ފަލަސްޠީނު މަސްއަލައިގެ މަރްކަޒިއްޔަތުކަމާއި ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތަކަށް ހިފެހެއްޓުމެއްނެތި ވާގިވެރިވެރިކަން ދިނުމާއި ފަލަސްޠީނު މަސްއަލަ ޙައްލު ކުރުމަށް ޓަކައި ޢަރަބީން އިސްނަގައި ހުށައަޅައިފައިވާ އިސްނެގުމުގައި ހިމެނޭ އެންމެހައި ޢުންޞުރުތަކާއެކު މި އިސްނެގުމުގައި ހިފެހެއްޓުމުގެ ޟަރޫރަތްތެރިކަން ޖަޒާއިރުގައި ރޭ ނިމިގެން ދިޔަ އަރަބި ސަމިޓުން އަލުން ކަށަވަރުކޮށްދީފިއެވެ.
ސަމިޓު ނިމުމުން ނެރުނު ބަޔާނުގައި, ހިފައިފައިވާ ޤުދްސު ސަހަރާއި މި ސަހަރުގައި ހުރި މުޤައްދަސް ތަންތަން ޙިމާޔަތްކުރުމަށް ޓަކައި ކުރެވެމުންދާ މަސައްކަތްތައް ހުއްޓައިނުލައި ކުރިއަށް ގެންދިޔުމަށް ވެސް ސަމިޓުން ނިންމިއެވެ.
ޢަރަބީންގެ ޤައުމީ އަމްނާއި އަމާންކަން އޭގެ ހުރިހާ މަފްހޫމުތަކަކާއި ދުރުމިންތަކަކާއެކު ޙިމާޔަތް ކުރުމަށް ޓަކައި ޢަރަބީންގެ ގުޅިފައިވާ މަސައްކަތް ވަރުގަދަކޮށް ބަދަހި ކުރުމަށް ޓަކައި މަސައްކަތް ކުރުމަށް މި ސަމިޓުން ގޮވައިލިއެވެ.
ޢަރަބި ޤައުމުތަކުގެ ދާޚިލީ ކަންކަމާ ބޭރުން ބެހުމަކީ އެކަމާ ދެކޮޅު ހަދާ ކަމެއް ކަމަށް ސަމިޓުން ނިންމިއެވެ.
ދެން ބޭއްވޭ ސަމިޓްގެ މެހެމާންދާރީ ސުޢޫދީ ޢަރަބިއްޔާއިން އަދާކުރާނެ ކަން ސުޢޫދީ ޚާރިޖީ ވަޒީރު ފައިޞަލް ބިން ސަލްމާން ހާމަކުރެއްވުމާ ވިދިގެން 32 ވަނަ ޢަރަބި ސަމިޓް ސުޢޫދީ ޢަރަބިއްޔާގައި ބޭއްވުމަށް ނިންމުނެވެ.
ސަމިޓް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަޒާއިރުގެ ރައީސް ޢަބްދުލް މަޖީދު ތައްބޫން ވިދާޅުވިގޮތުގައި ޖަޒާއިރުގެ ސަމިޓަކީ ޢަރަބީންގެ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ހަރުދަނާކޮށްދިން މުހިއްމު އިސްޓޭޝަނެކެވެ.
ސަމިޓްގެ މުހިއްމު ނިންމުންތައް
- ފަލަސްޠީނުގެ ޤަޟިއްޔާގެ މަރްކަޒިއްޔަތުކަމާއި ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތަކަށް އެއްވެސް ހިފެހެއްޓުމެއް ނެތި މުޠުލަޤުކޮށް ވާގިވެރިވާން ޖެހޭކަން ކަށަވަރުކޮށް ދިނުން
- ފަލަސްޠީނު މަސްއަލަ ޙައްލު ކުރުމަށް ޓަކައި ޢަރަބީން އިސްނަގައި ހުށައަޅައިފައިވާ އިސްނެގުމުގައި ހިމެނޭ އެންމެހައި ޢުންޞުރުތަކާއެކު މި އިސްނެގުމުގައި ހިފެހެއްޓުމުގެ ޟަރޫރަތްތެރިކަން
- ޤުދްސު ސަހަރާއި މި ސަހަރުގައި ހުރި މުޤައްދަސް ތަންތަން ޙިމާޔަތްކުރުމަށް ޓަކައި ކުރެވެމުންދާ މަސައްކަތްތައް ހުއްޓައި ނުލައި ކުރިއަށް ގެންދިޔުން
- އދ ޖަމްޢިއްޔާގައި ފަލަސްޠީނުގެ ދައުލަތަށް ފުރިހަމަ މެންބަރުކަން ހޯދައިދިނުމަށް ޓަކައި މަސައްކަތް ކުރުން
- ޢަރަބީންގެ ޤައުމީ އަމްނާއި އަމާންކަން އޭގެ ހުރިހާ މަފްހޫމުތަކަކާއި ދުރުމިންތަކަކާއެކު ޙިމާޔަތް ކުރުމަށް ޓަކައި ޢަރަބިންގެ ގުޅިފައިވާ މަސައްކަތް ވަރުގަދަކޮށް ބަދަހި ކުރުން
- ޢަރަބި ޤައުމުތަކުގެ ދާޚިލީ ކަންކަމާ ބޭރުގެ އެއްވެސް ފަރާތަކުން ބެހުމާ ދެކޮޅު ހެދުން
- ލީބިޔާގެ ރައްޔިތުންނާއެކު އެއްބާރުލައި އެކަތިގަނޑަކަށް ވުމާއި ލީބިޔާގެ މަސްއަލަ ޙައްލު ކުރުމަށް ޓަކައި ކުރެވޭ އެންމެހައި މަސައްކަތްތަކަށް ވާގިވެރިވުން.
- ޔަމަނުގެ ޤާނޫނީ ސަރުކާރަށް ތާއީދުކުރުމާއި މި ސަރުކަރަށް ވާގިވެރިވުން
- ޔަމަނުގެ މަސްއަލައަށް ސިޔާސީ ޙައްލެއް ގެނައުމަށް ޓަކައި ކުރެވޭ މަސައްކަތްތަކަށް ވާގިވެރިވުމާއި ޔަމަނުގައި ހަނގުރާމަ ހުއްޓުމަށް އެއްބަސްވެފައިވާ އެއްބަސްވުން އައު ކުރުމުގެ މުހިއްމުކަން ކަށަވަރުކޮށްދިނުން
- ސޫރިޔާގެ މަސްއަލައަށް ސިޔާސީ ޙައްލެއް ގެނެސްދިނުމަށް ޓަކައި ޢަރަބި ޤައުމުތައް ޖަމާޢީކޮށް މަސައްކަތް ކުރުން
- ޢިރާޤުގައި ދުސްތޫރީ ޙަޔާތަށް ލިބުނު އާރޯކަމަށް މަރްޙަބާ ކިޔުން
- ލުބްނާނުގައި އަމްނު ޤާއިމުކޮށް ރައްކައުތެރިކުރުމަށް ކުރެވޭ މަސައްކަތުގައި އެއްބާރުލައި އެކަތިގަނޑަކަށްވުމާއި ލުބްނާނުގެ އެއްގަމާއި ކަނޑާއި ވައިގެ ސަރަޙައްދުގައި ސިޔާދަތީ ބާރު ޤާއިމުކުރުމަށް ޓަކައި އެޅެމުންދާ ފިޔަވަޅުތަކަށް ތާއީދުކޮށް ވާގިވެރިވުން.
- ނިޔުކްލިއަރ ހަތިޔާރާއި ނުރައްކާތެރިކަން ބޮޑު ޝާމިލު ހަތިޔާރުން ހުސްވެގެންވާ ސަރަޙައްދެއް މެދުއިރުމަތީގައި ޤާއިމުކުރުމުގެ ޟަރޫރަތްތެރިކަން ކަށަވަރު ކުރުން.
- ޤަޠަރުން ދުނިޔޭގެ ފުޓްބޯޅަ މުބާރާތް އިންތިޒާމު ކުރުމަށް ކުރަމުންދާ މަސައްކަތަކަށް މަރްޙަބާ ކިޔުމާއި އެކަމުގައި ޤަޠަރަށް ވާގިވެރިވުން
- މި ކަމުގައި ޤަޠަރަށް ޤާބިލުކަން ލިބިފައި ނުވާކަމަށް ބުނެ ދައްކާ ވާހަކަތަކާ ދެކޮޅު ހަދާ ކުށްވެރި ކުރުން.



advertisment