭ އެކަޑެމީތަކުގެ ތެރެއިން އެއް އެކަޑެމީގެ ބައެއް ދަރިވަރުންނަކީ އުމުރުން އެންމެ ނުވަ އަހަރުގެ ކުދިންނެވެ. އެ ކުދިން ބުނީ މިއީ އެ ކުދިންގެ ޖަޒީރާ ގައުމު ފުޓުބޯޅައިގެ ބާރަކަށް ބަދަލުވުމުގެ ކޮޅުމަތި ކަމަށެވެ.

ގްރޫޕް ސްޓޭޖްގެ މެޗުގައި ކޭޕް ވާޑް ސްޕެއިންއާ ހަމަހަމަކުރިއެވެ. ނަމަވެސް ނޮކްއައުޓްގައި އާޖަންޓީނާގެ އަތުން 3-2 އިން ހިތްހަލާކުކޮށްލި ބަލިވުމަކުން ބަލިވިއެވެ. އެހެނަސް "ބްލޫ ޝާކްސް" ނުވަތަ ލަފުޒީ މާނައިން "ނޫ މިޔަރުތައް" ވަނީ ދުނިޔޭގެ ބައެއް އެންމެ މޮޅު ސްޓްރައިކަރުން މާޔޫސްކޮށްލައިފައެވެ. އަދި ގޯލު ޖެހުމުގެ ހުނަރު ހުރިކަން ވެސް ދައްކައިލައިފައެވެ. އެއީ އާޖަންޓީނާގެ ލިއޮނަލް މެސީގެ ޓީމު އިތުރު ވަގުތާ ހިސާބަށް ގެންގޮސްގެނެވެ.

ހުޅަނގު އެފްރިކާއާ ބޭރުން އޮންނަ ކޭޕް ވާޑްއަކީ އެންމެ 500،000 މީހުންގެ އާބާދީއެއް އޮތް ޖަޒީރާ ގައުމެކެވެ. ވޯލްޑް ކަޕްގެ ނޮކްއައުޓް ރައުންޑަށް ފޯރި ފުރަތަމަ އެންމެ އާބާދީ ކުޑަ ގައުމެވެ.

ސިލްވީރީއާ ނެޑީއޯ ޒުވާނުން ތަމްރީންކުރަނީ

ސަޕޯޓަރު ހެނަޓޫ ހީބޭރޫ ބުނީ ދުނިޔެއިން އޭނާގެ ގައުމީ ޓީމާމެދު ދުށް ދަށް ނަޒަރު ބަދަލުކޮށްލުމުން އުފާވި ކަމަށެވެ.

"އަހަރެމެންނަށް ދިނީ އެއް ޕަސެންޓް ފުރުސަތެއް. އެކަމަކު އަހަރެން އަބަދުވެސް ބުނަމުންދިޔައީ އެއް ޕަސެންޓް ފުރުސަތަކީ އަހަރެމެންނަށް ވަރަށް ބޮޑު އެއްޗެކޭ،" ގައުމީ ޓީމުން ބައިވެރިވި ޕާޓީއެއްގެ ފޭނުން ތިބޭ ސަރަހައްދެއްގައި ހުރެ ހީބޭރޫ ބުންޏެވެ.

"އަހަރެންގެ އެންމެ ބޮޑު ފަހުރަކީ އަހަރެމެންގެ ގައުމީ ޓީމުން ޒުވާނުން ފުޓުބޯޅަ ކުޅޭހިތްވުން އިތުރުކޮށްދޭނެކަން،" އޭނާ އިތުރުކޮށްލިއެވެ.

