Support Us

ސިފައިން ހަނގުރާމައަށް ތައްޔާރުވުމަށް ޗައިނާގެ ރައީސް ގޮވައިލައްވައިފި

"ހަނގުރާމަކޮށް  މޮޅުވުމަށް ޓަކައި" ލަޝްކަރުތައް ވަރުގަދަ ކުރުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގ ޗައިނާގެ ސިފައިންނަށް ގޮވައިލައްވައިފިއެވެ.

ރައީސް ޝީ ޖިންޕިންގ މި ކަމަށް ގޮވައިލެއްވީ ޢަސްކަރީ ޔުނިފޯމުގައި ސިފައިންނާ ބައްދަލު ކުރައްވަމުންނެވެ. ޝިންޚުވާ ނޫސް އޭޖެންސީ ބުނާގޮތުގައި ހަނގުރާމަ ކުރުމަށް ތައްޔާރުވުމަށް ޓަކައި ޢަސްކަރީ ހުރިހާ ހަކަތަތަކެއް ޤައުމުގެ ދިފާޢުގައި ޤުރްބާން ކުރުމަށް ރައީސް ޝީ ޗައިނާގެ  ލަޝްކަރުތަކަށް ގޮވައިލެއްވިއެވެ. 

ޝީ ޗައިނާގެ ޢަސްކަރީ މަރްކަޒީ ކޮމެޓީގެ ގުޅިފައިވާ މައި މަރްކަޒަށް ވަޑައިގެން ސިފައިންނާ މުޚާޠަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ސިފައިންގެ ހުރިހާ ފަރްދުން އެމީހުންގެ ވާޖިބުތައް އަދާކުރުމުގައި ޤައުމަށް ވަފާތެރިވުމަށް ހިތްވަރު ދެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި ދުނިޔެއަށް އަންނަނީ ވަރަށް ބާރަށް ބަދަލުތައް އަންނަމުންނެވެ. މި ކަމުގެ ސަބަބުން "ޗައިނާގެ އަމްނަށް ހަމަނުޖެހުންތަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ."    

ޝިންޚުވާ ނޫސް އޭޖެންސީ ބުނާގޮތުގައި ރައީސް ޝީ ސިފައިންނަށް ކޮމްޔުނިސްޓް ޕާޓީގެ 20ވަނަ މަހާސިންތާގެ އިރްޝާދުތައް ދިރާސާކުރުމަށް ގޮވައިލެއްވިއެވެ. ޤައުމުގެ ދިފާޢުތަކާއި ލަޝްކަރު ތަރައްޤީކޮށް ޒަމާނީ ކުރުމަށް ޓަކައި ފިޔަވަޅުތައް އެޅުމަށް ގޮވައިލެއްވިއެވެ.

ޤައުމުގެ ސިޔާދަތާއި އަމްނު ޙިމާޔަތް ކުރުމަށް ޓަކައި ވަރުގަދައަށް ތައްޔާރުވުމަށާއި ޢަސްކަރީ ބާރުތައް ޒަމާނީ ކުރުމާ ބެހޭގޮތުން ޕާޓީގެ ފިކުރު ތަންފީޒު ކުރުމަށާއި ޒަމާނީ ޢަސްކަރީ އިސްތިރާޖީއަށް ތަބާވުމަށާއި ކުރުންތެރިކަމާއެކު ހަނގުރާމަ ކުރުމަށް ކަށަވެތިިވުމަށް ޝީ ސިފައންނަށް ގޮވައިލެއްވިއެވެ. 

ރައީސް ޝީ ވިދާޅުވި ގޮތުގައި 2047 ވަނަ އަހަރަށް ދާއިރު ކަނޑުގެއެންމެ ބާރުގަދަ ލަޝްކަރަށް ޗައިނާ ވާން ޖެހޭނެއެވެ. މި ބާރުގައި 355 ކަނޑުގެ މަނަވަރު އޮންނަން ޖެހޭނެ ކަމަށް ޝީ ކަނޑައެޅުއްވިއެވެ. 

ފަހަކަށް އައިސް ޗައިނާއިން ވަނީ ތައިވާނުގެ މަސްއަލައިގައި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ. ޖުމްލަ 24 މިލިއަން މީހުން ދިރިއުޅޭ ތައިވާނަކީ ޗައިނާ ދެކޭގޮތުގައި އެ ޤައުމުގެ ސަރަޙައްދެކެވެ. ތައިވާނުން ވެސް ޗައިނާ ޤަބޫލެއް ނުކުރެއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *