Support Us

އިނގިރޭސި ބޮޑުވަޒީރު ކަމަށް ރިޝީ ސުނަކް

އިނގިރޭސިވިލާތުގައި ވެރިކަންކުރާ ކޮންޒަރވެޓިވް ޕާޓީގެ ޒަޢާމަތަށް ރިޝީ ސުނަކް ރޭ ވަނީ އިންތިޚާބުކޮށްފައެވެ. ޕާޓީގެ ޒަޢާމަތު ލިބިވަޑައިގަތުމުން އޭނާއަށް ބޮޑުވަޒީރުކަން ވެސް ލިބިވަޑައިގަތީއެވެ. މިއީ އިންޑިޔާ ނަސްލުން އިނގިރޭސިވިލާތުގެ ވެރިކަމަށް އިސްވަޑައިގެންނެވި އެންމެ ފުރަތަމަ ސިޔާސީ ޝަޚްޞިއްޔަތެވެ.

ރިޝީ ސްނަކަށް ޕާޓީގެ ޒަޢާމަތު ލިބިވަޑައިގަތީ އޭނާއާ ވާދަކުރެއްވި ޕެނީ މޯޑަރންޓް އެ ރޭހުން ވަކިވެވަޑައިގަތުމުންނެވެ. ވެރިކަންކުރާ ކޮންޒަރވެޓިވް ޕާޓީގެ ޒަޢާމަތަށް ރިޝީ ސްނަކް ހޮވިވަޑައިގަތީ ޕާޓީގެ ޒަޢާމަތުން ލިޒް ޓްރަސް އިސްތިޢުފާ ދެއްވުމުންނެވެ. ޓްރަސްއަކީ އިނގިރޭސިވިލާތުގައި އެންމެ ކުރު މުއްދަތަކަށް ވެރިކަން ކުރެއްވި ޒަޢީމާއެވެ. ލިޒް ޓްރަސްއަށް ވެރިކަން ލިބިވަޑައިގަތީ ވެރިކަމުގައި ހުންނެވި ބޮރިސް ޖޯންސަން، 7 ޖުލައިގައި އިސްތިޢުފާ ދެއްވުމުންނެވެ. އޭނާއަށް އިސްތިޢުފާ ދެއްވަން ޖެހިވަޑައިގަތީ އޭނާއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ފަޟީޙަތްތަކުގެ ސަބަބުން އޭނާގެ ކެބިނެޓް ގިނަ މެންބަރުންތަކެއް އިސްތިޢުފާ ދެއްވުމުންނެވެ.  

އިންޑިޔާ ނަސްލުން ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ޝަޚްޞިއްޔަތު

    ރިޝީ ސްނަކަކީ އިންޑިޔާގެ ނަސްލުގެ ބޭފުޅެކެވެ. އޭނާއަކީ އިނގިރޭސިވިލާތުގެ ވެރިކަމަށް އިސްވެވަޑައިގެންނެވި އެންމެ ހަގު ބޮޑުވަޒީރެވެ. އޭނާގެ ކާބަފައިންނަކީ ހުޅަނގު ބަންގާޅުން ދެކުނު އެފްރިކާއަށް ހިޖްރަކުރެއްވި ބައެކެވެ. އެބޭފުޅުން އިނގިރޭސިވިލާތަށް ހިޖްރަ ކުރެއްވީ މި ދިޔަ ސައްތައިގެ ފަސްދޮޅަހުގެ ތެރޭގައެވެ. ރިޝީގެ ބައްޕާފުޅަކީ ޑަކްޓަރެކެވެ. މަންމާފުޅަކީ ބޭސްފިހާރައެއް ހިންގެވި ވިޔަފާރި ވެރިއެކެވެ. 

    ރިޝީ ސްނަކް ދަސްވެނިވެ ވަޑައިގެންފައި ވަނީ އޮކްސްފޯޑް ޔުނިވަރސިޓީން 2001ވަނަ އަހަރުއެވެ. އޭނާ އެންމެ ފުރަތަމަ  މަސައްކަތް ކުރެއްވީ ގޯލްޑްމަން ސެކްސް ބޭންކްގައެވެ. ރިޝީ ސްނަކް މާސްޓާރސް ދަރަޖަ ޙާޞިލުކުރެއްވީ ސްޓޭންފޯޑް ޔުނިވަރސިޓީން ވިޔަފާރީގެ ދާއިރާއިންނެވެ. ރިޝީ ސްނަކްގެ އަނބިކަނބަލުން އަކްޝާތާ މޯރތީ އަކީ ބިލިޔަނޭރެއް ކަމުގައިވާ ނަރަޔާނާ މޯތީގެ ދަރިކަނބަލުންނެވެ. އެއީ ފަންނިއްޔަތުގެ  ދާއިރާގައި މަޝްހޫރު ކުންފުންޏެއް ކަމުގަައި ވާ އިންފޯސިސް ކުންފުނީގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. 

އެހެންކަމުން ރިޝީ ސްނަކަކީ އިނގިރޭސި ބޮޑުވަޒީރުކަމަށް ވަޑައިގެންނެވި މިލިޔަނޭރެކެވެ. އޭނާގެ އަމިއްލަފުޅު މަސައްކަތްޕުޅުންނާއި އަނބިކަނބަލުންގެ ބައްޕާފުޅުގެ ކުންފުނީގެ  ޙިއްޞާއިން ރިޝީ ސްނަކުގެ އަތްޕުޅުގައި 730 މިލިއަން ޕައުންޑްގެ މުއްސަނދި މިލްކިއްޔާތެެެއް އެބަ އޮތެވެ. މިހެންވެ ގާރޑިއަން ދުވަހު ނޫހުގައި ބޮޑުވަޒީރުކަމަށް ބޮޑު މުއްސަނދިކަމެއް އޭނާއަށް ލިބިވަޑައިގެންފައިވާ ކަމަށް ބުނެފައި ވެއެވެ.

ސިޔާސީ ޙަޔާތްޕުޅު

    ސްނަކުގެ ސިޔާސީ ދަތުރުފުޅު ފަށްޓަވައިފައި ވަނީ މީގެ 12 އަހަރު ކުރީން ކޮންޒަރވެޓިވް ޕާޓީއާ ގުޅިވަޑައިގަތުމުންނެވެ. މިގޮތުން 2014ވަނަ އަހަރު އޭނާ ވަނީ އުތުރު ޔޯރކްޝަޔަރުގެ ރިޗްމަންޑް ދާއިރާގެ ބަރްލަމާނީ ގޮނޑި ކާމިޔާބު ކުރައްވައިފައެވެ. އެއީ ކޮންޒަވެޓިވް ޕާޓީގެ ޒަޢީމުކަން ކުރެއްވި  ވިލޔަމް ހޭގް ވަރަށް ގިނަ ދުވަސްތަކެއްގައި އިންނެވި ގޮނޑިއެކެވެ. އަދި 2017 ގައްޔާއި 2019ގައި ސްނަކް މި ގޮނޑި ކާމިޔާބު ކުރެއްވިއެވެ. އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ބޭރަށް ލެއްވުމަށް ކުރީގެ ބޮޑުވަޒީރު ޓެރޭޒާ މޭ އަށް އޭނާ ތާއީދު ކުރައްވާ ތިން ފަހަރު ވޯޓު ދެއްވައިފައި ވެއެވެ.

    ސްނަކަށް ސަރުކާރުން ލިބިވަޑައިގެން ފުރަތަމަ މަޤާމަކީ މާލީ ވުޒާރާގެ ސެކްރެޓަރީ ކަމެވެ. އެއީ އެ ވުޒާރާގައި އެންމެ އިސް ދެވަނަ މަޤާމެވެ. އެ މަޤާމަށް ބޮޑުވަޒީރު ބޮރިސް ޖޯންސަން އިސްކުރެއްވީ ޕާޓީގެ ޒަޢާމަތު ޖޯންސަނަށް ހޯއްދަވައިދެއްވުމަށް ރިޝީ ސްނަކު ކުރެއްވި މަސައްކަތްޕުޅަށް ޓަކައެވެ.

ޖޯންސަންގެ ބޮޑުވަޒީރު ކަމުގައި އޭރުގެ މާލީ ވަޒީރު ސާޖިދު ޖާވީދާ އޭނާގެ ދެމެދުގައި އުފެދުނު ޚިޔާލު ތަފާތުވުންތަކާ ހެދި ސާޖިދު 2019ގައި އެ މަޤާމުން ވަކިކޮށް ސްނަކަށް އެ ވުޒާރާ ޙަވާލު ކުރެވުނެވެ. އޭރު އޭނާގެ ޢުމުރުފުޅަކީ 39 އަހަރެވެ. އެއީ މާލީ ވަޒީރުކަމަށް އިސްކުރެވުނު ހަތަރު ވަނައަށް އެންމެ ހަގު ބޭފުޅާއެވެ.      

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *