...

Support Us

އިސްރާއީލާ ގުޅުން ހުރި ތެޔޮ ބޯޓަކަށް ޑްރޯން ޙަމަލާއެއް ދީފި

ޢުމާނުގެ އައްސޭރި ކައިރިން ދަތުރުކުރި އިސްރާއީލާ ގުޅުން ހުރި ތެޔޮ ބޯޓަކަށް ޑްރޯން ޙަމަލާއެއް ދީފިއެވެ.

އެމެރިކާގެ ފަސްވަނަ ފްލީޓުގެ ތަރްޖަމާނާ ޙަވާލާދީ ރޮއެޓަރޒް ބުނާގޮތުގައި މެދުއިރުމަތީގައި އޮންނަ އެމެރިކާގެ ފަސްވަނަ ފްލީޓަށް މި ކަން އެނގިފައި ވެއެވެ. އެ ފްލީޓުގެ ތަރްޖަމާނު ވިދާޅުވި ގޮތުގައި މި ޙަމަލާ ދީފައިވަނީ ޢުމާން ކަނޑުއޮޅިތެރެއިންނެވެ. އެއީ ވިޔާފާރި އުޅަނދެކެވެ. އެސޯޝޭޓެޑް ޕްރެސް ބުނާގޮތުގައި މި ތެޔޮ ބޯޓުގެ ވެރިފަރާތަކީ އިސްރާއީލުގެ ބިލިޔަނޭރެކެވެ. މި ޙަމަލާދިނީ އީރާނުން ކަމަށް އިސްރާއީލުން ތުހްމަތު ކުރެއެވެ.

ގޮވާ އެއްޗެހިތަކެއް އީރާނަށް ވަގަށް އެތެރެކުރާން އުޅުނު މަސްބޯޓަކަށް އެމެރިކާއިން ވަނީ މީގެ އެއް ދުވަސް ކުރީން ހުރަސްއަޅައިފައެވެ. އެމެރިކާގެ ފަސްވަނަ ފްލީޓް ބުނާގޮތުގައި ހުރަސްއެޅުނު މަސްބޯޓުގައި ތިބީ ޔަމަނުގެ ހަތަރު މީހެކެވެ. މި ބޯޓުގައި 100 ޓަނުގެ ޔޫރިޔާ ކާދު ހުއްޓެވެ. މިއީ ދަނޑުވެރިކަމަށް ބޭނުންކުރާ އެއްޗަކަށް ވިޔަސް ގޮވާ ތަކެތި އުފެއްދުމަށް މި މާއްދާ ބޭނުން ކުރެވިދާނެއެވެ. އެެމެރިކާއިން ބުނާގޮތުގައި މި ބޯޓު ފައްތައިލުމަށްފަހު ބޯޓުގެ ފަޅުވެރީން ޔަމަނުގެ ކޯސްޓް ގާޑުންނާ ވަނީ ޙަވާލު ކޮށްފައެވެ.

އެސޯޝޭޓެޑް ޕްރެސް ބުނާގޮތުގައި ލައިބީރިޔާގެ ދިދަ ނަގައިގެން ދަތުރުކުރަމުން ދިޔަ ތެޔޮ ބޯޓަކީ ސިންގަޕޫރުގައި ރަޖިސްޓަރީކޮށްފައިވާ އީސްޓަރން ޕެސިފިކް ޝިޕިންގް ކުންފުނީގެ ބޯޓެކެވެ. މި ބޯޓުގެ ޙަޤީޤީ ވެރިޔަކީ އިސްރާއީލުގެ ބިިލިޔަނޭރެއް ކަމުގައިވާ ޢީދާން ޢޫފަރެވެ.

ސިންގަޕޫރުގެ މި ކުންފުނި ބުނާގޮތުގައި އެ ކުންފުނީގެ ޕެސިފިކް ޒިރްކޮން ނަމަކަށް ބޯޓު ޢުމާން ކަނޑުއޮޅިތެރޭގައި ދަތުރު ކުރަނިކޮށް ދިން ޙަމަލާގައި ބޯޓުގެ ފަޅުވެރީންނަށް ވެސް އަދި ބޯޓުގައި ހުރި ތެލަށް ވެސް ގެއްލުމެއް ނުލިބެއެވެ. ބޯޓުގެ އޮނިގަނޑަކަށް ކުޑަކޮށް ގެއްލުން ލިބުނެވެ.

އިސްރާއީލުން ތުހްމަތު ކުރާ ގޮތުގައި އިސްރާއީލުގެ ބިލިޔަނޭރެއްގެ ޙިއްޞާ އޮންނަ ކުންފުންޏެއްގެ ތެޔޮ ބޯޓަށް ޙަމަލާދިނީ އީރާނުންނެވެ. އިސްރާއީލު ރޭޑިއޯ ބުނާގޮތުގައި މި ބޯޓަށް ޢުމާނު ކައިރިން ޙަމަލާދިނީ ހަތިޔާރުއެޅި ޑްރޯނެކެވެ. މި ބޯޓަށް ލިބުނު ގެއްލުންތަކާ ބެހޭ ތަފްޞީލެއް އިސްރާއީލަކުން ނުދެއެވެ. އިސްރާއީލުން ބުނިގޮތުގައި މިއީ ޤަޠަރުގައި މި މަހު 20 ގައި ފެށޭ މޮންޑިޔާލަށް ހުރަސްއެޅުމަށް ޠަހަރާނުން ކުރަމުންދާ ކަމެކެވެ.

ކަނޑުދަތުރުތަކާ ބެހޭ ސައިޓެއް ކަމުގައިވާ މެރިން ޓްރެފިކް ބުނާގޮތުގައި މި ބޯޓު ޢުމާނުގެ ޞަޙާރު ބަނދަރުން ފުރީ ހޯމަދުވަހު މެންދުރުފަހުންނެވެ. މި ބޯޓުގެ ދަތުރުކުރަނީ އާޖެންޓީނާގެ ވެރިރަށް ބޯނަސް އަޔާރސަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *