އިސްރާއީލުގައި ބޭއްވި ބަރްލަމާނީ ކުއްލި އިންތިޚާބުގެ ރަސްމީ ނަތީޖާތައް ބުނާގޮތުގައި ބުންޔާމީން ނަތަންޔާހޫގެ ޒަޢާމަތުގެ ދަށުގައި ތިބި ހައްދުފަހަނަޅައިވާ ކަނާތު ފިޔައިގެ ޕާޓީތައް ވަރަށް "ރަނގަޅު" ކާމިޔާބީއެއް ހޯދައިފިއެވެ.
ނަތަންޔާހޫއަށާއި އޭނާގެ ބައިވެރީންނަށް ބަރްލަމާނު ކަނީސަތުގެ 120 ގޮނޑީގެ ތެރެއިން 65 ގޮނޑި މިހާރު ވަނީ ލިބިފައެވެ. އެހެންކަމުން 18 މަސްދުވަހަށް ފަހުން ނަތަންޔާހޫއަށް އަނެއްކާ ވެރިކަން ލިބިވަޑައިގަންނަވާނެއެވެ.
މިހާރުގެ ބޮޑުވަޒީރު ޔާއީރު ލެޕިޑްގެ ޕާޓީއަށާއި އޭނާގެ އެކުވެރީންނަށް މި އިންތިޚާބުގައި ލިބުނީ 55 ގޮނޑިއެވެ. އިތުރު ގޮނޑިއެއް މި ފޭލިގެއަށް ލިބޭނެ ކަމަކަށް ނުބެލެވެއެވެ. އަލްޖަޒީރާ ބުނާގޮތުގައި މިއީ ލެޕިޑާއި ގެންޓްސްގެ އެކުވެރީންނަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބީއެކެވެ.
މި ހާތަނަށް ގުނާާ ނިމިފައިވާ 85% ގެ ވޯޓުތަކުގެ ނަތީޖާ ބުނާގޮތުގައި މި އިންތިޚާބުގައި ނަތަންޔާހޫގެ ލީކޯޑް ޕާޓީއަށް 31 ގޮނޑި ލިބޭނެއެވެ. އީތުމާރު ބިން ޣަފީރުގެ "ޔަހޫދީ ބާރު" އަށާއި ސްމޮޓަރިޗްގެ ޒަޢާމަތުގެ ދަށުގައި އޮންނަ "ދީނީ ޞިހްޔޫނިއްޔަތު" ޕާޓީއަށް 14 ގޮނޑި ލިބޭނެއެވެ. ޝާސް ޕާޓީއަށް 12 ގޮނޑި އަދި "ޔަހޫދޫތު ހުތައުރާހު" ޕާޓީއަށް އަށް ގޮނޑި ލިބޭނެއެވެ.
ބަދަލުކުރުމަށް ގޮވައިލާ ފޭލިގޭގައި ހިމެނޭ ލެޕިޑްގެ ޕާޓީއަށް ލިބިފައިވަނީ 24 ގޮނޑިއެވެ. ދިފާޢީ ވަޒީރު ބަނީ ގެންޓްސްގެ ޕާޓީއަށް ލިބިފައި ވަނީ 12 ގޮނޑިއެވެ. މާލީ ވަޒީރު އަވީގަދްރޯގެ "އިސްރާއީލު ބައިތުނާ" ޕާޓީއަށް ލިބުނީ ފަސް ގޮނޑިއެވެ. ޢަރަބި ޕާޓީތަކަށް ލިބިފައި ވަނީ ފަސް ގޮނޑިއެވެ.
އިސްރާއީލުގެ ރަސްމީ ރޭޑިއޯ ބުނާގޮތުގައި ބޮޑުވަޒީރު ލެޕިޑް މިޞްރުގެ ޝަރްމުއްޝައިޚުގައި ބޭއްވޭ މޫސުމާބެހޭ ބައިނަލްއަޤްވާމީ މަހާސިންތާގައި ބައިވެރިވެ ވަޑައެއް ނުގަންނަވާނެއެވެ.
އިސްރާއީލުން ބުނާގޮތުގައި ކުރީގެ ބޮޑުވަޒީރު ނަތަންޔާހޫ އައު ސަރުކާރު އެކުލަވައިލެއްވުމަށް ޓަކައި ކަނާތު ފިޔައިގެ ޕާޓީތަކާ ގުޅުއްވާން ފަށްޓަވައިފިއެވެ. ހައްދުފަހަނަޅައިފައިވާ ކަނާތު ފިޔައިގެ ޒަޢީމު އީތިމާރު ބިން ޣަފީރު މިއަދު ވިދާޅުވި ގޮތުގައި ނަތަންޔާހޫގެ ޒަޢާމަތުގެ ދަށުގައި ސަރުކާރެއް އެކުލަވައިލެވޭނެއެވެ.
އިސްރާއީލުގެ ވެރިކަމަށް ނަތަންޔާހޫ އިޢާދަކުރުމަށް ޓަކައި ބިން ޣަފީރު ވަރަށް މުހިއްމު ދައުރެއް ކުޅެއެވެ. އޭނާގެ ޕާޓީ ކަނީސަތުގައި ވާނީ އެންމެ ބޮޑު ތިންވަނަ ޕާޓީއަށެވެ. މިހާރު ވެރިކަންކުރާ ލެޕިޑްގެ ކޯލިޝަން ވެއްޓުނީ ބިން ޣަފީރު އެ ކޯލިޝަނުން ވަކިވުމުންނެވެ. ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގަމުންދާ ހަރުކަށި ޢަމަލުތައް ހިންގުމަށް އެންމެ ބޮޑަށް ތާއީދު ކުރާ މީހުންގެ ތެރޭގައި ބިން ޣަފީރު ވެއެވެ.
މި ކާމިޔާބީ ފާހަގަކުރުމަށް ޓަކައި ހައްދުފަހަނަޅައިފައިވާ ދީނީ ޕާޓީތައް ދަނީ އަޑު ގަދަކުރަމުންނެވެ. ބިން ޣަފީރު ޕާޓީގެ މީހުން "އަރަބިންނަށް މަރު ހުއްޓޭ" ގޮވައި މަގުމައްޗަށް ނުކުތެވެ.
ކަނާތު ފިޔައިގެ ޕާޓީއެއް ކަމުގައިވާ ޝާސް ޕާޓީގެ ތާއީދީން އިސްރާއީލުގެ މިހާރުގެ މާލީ ވަޒީރާ ދިމާއަށް "ގެއަށް ދާށޭ" ގޮވިއެވެ.



advertisment