ސެޒާ އަލެޒަންދްރެ ފްރަންސާ

ޒުވާން ކުޅުންތެރިން ތަރިންނަށް ވާން ބޭނުންވުން

ބްލޫ ޝާކްސްގެ ރޫހު މިހާރު ވެސް އެބަ ފެނެއެވެ. އެއީ ޕްރައިއާގެ ބޮލަ ޕްރަ ފްރެންޗަ ނުވަތަ "ބޯލް ފޮވާޑް" އެކަޑެމީންނެވެ. މިހާރު ކުރީ ސަފުގައި ހިމެނޭ ގައުމީ ފުޓުބޯޅަ ތަމްރީން ދޭ މަރުކަޒަކަށް ވެފައިވާ އެ އެކަޑެމީ ގާއިމުކުރީ 2010 ގައެވެ.

މާސޭލޯ ޕެރެއިރާ ވަލެރާ

"ކޭޕް ވާޑްގެ ފުޓުބޯޅައިގެ ކުރިމަގު ވަރުގަދަ،" އެ އެކަޑެމީ އަދި ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ވެސް ހެޑް ކޯޗް ކަމަށްވާ ސިލްވީރީއާ ނެޑީއޯ، 60، ބުންޏެވެ.

އެ އެކަޑެމީއަކީ މި ފަހަރުގެ ވޯލްޑް ކަޕްގެ ބައިވަރު ކުޅުންތެރިން ކުރިން ތަމްރީންވި މަރުކަޒެކެވެ. އޭގެ ތެރޭގައި ޑިފެންޑަރު ޝޫއައު ޕައުލޫ ފަނަންޑީޝް އާއި މިޑްފީލްޑަރު ކެވިން ޕީނާ ހިމެނެއެވެ. ޕީނާއަކީ ވޯލްޑް ކަޕްގައި ކޭޕް ވާޑްގެ ފުރަތަމަ ގޯލު ޖަހައިދިން ކުޅުންތެރިޔާއެވެ. އެއީ ޔުރުގުއާއިއާ ދެކޮޅަށް ގްރޫޕް ސްޓޭޖް މެޗެއްގައެވެ.

ސިލްވީރީއާ ނެޑީއޯ (ވ) ޒުވާނުން ތަމްރީންކުރަނީ

ބޮލަ ޕްރަ ފްރެންޗަގައި މި ވަގުތު ގާތްގަނޑަކަށް 240 ކުޅުންތެރިން އެބަތިއްބެވެ. އުމުރު އުޅެނީ ހަތަރަކުން 17 އާ ދޭތެރޭގައެވެ. ބްލޫ ޝާކްސްގެ ކުޅަދާނަކަމާ އެ ކުދިންގެ ހިތް މިހާރު ވަނީ ގުޅިފައެވެ.

"އަހަރެން ބޭނުންވަނީ ފުޓުބޯޅައިގައި ދެވޭނެ އެންމެ މައްޗަށް ދާން. އަހަރެންގެ މި ފުޓުބޯޅަ އާއިލާ އަހަރެންނަށް ކަމުދޭ. އެ މީހުންނަކީ ފަހުރުވެރި ބަޔަކު ކަމަށް ހަދަން އަހަރެން ބޭނުން،" ސެޒާ އަލެޒަންދްރެ ފްރަންސާ، 12، ބުންޏެވެ.

ސިލްވީރީއާ ނެޑީއޯ (ވ-2) ޒުވާނުން ތަމްރީންކުރަނީ

މާސޭލޯ ޕެރެއިރާ ވަލެރާ، 9، އެކަޑެމީގައި އުޅޭތާ ތިން އަހަރު ވެއްޖެއެވެ. އޭނާގެ ވެސް ހުވަފެނަކީ ގައުމީ ޓީމަށް ކުޅުމެވެ.

"އަހަރެން ބޭނުންވަނީ ފުޓުބޯޅައިގައި މޮޅެތި ކަންތައްތައް ކޮށްލަން،" އޭނާ ބުންޏެވެ.

ކޭޕް ވާޑްގައި ޒުވާނުން ތަމްރީންކުރާ ފުޓުބޯޅަ ޕިޗެއް

މާލީ ހުރަސްތައް އެބަ ހުރި

ބޮލަ ޕްރަ ފްރެންޗައަކީ ޕްރައިއާގައި އެކަނިވެސް ހުރި 20 އަށްވުރެ ގިނަ ފުޓުބޯޅަ އެކަޑެމީގެ ތެރެއިން އެއް އެކަޑެމީއެވެ. ކޭޕް ވާޑްގެ 10 އަލިފާން ފަރުބަދަ ޖަޒީރާތަކުގައި އެހެން އެކަޑެމީތައް އެބަހުރި ކަމަށް ގައުމީ ފުޓުބޯޅަ އިދާރާގެ ރައީސް މަރީއޫ ސެމެޑޫ ބުންޏެވެ.

"އަހަރެން ގަބޫލުކުރަނީ ހަގީގަތުގައި ވެސް ރަނގަޅު އިންވެސްޓްމެންޓްތަކެއް ކުރެވިއްޖެ ކަމަށް. މި އެކަޑެމީތަކުން އަހަރެމެންގެ ގައުމީ ޓީމު ތަރައްގީކުރަން ބޮޑު ދައުރެއް އަދާކުރި،" އޭނާ ބުންޏެވެ.

ގައުމީ ޕްރޮގްރާމަށް އަދިވެސް ވަނީ މާލީ ހުރަސްތައް ކުރިމަތިވެފައެވެ. ނަތީޖާއެއްގެ ގޮތުން ބައިވަރު ޒުވާން ކުޅުންތެރިން ވަނީ ގައުމުން ބޭރުން ތަމްރީންވުމުގެ ފުރުސަތު ހޯދައިފައެވެ. އާހިރުގައި މިއީ ގައުމަށް ރަނގަޅު ގޮތެއް ކަމަށް ސެމެޑޫ ބުންޏެވެ. ސަބަބަކީ އެ ކުޅުންތެރިންނަށް އެތައް ފުރުސަތުތަކެއް ލިބޭނެތީއެވެ.

ކޭޕް ވާޑްގެ ވެރިރަށް ޕްރައިއާގެ ބޮލަ ޕްރަ ފްރެންޗަ އެކަޑެމީގައި ޒުވާނުން ތަމްރީންވަނީ

"އުމުރުން 13 ނުވަތަ 15 އަހަރުގައި ކޭޕް ވާޑްގެ ކުޅުންތެރިއެއް ޕޯޗުގަލްއަށް ދާ ކޮންމެ ފަހަރަކީ އަހަރެމެންނަށް ފައިދާ ކުރާނެ ކަމެއް،" އޭނާ ބުންޏެވެ.

ވޯލްޑް ކަޕް ފެށުމުގެ ކުރިން ވެސް ނެޑީއޯ ދިޔައީ ފުޓުބޯޅަ ޗާޓަށް ކޭޕް ވާޑް ލާން އެހީވަމުންނެވެ. އެއީ މިހާރު މޮރޮކޯގައި ކުރިއަށްދާ އެފްރިކާ ކަޕް އޮފް ނޭޝަންސްއަށް މި ދިޔަ އަހަރު ގައުމީ އަންހެން ޓީމު ކޮލިފައިވުމުންނެވެ.

މިއީ ވެސް ގައުމީ ފުޓުބޯޅަ ޕްރޮގްރާމްގެ ދުވެލި ހަލުވިވަމުންދާކަމުގެ ނިޝާނެއް ކަމަށް ނެޑީއޯ ބުންޏެވެ.

"މި ވަގުތުން ފެށިގެން ކަންތައްތައް އެއްކޮށް ބަދަލުވެގެން ހިނގައިދާނެ. އެއީ ފުޓުބޯޅައިގައި އަދި ގައުމުގައި ވެސް،" އޭނާ އިތުރުކޮށްލިއެވެ.

ކޭޕް ވާޑްގެ ވެރިރަށް ޕްރައިއާގެ ބޮލަ ޕްރަ ފްރެންޗަ އެކަޑެމީގައި ޒުވާނުން ތަމްރީންވަނީ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *