Support Us

މެދު އިންތިޚާބުގެ ސަބަބުން ބައިޑްންގެ ސިޔާސީ މަޤާމު އިތުރަށް ވަރުގަދަވެއްޖެ

އެމެރިކާގައި ބޭއްވި މެދު އިންތިޚާބުގެ ސަބަބުން ސިޔާސީ މަޤާމު ވަރުގަދަވެގެން ހިނގައްޖެ ކަމަށް ރައީސް ބައިޑްން ވިދާޅުވެއްޖެއެވެ. މި ކަމުގެ ސަބަބުން ޗައިނާގެ ރައީސް ޝީ ޖިންޕިންގާ ބައްދަލުކުރައްވާ އިރު އިތުބާރާއެކު ބައްދަލު ކުރެއްވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޕެނޫމްޕެންގައި އާސިޔަން ސަމިޓްގެ ތެރޭގައި އާސިޔަންގެ ޒަޢީމުންނާ ބައްދަލު ކުރައްވަމުން ބައިޑްން ވިދާޅުވިއެވެ. "އަޅުގަނޑުގެ ބާރު މިއަދު އިތުރަށް ވަރުގަދަ ވެއްޖެއެވެ."

އެމެރިކާގެ ނިވާޑާ ސްޓޭޓްގެ ސެނެޓްގެ ގޮނޑި ޑިމޮކްރެޓުންނަށް ލިބުމުން ސެނެޓްގައި ޑިމޮކްރެޓުންނަށް 50 ގޮނޑި ލިބުނީއެވެ. މިކަމަށް އިޝާރާތް ކުރައްވާ ބައިޑްން ވިދާޅުވިއެވެ. "ކުރިއަށް އޮތް ދެ އަހަރަކީ ރަނގަޅު ޙާލަތެއްގައި އޮންނާނެ ދުވަސްތަކެކެވެ." އަދި ނުގުނި އޮތް ގޮނޑި ރިޕަބްލިކަނުންނަށް ލިބުނަސް ސެނެޓްގައި ނައިބު ރައީސް ކަމަލާގެ ރިޔާސަތުގެ ސަބަބުން ހުރިހާ ބިލްތަކެއް ވެސް ނިމިގެންދާނީ ވައިޓްހައުސް އެދޭ ގޮތަކަށެވެ.

ހައުސްއަށް ބަލާއިރު ހައުސްގެ 435 ގޮނޑީގެ ފުރިހަމަ ނަތީޖާ އެނގޭނީ ހައެއްކަ ދުވަސް ފަހުންނެވެ. މި ރޭހުގައި އަދި ކުރީގައި އޮތީ ރިޕަބްލިކަނުންނެވެ. ރިޕަބްލިކަނުން ވިދާޅުވާ ގޮތުގައި އެ ޕާޓީއަށް ހައުސް ލިބިއްޖެނަމަ ރައީސް ބައިޑްން މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ގެންގުޅުއްވާ ސިޔާސަތަށް ބަދަލު ގެނެވޭނެއެވެ. އަދި 2017ގައި ޓެކްސް ކުޑަކުރުމާ ބެހޭގޮތުން ފާސްކޮށްފައިވާ ޤަރާރު ކުރިއަށް ގެންދެވޭނެއެވެ. ރިޕަބްލިކަނުން ވިދާޅުވާ ގޮތުގައި ރައީސް ބައިޑްންގެ ދަރިކަލުން ޔުކްރޭނާއި ޗައިނާއާއެކު ކުރައްވަމުން ގެންދަވާ ވިޔަފާރީގެ މުޢާމަލާތުތަކާއި ރައީސް ބައިޑްންގެ އިދާރާގެ ތަފާތު ޙަރަކާތްތައް ތަޙްޤީޤު ކުރެވޭނެއެވެ.

އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގޭގައި ޑިމޮކްރެޓުންނަށް އަޣްލަބިއްޔަތު ލިބުމުން ޑިމޮކްރެޓުން ވަރަށް ހިތްހަމަ ޖެހުނެވެ. މީޑިއާތަކުން ބުނަމުންދިޔަ ގޮތާ ޅިލާފަށް މި ފަދަ ކާމިޔާބީއެއް ލިބުުމުންނެވެ. ސެނެޓްގެ ޑިމޮރެޓުންގެ ޒަޢީމު ޝޫމަރު ނޫސްވެރީންނާ ބައްދަލު ކުރައްވާ ވިދާޅުވިއެވެ. ((އެމެރިކާއިން އެމީހުން ދީމުޤްރާޠީ ނިޒާމު ޤަބޫލު ކުރާކަން ފާޅުކޮށްފިއެވެ. ދިމުޤްރާޠިއްޔަތުގެ މޫތަކަކީ ވަރަށް ފުނަށް ފައިބައިފައިވާ މޫތަކެކެވެ.))

އަލަށް އިންތިޚާބުކުރި ސެނެޓްގެ މެންބަރުން ހުވާ ކުރައްވާނީ މި އަންނަ ޖަނަވަރީ މަހުގެ ތިން ވަނަ ދުވަހުއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *