ލުބްނާނާއި އިސްރާއީލުގެ ކަނޑުގެ ދެކުނު ސަރަޙައްދު ވަކިކޮށް ކުރަހައިދޭ އެއްބަސްވުމުގައި ލުބްނާނުގެ ރައީސް މިޝޭލް ޢައުނު މިއަދު ސޮއިކުރައްވައިފިއެވެ. އެމެރިކާގެ ބެލުމުގެ ދަށުން އެއްބަސްވެވުނު މި އެއްބަސްވުން އިސްރާއީލު ސަރުކާރުން ވެސް މިއަދު ތަޞްދީޤު ކުރިއެވެ.
މި އެއްބަސްވުމުގެ މަސައްކަތުގެ މޭސްތިރިޔާ އެމެރިކާގެ ވަސީޠު އާމޮސް ހެކްސްޓައިނާއެކު ބައިރޫތުގައި ރިޔާސީ ގަނޑުވަރުގައި ލުބްނާނުގެ ބަރްލަމާނުގެ ނައިބު ރައީސް އިލްޔާސް ބޫ ޞަޢުބު މި ކަމާބެހޭގޮތުން ނޫސްވެރީންނާ ބައްދަލު ކުރެއްވިއެވެ. ލުބްނާނުގެ ފަރާތުން މި އެއްބަސްވުމާ ބެހޭ ވާހަކަދެއްކުންތަކުގައި ބައިވެރިވި ވަފްދުގެ ރައީސް ބޫ ޞަޢުބު ހާމަކުރެއްވި ގޮތުގައި ލުބްނާނުގެ ރައީސް ޢައުނު މި އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ.
ލުބްނާނުގެ ބަރްލަމާނުގެ ނައިބު ރައީސް ހާމަކުރެއްވި ގޮތުގައި ރައީސް ޢައުނަށް ވަނީ އެމެރިކާގެ ސިޓީ ލިބިވަޑައިގަންފައެވެ. ރައީސް ޢައުނު ސޮއިކުރެއްވި ސިޓީ އެެމެރިކާގެ ވަސީޠާ މިއަދު ޙަވާލު ކުރެވޭނީ ނާޤޫރާގައި ދެކުނު ލުބްނާނުގައި އޮންނަ އދ ގެ ޢަސްކަރީ ބާރުގެ މައި މަރްކަޒުގައެވެ.
ބޫ ޞަޢުބު ހާމަކުރެއްވި ގޮތުގައި ލުބްނާނުން އދ އަށް ވެސް ހަމަ މި ފަދަ ސިޓީއެއް ފޮނުވާނެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ލުބްނާނުން ކުރިން ހާމަކޮށްފައިވާ ސިޓީއަކީ ހަމަ މި ސިޓީއެވެ. މި ސިޓީ ރަސްމީ އެއްބަސްވުމަކަށް ބަދަލުވީ ރައީސް ޢައުނު މިއަދު ސޮއިކުރެއްވުމުންނެވެ.
މި އެއްބަސްވުން އެކުލަވައިލުމުގައި މެދުވެރިވި އެމެރިކާގެ ވަސީޠު އާމޮސް ހެކްސްޓައިން ލުބްނާނާ އިސްރާއީލުގެ ކަނޑުގެ ސަރަޙައްދު ކުރެހުމާ އިންވަކިކުރުމާ ބެހޭ މި އެއްބަސްވުމަށް ތާރީފު ކުރައްވަމުން ވިދާޅުވިއެވެ. "މި އެއްބަސްވުމަކީ ލުބްނާނުގެ އިޤްތިޞާދަށް ވަރަށް މުހިއްމު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ހަކަތަ ހޯދުމަށް ޓަކައި މަސައްކަތް ފެށުން ލަސްކުރުމަށް ބުނާ އެއްވެސް މާއްދާއެއް ނެތެވެ."
އޭނާ ހާމަކުރެއްވި ގޮތުގައި "މި އެއްބަސްވުމުގެ ސަބަބުން ޤާނާ ތެޔޮ ދަނޑުން ތެޔޮ ނެގުމުގެ މަސައްކަތް ލުބްނާނަށް ވަގުތުން ފެށޭނެއެވެ. މި އެއްބަސްވުމުގެ ސަބަބުން ލުބްނާނުގެ ރައްޔިތުންގެ ޙައްޤު ވަނީ ޖާމިނުކޮށްދެވިފައެވެ."
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތަށް ރައީސް ޢައުނު ފޮނުއްވި ވަފްދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ ރިޔާސީ އޮފީހުގެ ޑިރެކްޓަރ ޖެނެރަލް އަންޠުވާން ޝުޤައިރާއި ބައިނަލްއަޤްވާމީ ބާރުތަކާ ބެހޭ ލުބްނާނުގެ ކަމިޝަނަރު ސްޓާފު ބްރިގެޑިއަރު މުނީރު ޝައްޙާދާއާއި ތެލާއި ބެހޭ ކޯޕަރޭޝަނުގެ އިދާރާގެ މަސްއޫލުވެރިއެއް ކަމުގައިވާ ވިސާމު ޝުބާޠާއި ޤާނޫނީ ލަފަޔާ ބެހޭ މަރްކަޒުގެ ރައީސް އަޙްމަދުލް ޢަރަފާއެވެ. މި ވަފްދު އިސްރާއީލުގެ ވަފްދާ ބައްދަލެއް ނުކުރާނެއެވެ.
އިސްރާއީލުން އެއްބަސްވުން ތަޞްދީޤު ކުރުން
އަނެއްކޮޅުން އިސްރާއީލުގެ ބޮޑުވަޒީރު ލެޕިޑްގެ ތަރްޖަމާނު އޮވިއަރ ޖެންޓުލްމަން އޭނާގެ ޓުވިޓަރުގައި ވިދާޅުވެފައިވާ ގޮތުގައި "އިސްރާއީލު ސަރުކާރުން މިހާރު ވަނީ މި އެއްބަސްވުން ތަޞްދީޤުކޮށްފައެވެ."
އިސްރާއީލުގެ ބޮޑުވަޒީރު ލެޕިޑް ވިދާޅުވާ ގޮތުގައި "އިސްރާއީލާ ހަތުރުވެރި ދައުލަތެއް އިސްރާއީލު ޤަބޫލުކުރާ ކޮންމެ ދުވަހަކީ އިސްރާއީލަށް ކާމިޔާބު ލިބޭ ދުވަހެކެވެ." އިސްރާއީލު ސަރުކާރުން މި އެއްބަސްވުން ތަޞްދީޤުކޮށް ބަލައިގެން ޖަލްސާގައި ލެޕިޑް ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ލުބްނާނާއެކު ކަނޑުގެ ސަރަޙައްދު ކުރަހައި އިން ވަކިކުރާ އެއްބަސްވުމުގެ ސަބަބުން އިސްރާއީލުގެ އަމްނަށް އިތުރު ވަރުގަދަކަން ލިބިގެން ދާނެއެވެ. މި އެއްބަސްވުމުގެ ސަބަބުން ޙިޒްބުﷲ އާ ދެކޮޅަށް އަހުރެމެންނަށް ފިޔވަޅުތައް މިނިވަންކަމާއެކު އެޅޭނެއެވެ."
އޭނާ އިތުރަށް ވިދާޅުވިއެވެ. "މިއީ ސިޔާސީ އަރުތައެކެވެ. ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ކުރިމަތީގައި އިސްރާއީލާ އިސްރާއީލާ ހަތުރުވެރި ޤައުމަކާއެކު ލިޔުމުން އެއްބަސްވެވޭ އެއްބަސްވުމެއްގެ ސަބަބުންނެވެ." ލެޕިޑް ވިދާޅުވި ގޮތުގައި "މިއީ އިޤްތިޞަދީ ކާމިޔާބީއެއް ވެސްމެއެވެ. މި އެއްބަސްވުމުގެ ސަބަބުން އިސްރާއީލަށް ޤާނާ ތެޔޮ ދަނޑުން 17% ލިބޭނެއެވެ. އިސްރާއީލަށް މި ލިބޭ އާމުދަނީގެ ސަބަބުން އިސްރާއީލުގެ ފާގަތިކަމަށާއި ޞިއްޙަތަށާއި ތަޢުލީމަށާއި އަމްނަށް އިތުރު ފަހިކަން ލިބޭނެއެވެ."
މި އެއްބަސްވުމާ ހަމައަށް ލުބްނާނަށާއި އިސްރާއީލަށް ދެވުނީ އެމެރިކާ މެދުވެރިވެގެން ދެ އަހަރެއްހާ ދުވަހު ބޭއްވުނު ވާހަކަދެއްކުންތަކެއްގެ ސަބަބުންނެވެ. ސަރަޙައްދީ ރޮނގު ކުރެހުނު 900 އެއްހާ އަކަ ކީލޯމީޓަރުގެ މި ސަރަޙައްދަކީ ތެލާއި ގޭހުގެ މުއްސަނދިކަން ބޮޑު ސަރަޙައްދެކެވެ.



advertisment