އިސްރާއީލުގެ ބަރްލަމާނުގެ ހައްދުފަހަނަޅައިފައިވާ ކަނާތު ފިޔައިގެ މެންބަރެއް ކަމުގައިވާ އީތުމާރު ބިން ޣަފީރުގެ ގެއާ ކައިރި ހިސާބެއްގައި، އިސްރާއީލުގެ ވަޒަންވެރީންތަކަކަށް ފަލަސްޠީނުގެ ފިދާއީއަކު ރޭ ޙަމަލާއެއް ދީފިއެވެ. މި ޙަމަލާގެ ސަބަބުން ޔަހޫދީ ތިން ވަޒަންވެރީން ޒަޚަމުވިއެވެ.
ޒަޚަމުވި މީހުންގެ ތެރެއިން އެންމެ ބޮޑަށް ޒަޚަމުވި މީހާ ރޭ މަރުވެއްޖެ ކަމަށް އިސްރާއީލުން ބުނެއެވެ. އިސްރާއީލުގެ ޗެނެލް 12 ބުނާގޮތުގައި މި ޙަމަލާ ދީފައިވަނީ ޚަލީލު ސަހަރުގެ އިބްރާހީމީ ޙަރަން ކައިރީގައި އޮންނަ "ކުރިޔާތު އަރްބަޢު" އާބާދީއަށެވެ. .
މި ޙަމަލާގައި މަރުވި މިހާގެ ޢާއިލާއަށް އިސްރާއީލުގެ ދިފަޢީ ވަޒީރު ބެނީ ގެންޓްސް ރޭ ތަޢުޒިޔާ ވިދާޅުވިއެވެ. އޭނާ ރޭ ވަނީ ޚަލީލު ސަހަރުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އަމުރު ކުރައްވައިފައެވެ.
އިސްރާއީލުގެ "ރަތް ސުލައިމާނު މުދި" ޖަމްޢިއްޔާގެ ތަރްޖަމާނު ބުނިގޮތުގައި މި ޙަމަލާގައި ޒަޚަމުވި އެކަކު ވަނީ ހަސްފަތާލަށް ގެންދިޔަ ފަހުން މަރުވެފައެވެ. އެއީ 50 އަހަރުގެ މީހެކެވެ. ދެވަނަ މީހާގެ ޙާލު ވެސް ބޮޑުކަމަށް މި ޖަމްޢިއްޔާއިން ބުންޏެވެ. މި ޙަމަލާގެ ސަބަބުން ޒަޚަމުވި ތިންވަނަ މީހަކީ ޢުމުރުން 30 އަހަރުގެ މީހެކެވެ. އޭނާގެ ޒަޚަމުތައް ކުޑަކަމަށް މި ޖަމްޢިއްޔާއިން ބުންޏެވެ.
އިސްރާއީލުން ބުނާގޮތުގައި މި ޙަމަލާދިން ފަލަސްޠީނުގެ ފިދާއީ ވަނީ މި ޙަމަލާގައި ޝަހީދުވެފައެވެ. ފަލަސްޠީނުގެ މީޑިއާތައް ބުނާގޮތުގައި ޝަހީދުވި ފިދާއީއަކީ މުޙައްމަދު ކަމާލުލް ޖަޢުބަރީ ނަމަކަށް ކިޔާ މީހެކެވެ. އޭނާއަކީ ޚަލީލު ސަހަރުގެ އަހްލުވެރިއެކެވެ.
މި ޚަބަރަށް ކޮމެންޓު ކުރަމުން އޭނާގެ ބޭބެ ވާއިލު ބުނިގޮތުގައި އިސްރާއީލުން ތުހްމަތު ކުރާ އޭނާގެ ކޮއްކޮއާ ބެހޭގޮތުން އަދި އެއްވެސް ކަށަވަރު ޚަބަރެެއް ލިބިފައެއް ނުވެއެވެ. ވާއިލަކީ އިސްރާއީލުން އޭނާގެ ރަށުން (ޚަލީލު ސަހަރުން) ބޭރުކޮށްލައިފައިވާ މީހެކެވެ. އޭނާ މި ވަގުތު އުޅެނީ ޣައްޒާގައެވެ.
ޙައްދުފަހަނަޅައިފައިވާ އިސްރާއީލުގެ ބަރްލަމާނީ މެންބަރު ބިން ޣަފީރު ވިދާޅުވާ ގޮތުގައި އޭނާގެ ގެއަށް ވަނީ ބަޑީގެ ޙަމަލާތަކެއް ދީފައެވެ. އެހެނަސް އިސްރާއީލު ސިފައިން މި ޚަބަރު ދޮގު ކުރިއެވެ. އިސްރާއީލު ސިފައިން ބުނާގޮތުގައި ފިދާއީ ޙަމަލާ ދީފައިވަނީ ޔަހޫދީ އާބާދީގެ ދޮރޯށި ކައިރީގައެވެ.
ފަހކަށް އައިސް އިސްރާއީލުން ވަނީ މުޅި އެ ސަރަޙައްދު ތައްޔާރީ ޙާލަތަކަށް ގެނެސްފައެވެ.އިސްރާއީލު ސިފައިންގެ ފައުޖުތައް އެ ހސާބުގައި ވަނީ ފެތުރިފައެވެ. އިސްރާއީލުން ބުނާގޮތުގައި މި ޙަމަލާގައި ޒަޚަމުވި މީހުންގެ ތެރޭގައި މުހިއްމު ޝަޚްޞިއްޔަތެއް ހިމެނެއެވެ. އެހެނަސް އިސްރާއީލުން މިއީ ކާކުކަމެއް އަދި ހާމައެއް ނުކުރެއެވެ.
މި ޙަމަލާއާ ވިދިގެން ޙަމާސުން ނެރުނު ބަޔާން ބުނާގޮތުގައި ހުޅަނގު އައްސޭރިއާއި މި އައްސޭރީގެ ފޭލިގެ އަވަށްތައް މުޤާވަމާގެ ކިއްލާއަކަށް ވެއްޖެއެވެ. މި ބަޔާން ބުނިގޮތުގައި ފަލަސްޠީނު ރައްޔިތުންގެ ޢަޒްމުގެ ކުރިމަތީގައި އިސްރާއީލަށް އޮތީ ބަލިވުމެވެ.
ފަލަސްޠީނުގެ ޕީޕަލްސް ފްރޮންޓް ބުނިގޮތުގައި ޚަލީލު ސަހަރުގެ މި ޙަމަލާއާމެދު އެ ޖަމާޢަތުން ފަޚްރުވެރިވެއެވެ. އެ ޖަމާޢާތުން ބުނިގޮތުގައި މިއީ އިސްރާއީލުގެ އަނިޔާވެރިކަމަށް ފަލަސްޠީނުން ދެމުންދާ ޙަމަލާތަކުގެ ތެރޭގައި ހިމެނޭ ކުޑަ ކަމެކެވެ.
ފަލަސްޠީނުގެ ފިދާއީ ޙަމަލާތައް އިތުރުވަމުންދާތީ އިސްރާއީލުން ވަނީ ހުޅަނގު އައްސޭރީގެ ނާބްލުސްއާއި ޖަނީނާއި އިރުމަތީ ޤުދްސުގެ ޝައުފާޠު ޙިޞާރުކޮށްފައެވެ.
އިސްރާއީުން އަމިއްލައަށް ބުނާގޮތުގައި އެމީހުންނަށް ވަނީ ފިދާއީ ޙަމަލާތައް ހުއްޓުވުމަށް ނުކުޅެދުންތެރި ވެފައެވެ. ނާބްލުސް ސަހަރުގައި ދިރިއުޅޭ ހަތަރު ލައްކަ މީހުންގެ މިނިވަންކަން ވަނީ ކަސްތޮޅު ނޭޅުވިފައެވެ. އެމީހުންގެ ޙަރަކާތްތައް ޤައިދުކުރުމަށް ޓަކައި އެ ސަހަރުގައި ވަނީ ބޭރަށް ނުލުމެއުޅުން މަނާކޮށްފައެވެ. މި ހުސްވި މަހު ފަލަސްޠީނުގެ ޢަރީނުލް އުސޫދު ޖަމާޢަތުން ދިން ޙަމަލާއެއް ގައި އިސްރާއީލު ސިފައިންގެ ހަތަރު މީހަކު ވަނީ ޒަޚަމުވެފައެވެ.



advertisment