Support Us

ރަޝިޔާގެ ޙަމަލާތަކުން ޔުކްރޭނުގެ ވެރިރަށަށް ޒިލްޒާލެއް

ރޫސީ ޢަސްކަރީ ބާރުތަކުން ޔުކްރޭނުގެ ވެރިރަށް ކިޔީވަށް މިސައިލްގެ ސިލްސިލާ ޙަމަލާތަކެއް މިއަދު ހެނދުނު ދީފިއެވެ. މި ޙަމަލާތަކުގެ ސަބަބުން އެރަށަށް ޒިލްޒާލެއް މިއަދު އައި ކަމަށް ނޫސްވެރީން ބުނެއެވެ.

ރޮއެޓަރޒް ބުނާގޮތުގައި މި ޙަމަލާތަކުގެ ސަބަބުން ކިޔީވްގެ ހުރިހާ ހިސާބުތަކަށް ލޮޅުން އަރައި ގުގުމައިގެން ދިޔައެވެ.

ކްރެމިޔާގެ ކަރޗް ބުރިޖަށް ޔުކްރޭނުން ދިން ޙަމަލާއާ ވިދިގެން މޮސްކޯއިން ދަނީ އެކަމަށް ބަދަލު ހިފަމުންނެވެ.

ކިޔީވުގެ މެޔަރު ވިޓާލި ކްލިޗްކޯ ވިދާޅުވާ ގޮތުގައި ރަޝިޔާއިން މިއަދު ދިން ޙަމަލާތަކުގެ ސަބަބުން ވެރިރަށުގެ އެތައް އަވަށްތަކަކުން ވަނީ ކަރަންޓް ކެނޑިފައެވެ. އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާގެ ޙަމަލާތަކުގެ އަމާޒަކީ މުހިއްމު ބިނާރުތަކާއި ހަކަތަޔާ ބެހޭ ތަންތަނެވެ.

އޭނާގެ ޓެލެގްރާމު އެކައުންޓްގައި ލިޔުއްވައިފައިވާ ގޮތުގައި ވަރަށް ގިނަ އަވަށްތަކަކުން ކަރަންޓް ވަނީ ކެނޑިފައެވެ. އަދި ވަރަށް ގިނަ ހިސާބުތަކަށް ފެނެއް ވެސް ނުލިބެއެވެ.

އެ ސަރަޙައްދުގެ ޢަސްކަރީ ކޮމާންޑަރު އޮލަކްސީ ކޮލީބާ ވިދާޅުވިއެވެ. "ރޫސީ މިސައިލް ޙަމަލާތައް ދަނީ ކުރިއަށެވެ." އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭނުގެ ވައިގެ ދިފާޢުތަކުން ދަނީ މި ޙަމަލާތަކަށް ހުރަސްއަޅަމުންނެވެ.

މި ކޮމާންޑަރުގެ ކުރީން ޔުކްރޭނުގެ ރިޔާސީ މުޝީރު ގެރަޝިންކޯ ވިދާޅުވިއެވެ. "ބާރުގަދަ ތިން ގޮވުމެއް ގޮވައި މުޅި ވެރިރަށް ކިޔީވް ގުގުމައިގެން ދިޔައެވެ." އޭނާ ހާމަކުރެއްވި ގޮތުގައި ރަޝިޔާއިން 40 ކްރޫޒު މިސައލް ފޮނުވައިލިއެވެ.

ޔުކްރޭނުގެ މީޑިއާތައް ބުނާގޮތުގައި މިއަދު ހެނދުނު ވެރިރަށް ކިޔީވް އަށެއްކަ ފަހަރު ތެޅިގަތެވެ.

އެހެނަސް ރައީސް ޒިލެންްކީ ވިދާޅުވާ ގޮތުގައި ރޫސީ ޙަމަލާތައް ވަނީ ހުއްޓުވައިލައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި ބަޚްމޫޓާއި އަވްޑިވްކާ ކައިރީގައި ވަރަށް ވަރުގަަދައަށް ހަނގުރާމަ އެބަ ހިނގައެވެ. އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާގެ ޙަމަލާތަކަށްފަހު ކަރަންޓު އަންނަނީ ދުޅަހެޔޮވަމުންނެވެ. އެހެނަސް ކުއްލި ޙާލަތްތަކުގައި ކަރަންޓް ކަނޑައިލަން އެބަ މަޖްބޫރުވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *