ރަޝިޔާއާއި ޔުކްރޭން ޚަރސަންގައި ވަރުގަދަ ކުރިމަތިލުމަކަށް ތައްޔާރުވަމުންދާ ވަގުތެއްގައި، އަދި ޔުކްރޭން ހަނގުރާމަ ދިގުލައިގެން ހިނގައިދާނެކަމުގެ ޢަލާމާތްތައް ހަ ފަރާތުން ފެންނަމުންދާ ބިރުވެރި ވަގުތެއްގައި، މޮސްކޯއިން މަސްއަލަ ޙައްލު ކުރުމަށް ޓަކައި ވާހަކަދެއްކުމުގެ މޭޒުދޮށަށް އައުމަށް ކިޔީވަށް ވަނީ ގޮވައިލައިފައެވެ.
ދާރިސުން ވިދާޅުވާ ގޮތުގައި މި ގޮވައިލުމުން މި މަސްއަލައަށް ސުލްޙަވެރި ޙައްލެއް ނެތް ކަމާއި ހަނގުރާމަ ދިގުލައިގެން ހިނގައިދާނެކަމުގެ ބިރު ބޮޑުވެއްޖެކަން އެނގިއްޖެއެވެ.
ކްރެމްލިންގެ ތަރްޖަމާނު ޑިމިޓްރީ ބިސްކޯވް އިޢުލާން ކުރައްވާ ގޮތުގައި މޮސްކޯ އޮތީ ޞުލްޙައަށް ޓަކައި ވާހަކަދެއްކުމުގެ މޭޒު ދޮށަށް ދާން ތައްޔާރަށެވެ. އޭނާ ތުހްމަތުކުރެއްވި ގޮތުގައި "ވާހަކަދެއްކުމާ ދުރަށް ދާން ކިޔޭވަށް މި ދިޔަ މާރިޗު މަހު އަމުރު ކުރީ ވޮޝިންގްޓަނުންނެވެ. އޭރު ވަނީ ދަތި ތަވާޒުނަކާ ހަމައަށް ދިޔުމުގެ މަގުމަތީގައެވެ."
މޮސްކޯގެ ގޮވައިލުމަށް ވަގުތުން ޔުކްރޭނުން ނޫނެކޭ ބުނިކަން މީޑިއާތަކުން ފާހަގަ ކުރިއެވެ. ރައީސް ޒިލެންސްކީ ވިދާޅުވިއެވެ. "ޔުކްރޭނުގެ ބިނާރުތަކަށް ހުއްޓައިނުލައި ޙަމަލާދެމުންދާނަމަ ބުނާނީ ނޫނެކެވެ."
މުޙައްލިލުން ވިދާޅުވާ ގޮތުގައި ވާހަކަދެއްކުމަށް ރޫސީ ރައީސް ޕޫޓިން ދެއްވި މި ދަޢުވަތަކީ ކިޔީވަށާއި ދުނިޔެއަށް އޭނާ ދެއްވި އެންމެ ފަހު އިންޒާރެވެ. ޚަރސަން ހަނގުރާމަ ފަޅައިގެން ދިޔުމުގެ ކުރިން ރައީސް ޕޫޓިން ދައްކަވަން ބޭނުންފުޅުވަނީ ޞުލްޙަވެރި ޙައްލުގެ މަގު ބަންދު ކުރެއްވީ އޭނާ ނޫންކަމެވެ.
ރޫސީ ގޮވައިލުން ތަކްރާރުކޮށް
ވޭތުވެ ދިޔަ ދުވަސްތަކުގައި ރޫސީ މަސްއޫލުވެރީން ވާހަކަދެއްކުމަށް ދަނީ ގޮވައިލައްވަމުންނެވެ. ތަފާތު މަންސާތަކުގައެވެ. ތަފާތު ގޮތްގޮތަށެވެ.
އިނގިރޭސިވިލާތުގައި ހުންނަވާ ރޫސީ ސަފީރު އެންޑްރޭ ކެލެން ވިދާޅުވިއެވެ. "ކިޔީވާއެކު ވާހަކަދެއްކުންތައް ބޭއްވިދާނެއެވެ."
ޖަރްމަނުގެ ޝްޓްރާލްޒޯންޑް ސަހަރުގެ މީހުން ޞުލްޙައިގެ ވާހަކަދެއްކުންތައް އެ ސަހަރުގައި ބޭއްވުމަށް ހުށައެޅުމުން ބަރލިންގައި ހުންނަ ރޫސީ އެންބެސީން މި ކަމަށް މަރްޙަބާ ކިޔެވެ.
ވާހަކަ ދައްކައިގެން ރޫސީ- ހުޅަނގު ގުޅުންތައް ކުރީގެ ޙާލަތަށް އިޢާދަކުރެވިދާނެ ކަމަށް މި ހުސްވި ސެޕްޓެންބަރު މަހު ރަޝިޔާއިން ފަސް ފަހަރު ބުނެފައި ވެއެވެ.
މި މަހުގެ 10 ވަނަ ދުވަހު ކްރެމްލިނުން ބުންޏެވެ. "ހުޅަނގާއެކު ވާހަކަދެއްކުން އަލުން ފެށުމަކީ ދުރު ކަމެއް ނޫނެވެ."
މައިދާނީ ޙާލަތު
ވާކަދެއްކުންތައް ފެށުމުގެ ޝައުޤުވެރިކަން ރަޝިޔާއިން ހާމަކުރަމުންދާ އިރު މޮސްކޯއާއި ކިޔީވުން ދަނީ ޚަރސަން ސަރަޙައްދުގައި ވަރުގަދަ ހަނގުރާމައަކަށް ތައްޔާރުވަމުންނެވެ. މި ބޮޑު ހަނގުރާމައިގެ މަލަތަކުގެ ތެރޭގައި ރަޝިޔާއިން މިސައިލްގެ 40 ޙަމަލާ ދިނުމާއި ޚަރސަނަށް ވައިގެ 15 ޙަމަލާދިނުމާއި ޚަރސަންގައި ދިރިއުޅޭ މަދަނީން އެ ސަހަރުން ބާލައި ކޯރުގެ އަނެއް ފަރާތަށް ގެންގޮސް އެ ސަހަރު ހަނގުރާމައަށް ތައްޔާރު ކުރުން ވެއެވެ. ރޫސީ ޙަމަލާތަކުގެ ސަބަބުން ޔުކްރޭނުގެ ހަކަތައިގެ އިސްޓޭޝަންތަކުގެ 30% ވަނީ މުޅިން ހަލާކޮށްލެވިފައެވެ. އަނެއްކޮޅުން ޔުކްރޭނުން ބުނާގޮތުގައި އެމީހުން ވަނީ ޒަބަރޯޖިޔާގައި ހުރި ރޫސީ ސިފައިންގެ އަށް ޔުނިޓެއް ހަލާކުކޮށްލައިފައެވެ. އަދި ޔުކްރޭން ސިފައިން ވަނީ ރޫސީ ދެ ހެލިކޮޕްޓަރެއް ވައްޓައިލައިފައެވެ.
މުޙައްލިލުން ވިދާޅުވާ ގޮތުގައި ރަޝިޔާއިން ވާހަކަދައްކަން ފެށުމަށް ގޮވައިލި ވަގުތަށް ބަލާއިރު އެކަމުގައި ތިން އިޝާރާތެއް ވެއެވެ.
1. 10 މަސްވީ ޔުކްރޭން ހަނގުރާމަ ދިގުލައިގެން ދިޔުމަށް ރަޝިޔާއިން ނޭދޭކަން.
2. ޔުކްރޭންގެ ހަތަރު ސަރަޙައްދެއް ރޫސީ އިއްތިޙާދުގެ ބަޔަކަށް ހެދުމަށްފަހު މައްސައަލަ ޙައްލު ކުރުމުގައި ރަޝިޔާއިން އިސްކަންދެނީ ސިޔާސީ ވަސީލަތްތަކަށް ކަން.
3. ޚަރސަން ހަނގުރާމަ ފެށުމުގެ ކުރިން ރައީސް ޒިލެންސްކީއަށް އެންމެ ފަހު އިންޒާރު ދިނުން. ރައީސް ޕޫޓިން ވިދާޅުވާން އެ އުޅުއްވަނީ މިއީ އެންމެ ފަހު ފުރްޞަތެވެ. ސިޔާސީ ޙައްލެއް ދެނެއް ނޯންނާނެއެވެ. ސުލްޙަވެރި ޙައްލުގެ ދޮރު ބަންދު ކުރީ މޮސްކޯއިން ނޫންކަން ދުނިޔެއަށް ހާމަކޮށްދެއްވުމެވެ.
ރޫސީ– ޔޫރަޕުގެ ރާގު އެއްގޮތްވުން
މި ހަނގުރާމައިގެ ސަބަބުން ހުޅަނގު ތަޙައްމުލު ކުރަމުންދާ ބުރަތަކާއި ދަތިތަކުގެ ސަބަބުން ހުޅަނގުގެ އެދުމާ ރަޝިޔާގެ އެދުމުގެ ރާގު އެއްގޮތްވެފައިވާކަން ދާރިސުން ފާހަގަ ކުރައްވައެވެ. މި ހަނގުރާމައިގެ ސަބަބުން ހުޅަނގުން ކުރަމުންދާ ހޭދައާއި ރަޝިޔާއާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ހުޅަނގުގައި ވަނީ ތަކެތީގެ އަގުތައް ބޮޑުވެފައެވެ. ހަކަތައިގެ ދަތިކަމާ ވަނީ ކުރިމަތިލާން ޖެހިފައެވެ. މުޒާހަރާތައް ދަނީ އިތުރުވެ ފުޅައުވަމުންނެވެ.
ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ސިޔާސަތާއި އަމްނާ ބެހޭ ކަމިޝަނަރު ބޮރެލް 13 ސެޕްޓެންބަރުގައި ވަނީ ކިޔީވަށް ވާހަކަދައްކާން ފަށާން ގޮވައިލައްވައިފައެވެ.
ސެޕްޓެންބަރު 22ގައި ޕެރިހުން ވަނީ ވާހަކަދެއްކުންތަކަށް ބާރުއަޅައި ވާހަކަ ދައްކައިފައެވެ.
އޮކްޓޯބަރު 10ގައި ފަރަންސޭސި ޚާރިޖިއްޔާއިން ވަނީ ކިޔީވަށް އެމީހުންގެ ޝަރްޠުތަކާ އެއްގޮތަށް ވާހަކަދެއްކުންތައް ފެށުމަށް ގޮވައިލައިފައެވެ.
އޮކްޓޯބަރު 25ގައި ފަރަންސޭސި ރައީސް މެކްރޯން ޔުކްރޭން ވާހަކަދެއްކުުގެ މޭޒުދޮށަށް ގެންދިޔުމަށް ވޮޝިންގްޓަނަށް ވަނީ ގޮވައިލައްވައިފައެވެ.
އެމެރިކާގެ ލަޑުދަނޑިތައް
މޮސްކޯއިން ތުހްމަތު ކުރާ ގޮތުގައި ވާހަކަދެއްކުންތަކަށް ހުރަސްއަޅަނީ ވޮޝިންގްޓަނުންނެވެ. މޮސްކޯއިން ވޮޝިންގްޓަންގެ ބޮލުުގައި މި އިލްޒާމު އެޅުވުމުން ވައިޓްހައުސް އިން އެކަން ނަފީކޮށް ބަޔާނެއް ނެރުނެވެ. މި ބަޔާން ބުނަނީ "ޔުކްރޭން ބޭނުންވާ ގޮތަކަށް ވާހަކަދެއްކުންތައް ބޭއްވުމަށް ވޮޝިންގްޓަނުން ވާނީ ދޫކޮށްލައިފައެވެ."
މޮސްކޯ ބުނާގޮތުގައި ވޮޝިންގްޓަން ބޭނުންވަނީ ހަނގުރާމަ ދިގުދަންމާށެވެ. މި ހަނގުރާމައިގެ ތެރެއަށް ޔޫރަޕް ވައްދާށެވެ. އެ ދެ ފަރާތުގެ ޢަސްކަރީ އަދި އިޤްިތިޞާދީ ނާރުތަކުން ލޭ އޮހޮރުވައި އެ ދެ ފަރާތް ނިކަމެތިކޮށްލުމަށް ޓަކައެވެ. އެ ދެ ފަރާތުގެ ދެމެދުގައި ހަކަތައިގެ މައިދާނުގައި އެއްބާރުލުމެއް ޤާއިމު ކުރުމަށް ހުރަސްއަޅާށެވެ. އެހެންކަމުން މޮސްކޯ ބުނާގޮތުގައި ހަނގުރާމައަކީ އެމެރިކާ- ރޫސީ ހަނގުރާމައެކެވެ.



advertisment