އިސްރާއީލު ސިފައިން ފަލަސްޠީނުގެ ނާބްލުސްގެ ޤަދީމީ ސަހަރަށް މިއަދު ހެނދުނުގެ ވަގުތެއްގައި އަރައި ފަލަސްޠީނުގެ ފަސް މީހަކު ޝަހީދުކޮށްލައިފިއެވެ. އެކަމާ ވިދިގެން އިސްރާއީލުގެ މީޑިޔާތައް ބުނާގޮތުގައި އިސްރާއީލު ސިފައިން ފަލަސްޠީނުގެ "ޢަރީނުލް އުސޫދު" ޖަމާޢަތާ ދެކޮޅަށް ހިންގި މި އޮޕަރޭޝަން ވަނީ ނިމިފައެވެ.
އިސްރާއީލުން ޝަހީދުކޮށްލި ފަސް މީހުންގެ ތެރޭގައި ޢަރީނުލްއުސޫދު ޖަމާޢަތުގެ އިސްވާރެއް ކަމުގައިވާ ވަދީޢުލް ޙަވައްޙު ހިމެނިވަޑައިގަންނަވައެވެ. އިސްރާއީލު ސިފައިންނާއި ފުލުހުންނާއި ދާޚިލީ އަމްނާބެހޭ އިދާރާ ޝަބާކާ ގުޅިގެން މި ހިންގި އޮޕަރޭޝަނުގައި ޙަޤީޤީ ވަޒަން ބޭނުންކުރުމުގެ ސަބަބުން ފަލަސްޠީނުގެ 25 މީހަކު ޒަޚަމުވިއެވެ. ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާ ބުނާގޮތުގައި ޝަހީދުވި ފަސް މީހުންގެ ތެރެއިން ހަތަރު މީހުން ޝަހީދުކޮށްލައިފައި ވަނީ ނާބްލުސްގައެވެ. ފަސްވަނަ މީހާ ޝަހީދުކޮށްލައިފައި ވަނީ ރާމަﷲ ކައިރީގައި އޮންނަ ނަބިއްޔާ ޞާލިޙުގެފާނުގެ ރަށުގައެވެ.
ފަލަސްޠީނު ޓީވީ ބުނިގޮތުގައި ނާބްލުސްގައި ފަލަސްޠީނުގެ އުޅަނދެއް ގޮއްވައިލުމުގެ ސަބަބުން އެ އުޅަނދުގައި ތިބި މީހުންގެ ހަށިތައް ވަނީ އަނދައި ދެލިގަނޑަކަށް ވެފައެވެ.
މަންޒަރު ދުށް މީހުން ކިޔައިދިން ގޮތުގައި ޢަރީނުލް އުސޫދު ޖަމާޢަތާ ދެކޮޅަށް އިސްރާއީލުން ހިންގި ޢަސްކަރީ އޮޕަރޭޝަނަށް ފަހު އެމީހުން މިއަދު ހެނދުނު ވަނީ ނާބްލުސުން ފައިބައިފައެވެ. މި އޮޕަރެޝަނުގެ ސަބަބުން ނާބްލުސްގެ ޤަދީމީ ރަށުގެ ބާޒާރަށާއި ބައެއް ޢިމާރާތްތަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ.
އިސްރާއީލު ސިފައިންނާއި ފުލުހުންނާއި ދާޚިލީ އަމްނާ ބެހޭ އިދާރާ ޝަބާކު ގުޅިގެން ނެރުނު ބަޔާން ބުނާގޮތުގައި އެ ތިން ފަރާތުގެ ޚާއްޞަ ޔުނިޓްތަކަކުން ނާބްލުސްއަށް އަރައި ޢަރީނުއް އުސޫދު ޖަމާޢަތުން ގޮވާ އެއްޗެހި އުފައްދާ ސިއްރު ފްލެޓަކަށް ވަދެ އެ ތަން ގޮއްވައިލައި އެތާނގައި ތިބި އެ ޖަމާޢަތުގެ މީހުން ވަނީ މަރައިލައިފައެވެ. މި ބަޔާން ބުނާގޮތުގައި އިސްރާއީލުގެ ބާރުތަކުން މި ފްލެޓުގައި ހުރި ލެބް ވެސް ގޮއްވައިލިއެވެ.
އިސްރާއީލުން ބުނާގޮތުގައި އިސްރާއީލު ސިފައިން މި މަސައްކަތްކުރަމުން ދިޔައިރު ފަލަސްޠީނު މީހުން އެމީހުންނާ ދިމާއަށް ގައު އުކާ ރަބަރު ފުރޮޅުތަކުގައި ރޯކޮށް މަގުތައް ނާމާންކުރިއެވެ. އިސްރާއީލުން ބުނާ ގޮތުގައި ފަލަސްޠީނު މީހުން އިސްރާއީލުގެ ބާރުތަކާ ދިމާއަށް ބަޑިޖަހާ ޙަމަލާ ދިނެވެ.
އިސްރާއީލުގެ 13 ވަނަ ޗެނެލް ބުނިގޮތުގައި އިސްރާއީލުގެ ޚާއްޞަ ބާރުތަކުގެ ޔުނިޓްތަކުން ނާބްލުސްގައި ހިންގި ޚާއްޞަ މަސައްކަތްތައް ނިމިއްޖެއެވެ.
ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި ޒަޚަމުވި މީހުންގެ ތެރެއިން ފަސް މީހެއްގެ ޙާލު ވަރަށް ބޮޑެވެ.
ފަލަސްޠީނުގެ ރިޔާސީ އޮފީހުގެ ތަރްޖަމާނު ހާމަކުރެއްވި ގޮތުގައި ނާބްލުސްއަށް އިސްރާއީލުން ދެމުންދާ ޢުދްވާނީ ޙަމަލާތައް ހުއްޓުވުމަށް ޓަކައި ފަލަސްޠީނުން ދަނީ ތަފާތު ފަރާތްތަކާ ގުޅަމުންނެވެ. ރައީސް ޢައްބާސް ވަނީ މި ކަމާބެހޭގޮތުން އެމެރިކާއާ ގުޅުމަށް ވެސް އަންގަވައިފައެވެ.
ފަލަސްޠީނުގެ ކެބިނެޓުން ބުންޏެވެ. "ނާބްލުސް ޙިޞާރުކޮށްފައި އޮންނަތާ 15 ދުވަސް ވެއްޖެއެވެ. އިސްރާއީލުން ދަނީ ނާބްލުސްއަށް އަރައި ޢުދްވާނީ އައު ޙަމަލާތަކެއް ދެމުންނެވެ." ކެބިނެޓުން ބުންޏެވެ. "އަހުރެމެން އދ އަށާއި އދގެ ތަފާތު ޖަމާޢަތްތަކަށް މި ޢުދްވާނު ހުއްޓުވުމަށް ގޮވައިލަމެވެ."
ރާމަﷲގައި ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާ ބުނާގޮތުގައި ޞާލިޙުގެފާނުގެ ރަށުގެ މައި ދޮރޯށި ކައިރީން އިސްރާއީލު ސިފައިން ބަޑިޖަހާ ޒަޚަމުކޮށްލި ފަލަސްޠީނުގެ ޒުވާނާ ޤުޞައްޔުއް ތަމީމީ މިއަދު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކޮށްފިއެވެ.
އިސްރާއީލު ސިފައިން ނާބްލުސްއަށް އެރިއެރުމާ ދެކޮޅަށް ފަލަސްޠީނުގެ ޒުވާނުން ރާމަﷲގައި މިއަދު ވަނީ މުޒާހަރާތައް ބާއްވާން ފަށައިފައެވެ. އިސްރާއީލު ކުށްވެރިކޮށް ނަބްލުސްއާއެކު އެއްބާރުލާނެ ކަން އެމީހުން ހާމަކުރިއެވެ.
ފަލަސްޠީނު ޓީވީ ބުނާގޮތުގައި އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ޒަޚަމުވި މީހުންގެ ތެރޭގައި ފަލަސްޠީނުގެ ސަލާމަތީ ބާރުތަކުގެ ފަރްދުން ވެސް ހިމެނެއެވެ.
އިސްރާއީލުގެ ޢުދްވާނާ ބެހޭގޮތުން ޢަރީނުލް އުސޫދު ޖަމާޢަތުން ނެރުނު ބަޔާނުގައި އައިސްފައި ވެއެވެ. "ޢިއްޒަތްތެރި ރައްޔިތުންނޭވެ. ބާރަކީ ތިޔަބައިމީހުންނެވެ. ކުރިމަގަކީ ތިޔަބައިމީހުންނެވެ. އުންމަތުގެ ޙަޔާތަކީ ތިޔަބައިމީހުންނެވެ. އަހުރެމެން ޢިއްޒަތްތެރި ވާނީ ޖިހާދުންނެވެ. ޢިއްޒަތްރި ވާނީ ހަނގުރާމަކޮށްގެންނެވެ. ޢިއްޒަތްތެރި ވާނީ ޝަހީދުވެގެންނެވެ. އަމާންދިނުމުން ލިބޭނީ ނިކަމެތިކަމެވެ. އިހާނެތިކަމެވެ. ސިންގާތައް އޭއްޗެހީގެ ހޮހަޅަތަކުން ނުކުންނާން ވެއްޖެއެވެ."
ޢަރީނުލް އުސޫދު ޖަމާޢަތް ޢަސްކަރީ ދައްކައިލުމެއްގައި ފުރަތަމަފަހަރަށް ފާޅުވެފައިވަނީ މި ދިޔަ ސެޕްޓެންބަރު މަހުގައި ޤަދީމީ ނާބްލުސްގައެވެ. މި ޖަމާޢަތުގެ ފަރްދުންނަކީ ފަލަސްޠީނުގެ ތަފާތު ޖަމާޢަތްތަކަށް ނިސްބަތްވާ ބައެކެވެ.



advertisment