Support Us

"ފިތުނަޔާއި މަޒްހަބީ އަރާރުންތައް" ނައްތައިލުމަށް އިސްލާމީ ބައްދަލުވުމަކަށް ޝައިޚުލް އަޒްހަރު ގޮވައިލައްވައިފި

މެދުއިރުމަތީގައްޔާއި ދުނިޔޭގައި މަޒްހަބީ ގިއުގަނޑުގެ ތެރޭގައި ހިނގަމުންދާ "ފިތުނަޔާއި މަޒްހަބީ އަރާރުންތައް" ނައްތައިލުމަށް ޓަކައި އިސްލާމީ- އިސްލާމީ ބައްދަލުވުމަކަށް ޝައިޚުލް އަޒްހަރު ފަޟީލަތުއްޝައިޚު ޑރ. އަޙަމްދުއްޠައްޔިބު ޝީޢީ ޢިލްމުވެރީންނަށް ގޮވައިލައްވައިފިއެވެ. އަޒްހަރުގެ އެންމެ ބޮޑު އިމާމު ޑރ. އަޙްމަދުއްޠައްޔިބު މި ކަމަށް ގޮވައިލެއްވީ ބަޙްރައިނުގައި "އެކުގައި އުޅުމަށްޓަކައި އިރުމައްޗާއި ހުޅަނގު" ސިންތާ ނިންމި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ޝައިޚުލްއަޒްހަރުގެ ވާހަކަފުޅުގައި އިސްލާމީ ދުނިޔޭގެ ތަފާތު މަޒްހަބުތަކާއި ޠަވާއިފުތަކާއި މަދްރަސާތަކުގެ ޢިލްމުވެރީންނަށް އިސްލާމީ- އިސްލާމީ ބައްދަލުވުމެއް އަވަހަށް ބޭއްވުމަށް ގޮވައިލެއްވިއެވެ. އެއީ އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމާއި ތިމާގެކަން ދެމެހެއްޓުމަށް ޓަކައި އަވަސްކުރާން ޖެހިފައިވާ ކަމެއް ކަމަށް އަޒްހަރުގެ އިމާމު ވިދާޅުވިއެވެ.

ދުނިޔޭގެ ސުންނީ އެންމެ ބޮޑު މުއައްސަސާގެ އިމާމު ވިދާޅުވިއެވެ. "އަޅުގަނޑު މި ދަޢުވަތު އަރުވަނީ ޝީޢީ މުސްލިމު އަޚުންނަށެވެ. އަޅުގަނޑާއެކު އަޒްހަރުގެ ބޮޑެތި ޢިލްމުވެރީންނާއި މުސްލލިމުންގެ ޙިކްމަތްތެރީންގެ މަޖިލީހުގެ މެންބަރުން ހުޅުވިފައިވާ ހިތަކާއެކު މި ފަދަ ބައްދަލުވުމެއް ބޭއްވުމަށް މި ތިބީ ތައްޔާރަށެވެ. އެއް މޭޒެއް ދޮށަށް ގޮސް ވާހަކަ ދައްކައިގެން ފިތުނަވެރިކަން ނައްތައިލުމަށް މި ތިބީ އަތުކުރި އޮޅައިލައިގެންނެވެ."

އަޒްހަރުގެ އެންމެ އިސް ވެރިޔާ ހާމަކުރެއްވި ގޮތުގައި މި ބައްދަލުވުމުގެ އަމާޒަކަށް ހަދަން ވާނީ "މާޒީގެ ޞަފްޙާތައް ލައްޕައިލުމާއި އިސްލާމީ ޝާން ޝައުކަތު ވަރުގަދަކުރުމާއި  އިސްލާމީ ސިޔާސަތު އެކަތިގަނޑަކަށް ހެދުމެވެ."

ދެ ފަރާތުގެ ދެމެދުގައި ބަދަލުކުރެވެމުންދާ ނަފްރަތުގެ ބަސްތައް ބަދަލު ކުރުން ހުއްޓައިލުމާއި ފުރައްސާރަކުރުމާއި ކާފިރުކުރުމުގެ އުސްލޫބުތައް ހުއްޓައިލުމާއި ތާރީޚީ އަރާރުންތައް ގިރާކޮށް ދިޔުން ވެސް މި ބައްދަލުވުމުގެ އަމާޒުތަކުގެ ތެރޭގައި ހިމެނުމަށް އަޒްހަރުގެ އިމާމު ގޮވައިލެއްވިއެވެ.

އަޒްހަރުގެ ޝައިޚު ބާރުއަޅުއްވާ ވިދާޅުވިއެވެ. ބައިބައިކުރުމާއި ދެބަސްވުން އުފައްދާ ގޮވައިލުންތައް އަޑުއެހުން ޙަރާން ކުރެވެން އެބަ ޖެހެއެވެ. ޤައުމިއްޔަތުގެ ތަޢައްޞުބީ ކަންތައްތަކުގައި ދީން ބޭނުންކުރުން ހުއްޓައިލެވެން ޖެހޭނެއެވެ. ޤައުމުތަކުގެ ދާޚިލީ ކަންކަމާ ބެހުމާއި ބިންތައް ފޭރުމާއި ޤައުމީ ސިޔާދަތާ ފުށު އަރާ ޢަމަލުތައް ހިންގުން ހުއްޓައިލެވެން ޖެހޭނެކަމަށް އަޒްހަރުގެ އެންމެ ބޮޑު އިމާމު ވިދާޅުވިއެވެ.   

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *