Support Us

ރޫސީ ސިފައިން ޚަރސަން ސަހަރުން ފައިބައިފި؟

ޔުކްރޭން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި ހުށައެޅޭ ކޮންމެ އިސްނެގުމަކަށް އިރާނުން ތާއީދު ކުރާނެ ކަމަށް އިރާނުން ވަނީ ބުނެފައެވެ. އަނެއްކޮޅުން ރަޝިޔާ ބުނާގޮތުގައި ޔުކްރޭނުގެ ބިންތަކުން ރޫސީ އިއްތިޙާދުގައި ބައިވެރިވި ސަރަޙައްދުތަކުގެ ތެރެއިން ސަރަޙައްދަކަށް ރޫސީ ރައީސް ޕޫޓިން ޒިޔާރަތް ކުރައްވާނެއެވެ.

މި ވަގުތު ޠަހަރާނަށް ވަޑައިގެން އުޅުއްވާ ރޫސީ ވިލާތުގެ ޤާއުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ރައީސް ނިކޮލައި ޕެޓްރޮޝީވާއާ ބައްދަލުކުރެއްވުމަށް ފަހު އީރާނުގެ ޤައުމީ ސަލާމަތާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސް ޢަލީ ޝަމްޚާނީ ވިދާޅުވި ގޮތުގައި ރަޝިޔާއާއި ޔުކްރޭނުންނާ ދެމެދުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ޓަކައި މޭޒުމައްޗަށް ހުށައެޅޭ ކޮންމެ އިސްނެގުމަކަށް އީރާނުން ތާއީދުކޮށް މި އިސްނެގުން ކާމިޔާބު ކުރުމަށް ޓަކައި މުހިއްމު ދައުރެއް އަދާކުރުމަށް އޮތީ ތައްޔާރަށެވެ.

އީރާނަކީ ޔުކްރޭނުން ތުހްމަތު ކުރާ ގޮތުގައި ރަޝިޔާއަށް ޑްރޯން ވިއްކާ މި ހަނގުރާމައިގައި ރަޝިޔާއަށް ތާއީދުކުރާ ޤައުމެކެވެ. އެހެންކަމުން ޞުލްޙައަށް ޓަކައި ކުރެވޭ އެއްވެސް މަސައްކަތެއްގައި އީރާނަށް ދައުރެއް ކުޅެވޭނެ ކަމަކަށް ނުފެނެއެވެ. އީރާނުން މި ދިޔަ ހަފުތާގައި ބުނިގޮތުގައި ހަނގުރާމައިގެ ކުރިން ޠަހަރާނުން ވާނީ މޮސްކޯއަށް ޑްރޯންތަކެއް ވިއްކައިފައެވެ. 

ރަޝިޔާގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުން މި ދަތުރުފުޅާ ބެހޭ ގޮތުން ނެރުނު ބަޔާން ބުނާގޮތުގައި ބައިނަލްއަޤްވާމީ މަސްއަލަތަކާއި ޔުކްރޭން ހަނގުރާމަޔާއި މެދުއިރުމައްޗާ ބެހޭގޮތުން އެ ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ތުރްކީ ނޫސް އޭޖެންސީ ބުނާގޮތުގައި އުތުރު ކޮރެޔާއިން ރަޝިޔާއަށް މިސައިލް ދެމުންގެންދާ ކަމަށް ބުނާ ޚަބަރު މޮސްކޯއިން ދޮގުކޮށްފިއެވެ. މި ޚަބަރު އުތުރު ކޮރެޔާއިން ވެސް ވަނީ ދޮގުކޮށްފައެވެ. މިއީ ޔުކްރޭނުގެ ރައީސް ޒިލެންސްކީ ފަތުރުއްވަމުން ގެންދަވާ ދޮގު ޚަބަރެއް ކަމަށް މޮސްކޯއިން ބުންޏެވެ. 

ހަނގުރާމައިގެ މައިދާން

އަނެއްކޮޅުން ރަޝިޔާ ބުނާގޮތުގައި ޚަރސަން ދެ ފަޅިއަށް  ބައިކުރާ ޑުނިޕްރޯ ކޯރުގެ ވާތު އައްސޭރި ފަރާތަށް އެ ޤައުމުގެ ސިފައިންގެ ފައުޖުތައް ބޭލިއްޖެއެވެ. ރޫސީ ދިފާޢީ ވަޒީރު ޝްވިގޯ ޓީވީގައި ހާމަކުރެއްވި ގޮތުގައި ރޫސީ ސިފައިން އެ ކޯރުގެ ވާތްފަރާތު އައްސޭރިއަށް ފައިބައިފިއެވެ. މި ފިޔަވަޅު އެޅީ މައިދާނީ ކޮމާންޑަރު ޖެނެރަލް ސަރގީ ސޮރުވެކެންގެ ލަފާފުޅުގެ މަތީން ކަމަށް އޭނާ ވިދާޅުވިއެވެ. ޖެނެރލް ސޮރޮވެކެން ވިދާޅުވި ގޮތުގައި ރޫސީ ސިފައިން މިހާރު ދަނީ ކޯރުގެ އަނެއް ފަރާތުގައި ސަފުތައް އިންތިޒާމު ކުރަމުންނެވެ. 

ޔުކްރޭނުގެ ސަރަޙައްދީ މަޖިލީހުގެ ރައީސް ވިދާޅުވާ ގޮތުގައި ރޫސީ ސިފައިން ފޭބީ އެ ކޯރުގެ ހުރިހާ ދާލަންތަކެއް ހަލާކުކޮށް ނައްތައިލައިފައެވެ. ޔުކްރޭންގެ ރައީސް ޒިލެންސްކީ ސިފަކުރެއްވި ގޮތުގައި މިއީ އޭނާއަށް ލިބިވަޑައިގެންނެވި ކާމިޔާބީއެކެވެ. އެހެނަސް އޭނާގެ ސިޔާސީ މުޝީރު ވިދާޅުވި ގޮތުގައި ރޫސީ ސިފައިން ފޭބިޔަސް ޔުކްރޭނުގެ ދިދަ އެ ސަރަޙައްދުގައި ވިހުރުވެމުން ނުދާނަމަ ރޫސީ ސިފައިން ފޭބުމުގެ މާނައެއް ނެތެވެ. އޭނާ ވިދާޅުވި ގޮތުގައި ރޫސީ ސިފައިން އަދިވެސް އެބަ ތިއްބެވެ. އަނެއްކޮޅުން ރޮއެޓަރޒް ބުނާގޮތުގައި ޚަރސަން ސަރަޙައްދުގެ ގަވަރުނަރު ކާރު އެކްސިޑެންޓެއްގައި އަވަހާރަވެއްޖެއެވެ. އޭނާގެ ނައިބު މިހާރު ވަނީ ޚަރސަން ސަރަޙައްދުގެ ގަވަރުނަރު ކަމަށް އިސްކުރެވިފައެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އުތުރު ޚަރސަނަށް ޔުކްރޭން ސިފައިން ދެމުންދާ ޙަމަލާތައް ހުއްޓުވިއްޖެއެވެ. ރަޝިޔާ ސިފައިން ދަނީ ޔުކްރޭނުގެ ޙަމަލާތައް އެތައް ނާރެސްތަކެއްގައި ހުއްޓުވަމުން ޔުކްރޭން ސިފައިންނަށް ބޮޑެތި ގެއްލުންތައް ދެމުންނެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ޔުކްރޭނުން ދަނީ މި ނާރެސްތަކަށް މަދަދު ފޮނުވަމުންނެވެ. އޭގެތެރޭގައި ކުލީ ސިފައިން ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

އަނެއް ފަރާތުން ބުނާގޮތުގައި ޑްނިޕްރޯ ޕެޓްރޮވުސްކް ސަރަޙައްދުގައި ރޫސީ ސިފައިން ދަނީ އެ ސަރަޙައްދުގެ ރަށްތަކަށް ވައިގެ ޙަމަލާތައް ދެމުންނެވެ. ޔުކްރޭން ބުނާގޮތުގައި ރަޝިޔާގެ ފަސް ޑްރޯނެއް ވަނީ ވައްޓައިލެވިފައެވެ. 

ރައީސް ޕޫޓިން ޒިޔާރަތް ކުރައްވަނީ

އަނެއް ކޮޅުން ބަލާއިރު ކްރެމްލިންގެ ތަރްޖަމާނު ވިދާޅުވާ ގޮތުގައި ރޫސީ ރައީސް ޕޫޓިން ޑޮންބާސް ސަރަހައްދަށް ވަރަށް ކައިރި މުސްތަޤްބަލެއްގައި ދަތުރުފުޅެއް ކުރައްވާނެއެވެ. އެހެނަސް މި ދަތުރުފުޅާ ބެހޭ ޕްރޮގްރާމު އަދި ކަނޑަނޭޅޭ ކަމަށް އޭނާ ވިދާޅުވިއެވެ. 

ޓާސް ބުނާގޮތުގައި ކްރެމްލިންގެ ތަރްޖަމާނު ބިސްކޯވް ލޮގަންސްކް ސަރަހައްދަށް ޒިޔާރަތެއް ކުރައްވައިފިއެވެ. އޭނާ އެ ސަރަޙައްދަށް ވަޑައިގަތީ ލޮގަންސްކާއި ޑޮނެޓްސްކް ސަރަޙައްދުގެ ނޫސްވެރީންނަށް ބޭއްވި ތަމްރީނު ބުރެއްގައި ކިޔަވާދެއްވުމަށް ޓަކައެވެ.   

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *