Support Us

ޗައިނާގެ ރައީސް ސުޢޫދީ އަށް ވަޑައިގަންނަވަނީ

ޗައިނާގެ ރައީސް ޝީ ޖިން ޕިންގް މި މަހު ސުޢޫދީ ޢަރަބިއްޔާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެކަން ސުޢޫދީ ޚާރިޖީ ވަޒީރު ފައިޞަލް ބިން ފަރަޙާން ހާމަކުރައްވައިފިއެވެ.

ސުޢޫދީ ވަޒީރު މި ކަން ހާމަ ކުރެއްވީ ޗައިނާ- ސުޢޫދީ ގުޅިފައިވާ ކޮމެޓީން އުފެދިފައިވާ ސިޔާސީ ކަންތައްތަކާ ޚާރިޖީ ކަންތައްތަކާ ބެެހޭ ކޮމެޓީގެ ހަތަރުވަނަ ބައްދަލުވުމުގައެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އެ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމަކީ ވަރަށް ތާރީޚި ވަރަށް ބަދަހި ހަރުދަނާ ގުޅުމެކެވެ. 

މި ދަތުރުފުޅުގެ ސަބަބުން އަޅާ މޭވާތަކުގެ ފައްސި އަސަރުތައް ސުޢޫދީ ޢަރަބިއްޔާއަށާއި ގަލްފުގެ ޤައުމުތަކަށާއި އެހެނިހެން ޢަރަބި ޤައުމުތަކަށް ތަފާތު ސިފަސިފައިގައި ކުރާނެ ކަމަށް ދާރިސުންނާއި މުޙައްލިލުން ވިދާޅުވެއެވެ.

ރައީސް ޝީގެ މި ދަތުރުފުޅުގެ ވަގުތަށް ބަލާއިރު މިއީ އޭނާގެ ޝަޚްޞިއްޔަތަށާއި ސިޔާސަތަށް ވަރަށް މުހިއްމު ވަގުތެކެވެ. މި ހުސްވި މަހު ޝީއަށް ވަނީ ވެރިކަން ކުރާ ކޮމްޔިނިސްޓް ޕާޓީގެ އެންމެ ބާރުގަދަ މަޤާމު ޕާޓީގެ އަމީން ޢާންމުކަމުގެ މަޤާމު ލިބިވަޑައިގަންފައެވެ. އެހެންކަމުން ރައީސް ޝީ ވަނީ ޗައިނާގެ ރައީސްކަމަށް ތިން ވަނަ ދައުރަކަށް އިންތިޚާބު ކުރެވިފައެވެ. މިކަމުގެ ސަބަބުން ޝީ ވަނީ ޒަޢީމު މައޮ ޓްސެ ޓޮންގަށް ފަހު ޗައިނާގެ އެންމެ ބާރުގަދަ ޝަޚްޞިއްޔަތަށް ވެ ވަޑައިގަންފައެވެ.

ޝީއާއެކު ބޭއްވޭ ސަމިޓްގެ ސަބަބުން ޗައިނާއާއެކު އުންމީދީ އެއްބާރުލުންތަކެއް ޤާއިމު ކުރެވިގެންދާނެއެވެ. ތަރައްޤީގެ އުދަރެސްތަކުގެ ތެރޭގައި އައުވެއައުވެ ހުންނާނެ ވަށަލަތަކެއް  ދުނިޔޭގެ ބޮޑު ބާރަކާއެކު ހުޅުވިގެންދާނެއެވެ. ދުނިޔޭގެ ބާރުގެ މާދަލާގައި ޗައިނާއަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި ބުރަ ވިޔައަކުރެއްކަން އެންމެ ޤަބޫލުކުރެއެވެ.

ސުޢޫދީ ޢަރަބިއްޔާ ދެކޭގޮތުގައި ރިޔާޟު- ބޭޖިންގް ގުޅުންތަކުގެ ނާރެހަކަށް ވާނީ ދެ ފަރާތް ޤަބޫލު ކުރާ އުޞޫލުތަކާއި އެއް ފަރާތް އަނެއް ފަރާތަށް ކުރާ އިޙްތިރާމެވެ. އެކަމުގެ ސަބަބުން ބައިނަލްއަޤްވާމީ ސުލްޙަމަސަލަސްކަމާއި ހަމަޖެހުން ވަރުގަދަވެގެންދާނެއެވެ. ދުވާލުގެ ވަގުތުތަކުގައި ކަންބޮޑުވުން އޮތް،  ރޭގަނޑުގެ ވަގުތުގައި ނިދިނައިސް އޮންނަ ސަރަޙައްދަށް ހަމަހިމޭންކަން ލިބޭނެއެވެ. މީގެއިތުރަށް މި އެއްބާރުލުމުގެ ފައިދާ މުޅި ދުނޔެއަށް ވެސް ކުރާނެތެވެ.

ޗައިނާގެ ޑިޕްލޮމަސީ ދެކޭގޮތުގައި މިއަދުގެ ސުޢޫދީ ޒަޢާމަތަކީ  ވަރަށް ސާފު ސިޔާސަތަކަށް ތަބާވާ ޒަޢާމަތެކެވެ. މި ސިޔާސަތުގައި އޮޅުވައިލުމެއް ކަސިޔާރުކަމެއް ނެތެވެ. މެދުއިރުމައްޗާއި ގަލްފުގެ  މަސްއަލަތަކުގައި، ފަލަސްޠީނުގެ ޤަޟިއްޔާގައި، ޔަމަނުގެ މަސްއަލައިގައި ނިރުބަވެރިކަމާއި ކަނޑުގެ ދަތުރުފަތުރުގެ ސަލާމަތާއި އަމްނާއި ބައިނަލްއަޤްވާމީ ވިޔަފާރި ޙިމާޔަތްކުރުމާއި މެދުއިރުމަތި ނިޔުކްލިއަރ ހަތިޔާރާއި ބިރުވެރިކަން ބޮޑު ޝާމިލު ހަތިޔާރު ނެތް ސަރަޙައްދަކަށް ހެދުމަށް ޗައިނާއިން ގެންގުޅޭ ސިޔާސަތާ ސުޢޫދީ ޢަރަބިއްޔާގެ ސިޔާތުތަކުގައި ޚިޔާލާއި ފިކުރު ވަރަށް އެއްގޮތެވެ. 

ޗައިނާ– ސުޢޫދީ ޚާއްޞަ ގުޅުމަށް ބަލާއިރު 2022ވަނަ އަހަރުގެ ފުރަތަމަ އަރުދައިގައި ސުޢޫދީ ޢަރަބިއްޔާ ވެފައި ވަނީ ޗައިނާގެ ޚާރިޖީ އެންމެ ބޮޑު ވުނޭރަށެވެ.

ޗައިނާ ކަންބޮޑުވާ މަސްއަލަތަކުގައި ސުޢޫދީ ސިޔާސަތަކީ ވަރަށް ސާބިތު ވަރަށް ސާފު ސިޔާސަތެއް ކަމަށް ބޭޖިންގް ދެކެއެވެ. އެއް ޗައިނާގެ ސިޔާސަތަށް ރިޔާޟުން ތާއީދުކޮށް އެކަމުގައި ޗައިނާގެ ސިޔާސަތަށް ތާއީދު ކުރެއެވެ. އިންސާނީ ޙައްޤުތަކާ ބެހޭ މައުޟޫޢުތައް ސިޔާސީ ނުކުރުމަށާއި ޤައުމުތަކުގެ ދާޚިލީ ކަންތައްތަކާ ނުބެހުމަށް ސުޢޫދިޔާއާއި ޗައިނާއަށް ގޮވައިލައެވެ.

ހަކަތައާ ބެހޭ ފައިލަށް ބަލާއިރު ޗައިނާއަކީ ތާޖުގެ މުތީއެވެ. ސުޢޫދީ ތެލުގެ އެންމެ ބޮޑު އެއް ބާޒާރަކީ ޗައިނާއެވެ. ހަކަތައާ  ބެހޭ ސުޢޫދީ ވަޒީރު ޢަބްދުލް ޢަޒީޒު ބިން ސަލްމާން ވިދާޅުވާ ގޮތުގައި ޗައިނާއަކީ އިތުބާރު ކުރެވޭ ބައިވެރިއެކެވެ.

ޗައިނާ– ސުޢޫދީ އެއްބާރުލުން އޮތީ ހަމައެކަނި ސާފު ނުކުރާ ހަކަތައިގެ މައިދާނުގައި އެކަންޏެއް ނޫނެވެ. މީގެއިތުރަށް ޕެޓްރޯކެމިކަލް ޞިނާޢަތާއި ކަރްބޯނުން ޖައްވު ސާފުކުރުމުގެ ފަންނިއްޔަތާއި ކަރަންޓު އުފެއްދުމުގެ ޞިނާޢަތާއި ފެހި ހައިޑްރޯޖަނާއި ޞުލްޙަވެރި ބޭނުންތަކަށް ޓަކައި ނިޔުކްލިއަރ ހަކަތަ ބޭނުން ކުރުމާއި ލޮޖިސްޓިކް ޚިދްމަތްތަކާއި މަދަނީ އުދުހުންތަކުގެ މައިދާން ފަދަ މައިދާންތަކަށް ސުޢޫދީ ޢަރަބިއްޔާ ވަނުމުގައި ޗައިނާގެ އެހީ ލިބޭނެކަމަށް ރިޔާޟު ދެކެއެވެ. 

ކުރިމަގަށް ބަލާއުރު ޗައިނާގެ ބިޔަ މަޝްރޫޢެއް ކަމުގައިވާ ކަމަރާއި މަގުގެ ދައުލަތްތަކުގެ މަޝްރޫޢުގައި ސުޢޫދީ އެއްބާރުލުން ޗައިނާއަށް ލިބޭނެ ކަމަށް ޗައިނާ އުންމީދު ކުރެއެވެ. މި އެއްބާރުލުމުގެ ސަބަބުން މި މަޝްރޫޢުގައި ބައިވެރިވާ ޤައުމުތަކަށް ތެލާއި ގޭސް ފޯރުކޮށްދިނުމުގައި ރިޔާޟުގެ އެއްބާރުލުން ލިބޭނެއެވެ.

ކުރިމަގަށް ބަލާއިރު ފެންނާން އޮތް ދެވަނަ އުންމީދަކީ ސުޢޫދީ ޢަރަބިއްޔާ ބްރިކްސް ޖަމާޢާތުގައި ބައިވެރިވުމެވެ. ގިނަ ތަނޑިތަކަކަށް ބެހެމުންދާ ދުނިޔޭގައި ބްރިކްސް ޖަމާޢަތަކީ އުންމީދީ ހުވަފެނެކެވެ.ބްރެޒީލާއި ރަޝިޔާއާއި އިންޑިޔާއާއި ޗައިނާއާއި ދެކުނު އެފްރިކާ ގުޅިގެން ޤާއިމު ކުރި މި އެއްބާރުލުން މިހާރު އަންނަނީ ވަރަށް ބާރަށް ފުޅައުވަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *