Support Us

ކޯޕް 27ގެ އިޖްރާއީ މަސައްކަތްތައް ފަށައިފި

މޫސުމާބެހޭ ޢާލަމީ މަހާސިންތާ ކޯޕް 27ގެ އިޖްރާއީ މަސައްކަތްތައް މިއަދު ފަށައިފިއެވެ. 

މިޞްރުގެ މަޝްހޫރު ފަތުރުވެރި ރެޒޯޓެއް ކަމުގައިވާ ޝަރްމުއްޝައިޚުގައި މިއަދު މެންދުރުފަހުގެ ވަގުތެއްގައި އެންމެ ފުރަތަމަ އޮތީ ކޯޕް 26ގެ ރިޔާސަތުން މިޞްރާ ރިޔާސަތު ޙަވާލުކުރުމެވެ. މިޞްރުން ރިޔާސަތާ ޙަވާލުވެ ވަޑައިގަތީ މިޞްރުގެ ޚާރިޖީ ވަޒީރު ސާމިޙު ޝުކްރީއެވެ.  

މަހާސިންތާ ބާއްވަމުންދާ މި އަހަރަކީ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ވަރަށް ހިތާމަވެރި އެތައް ކާރިސާތަކެއް ހިނގައިފައިވާ އަހަރެކެވެ. ފެންބޮޑުވުމުގެ ސަބަބިން ޕާކިސްތާނުގައި 1700 މީހުން މަރުވެފައި ވެއެވެ. ވާރޭ ވެހުން މަދުވެ ފަސްގަނޑު ހަނަފަސްވުމުގެ ސަބަބުން ޗައިނާއާއި އެފްރިކާއާއި ހުޅަނގު އެމެރިކާގެ ދަނޑުތަކާއި ގޮވާންތައް ހަލާކުވެފައި ވެއެވެ. މި ފަދަ ކާރިސާތަކާ ހެދި ތިންވަން ދުނިޔޭގެ ޤައުމުތައް ދަނީ ލިބެމުންދާ ގެއްލުންތަކަށް ބަދަލު ދިނުމަށް ޓަކައި ޚާއްޞަ ފަންޑެއް އެކުލަވައިލުމަށް ގޮވައިލަމުންނެވެ. 

ތަރައްޤީވުމަށް މަސައްކަތް ކުރާ ޤައުމުތަކުން ބަދަލު ހޯދުމަށް އެދޭ ގެއްލުންތަކަކީ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމާއި ކާރބަން ޑައިއޮކްސައިޑް ޖައްވުގެ ތެރެއަށް އަރައިގެން ދިޔުމާއި ޖައްވު ހޫނުވުން އިތުރުވުން ފަދަ ކަންތައްތަކުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކެކެވެ.

މޫސުމީ ގެއްލުންތަކާ ބެހޭ ރިޕޯޓެއް މި ދިޔަ ޖޫން މަހު ޝާއިޢުކުރެވުނެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން 55 ޤައުމަކަށް ބޮޑެތި ނުރައްކާތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް މި ރިޕޯޓް ބުންޏެވެ. ވޭތުވެ ދިޔަ ދެ ދަހަރުގެ ތެރޭގައި 525 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވެއެވެ. މި ރިޕޯޓް ބުނާ ގޮތުގައި 2030 ހާ ހަމައަށް ދެވޭއިރު މި ގެއްލުންތައް 580 ބިލިއަނަށް މައްޗަށް ދާނެއެވެ. 

މިފަހަރުގެ ސަމިޓްގައި މި މަސްއަލައާމެދު ބަހުސްކުރެވޭނެއެވެ. މިއަދުގެ ބައްދަލުވުމުގައި މި މަސްއަލަ އެޖެންޑާ ކުރުމަށް ވަނީ އެއްބަސްވެފައެވެ. 

މަސްއަލައަކީ މި ގެއްލުންތަކަށް ބަަދަލު ދޭނީ ކޮން ބައެއް  ހެއްޔެވެ؟ އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދު މި ކަމާ ދެކޮޅު ހަދައެވެ. މި ޤައުމުތަކުން މިކަމާ ދެކޮޅު ހަދަނީ އެ ކަމަށް ކަށަވެތިވެއްޖެނަމަ މާލީ ބޮޑު ބާނިތަކެއްގެ ތެރެއަށް އެ ޤައުމުތަކަށް ވަންނާން ޖެހޭނެތީއެވެ. މި ބާނިތަކުގެ ތެރޭގައި އެ ޤައުމުތަކަށް ފީނައި ކުރިއަށް ނުދެވޭނެތީއެވެ. 

އެމެރިކާގެ އިދާރިއްޔަތުގެ އިސް މަސްއޫލުވެރިއަކު މީގެ ދެތިން ދުވަސް ކުރީން ވިދާޅުވެފައިވާ ގޮތުގައި ޖައްވު ހޫނުކުރާ މީތޭން ގޭސް ޖައްވަށް ދިޔުން މަދު ކުރުމަށް 119 ޤައުމުގެ ތެރެއިން އެއްބަސްވެފައި ވަނީ އެންމެ 40 ޤައުމެވެ. 

ޝަރްމުއްޝައިޚުގައި މި ފެށުނު މަހާސިންތާ ގެ މުހިއްމު ބަޔަކީ  ސަމިޓް ބައެވެ. މި ސަމިޓްގައި 120 ޤައުމެއްގެ ދައުލަތުގެ ވެރީންނާއި ސަރުކާރުތަކުގެ ވެރީން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. ކޯޕް 27ގެ ބައްދަލުވުންތައް ދެ ހަފުތާއެއްހާ ދުވަހަށް ދެމިގެންދާނެއެވެ. 

މި ސަމިޓްގައި ރޫސީ ރައީސާއި ޗައިނާގެ ރައީސް ބައިވެރިވެ ވަޑައެއް ނުަންނަވާނެއެވެ. އެމެރިކާގެ ރައީސާއި ފަރަންސޭސި ރައީސާއި އިނގިރޭސި ބޮޑުވަޒީރު މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

އދ.ގެ އަމީންޢާންމު ގުޓަރެޝް ވިދާޅުވާ ގޮތުގައި މޫސުމަށް ޓަކައި ގަދައަޅައި މަސައްކަތްކުރުމަކީ "މިއަދުގެ އަމްނަށްޓަކައި އަދި  މާދަމާ ދެމިތިބުމަށް ޓަކައި" ކުރަން ޖެހޭ މަސައްކަތެކެވެ. 

ގުޓަރެޝް ވިދާޅުވި ގޮތުގައި މި ދަހަރުގެ ތެރޭގައި "އަހުރެމެން މި ކުރާ މަސައްކަތް ކާމިޔާބު ކަމެއްތޯ ނުވަތަ ނާކާމިޔާބު ކަމެއްތޯ ކަނޑައެޅިގެން ދާނެއެވެ."  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *