"ގުގުރި" ނަމުގައި ރަޝިޔާއިން ޢަސްކަރީ ތަމްރީނުތަކެއް ބާއްވަން ރާވަމުންދާ ކަމަށާއި މި ތަމްރީނުތަކުގައި ނިޔުކްލިއަރ ބޯތައް އުފުލުމުގެ ޤާބިލުކަން ހުރި ރޮކެޓްތައް ބޭނުންކުރެވޭނެކަން މޮސްކޯއިން ވޮޝިންގްޓަނަށް އަންގައިފި އެވެ.
ޕެންޓަގަންގެ ތަރްޖަމާނު ބްރިގޭޑިޔަރ ޖެނެރަލް ޕެޓްރިކް ރައިޑަރ ނޫސްވެރީންނަށް ހާމަކުރެއްވި ގޮތުގައި ރަޝިޔާއިން މި ބާއްވާ ތަމްރީނުތަކަކީ އާދަކޮށް ކޮންމެ އަރަކު ބާއްވާ ތަމްރީނު ބުރެކެވެ.
އެމެރިކާގެ މަސްއޫލުވެރީން ވިދާޅުވާ ގޮތުގައި މި ތަމްރީނު ބުރު މި ފަހަރު މި ބޭއްވެނީ ޔުކްރޭން ހަނގުރާމައިގެ ތެރޭގައި ނިޔުކްލިޔަރ ހަތިޔާރު ވެސް ބޭނުންކުރާން ޖެހިދާނެ ކަމަށް ރައީސް ޕޫޓިން ވިދާޅުވަމުންދާ ވަގުތެއްގައެވެ.
އެމެރިކާގެ ސީބީއެސް ނޫސް އޭޖެންސީ އެމެރިކާގެ ޢަސްކަރީ އިސް މަސްއޫލުވެރިއަކާ ޙަވާލާދީ ބުނާގޮތުގައި ރަޝިޔާއިން މި ބާއްވާ "ގުގުރި" ތަމްރީނުތަކުގައި ވަރަށް ފުޅައު ދާއިރާއެއްގައި ރަޝިޔާގެ ނިޔުކްލިއަރ އިސްތިރާޖީ ބާރުތައް ބައިވެރިވާނެއެވެ. މި ތަމްރީނުތަކުގެ ތެރޭގައި ޙަޤީޤީ މިސައިލްތައް ބޭނުންކުރާނެއެވެ.
މި ދުވަސްވަރު ނޭޓޯއިން ބެލްޖިއަމްގައި ޢަސްކަރީ ތަމްރީނުތަކެއް ބާއްވަމުންދާކަން ފާހަގަ ކުރެވެއެވެ. އޮކްޓޯބަރު 17ގައި ނޭޓޯއިން ފެށި ތަމްރީނުތައް ނިމޭނީ 30 އޮކްޓޯބަރު ގައެވެ. މި ތަމްރީނުތަކުގައި ނޭޓޯގެ 14 ޤައުމެއް ބައިވެރިވެއެވެ. ނޭޓޯ ބުނާގޮތުގައި ކޮންމެ އަހަރަކު ނޭޓޯއިން މެންބަރު ޤައުމުތަކުން ޤައުމެއްގައި ބާއްވާ Steadfast Noon ތަމްރީނުތަކުގެ ބޭނުމަކީ ނޭޓޯގެ ނިޔުކްލިއަރ މައިތިރި ވަރުގަދަ ކުރުމެވެ. ދުޝްމަނުންގެ ނިޔުކްލިއަރ ޙަމަލާއަކަށް ނޭޓޯ ތައްޔާރަށް އޮތް މިންވަރު ބެލުމެވެ.
ނޭޓޯގެ އަމީން ޢާންމު ޔެންސް ސްޓޮލްޓެންބަރގް ހާމަކުރެއްވި ގޮތުގައި ނޭޓޯއިން ރަޝިޔާގެ ތަމްރީނުތަކަށް ފާރަލައި ބަލާނެއެވެ. އެ ޤައުމުގެ އަތުގައި ހުރި ޤާބިލުކަން ދިރާސާކޮށް ވަޒަން ކުރާނެއެވެ.
ބައިޑްންގެ އައު އިންޒާރެއް
ކިޔީވުން ހަޑި ބޮމެއް އުފައްދާން އުޅޭކަމަށް މޮސްކޯއިން ތުހްމަތުކޮށް ރަޝިޔާއިން ޔުކްރޭނަށް ނިޔުކްލިއަރ ޙަމަލާއެއް ނުދިނުމަށް އެމެރިކާގެ ރައީސް ބައިޑްން ވަނީ މޮސްކޯއަށް އަލުން އިންޒާރު ކުރައްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާއިން ހުނަރުވެރި ނިޔުކްލިއަރ ހަތިޔާރު ބޭނުންކުރުމަކީ ވަރަށް ބޮޑު ކުށެކެވެ. ބައިޑްން ވިދާޅުވި ގޮތުގައި ޔުކްރޭނުން އެފަދަ ބޮމެއް ބޭނުން ނުކުރާނެ ކަމުގެ ޖާމިނުވުން އެމެރިކާއަކަށް ނުދެވޭނެއެވެ. މިފަދަ ޙާލަތެއްގައި ވެސް ރަޝިޔާއިން ނިޔުކްލިއަރ ހަތިޔާރު ނެގުމަކީ ވަރަށް ބޮޑު ނުބައި ކަމެއް ކަމަށް ރައީސް ބައިޑްން ވިދާޅުވިއެވެ.



advertisment