ދެކުނު ޔުކްރޭންގައި އޮންނަ ޚަރސަން ސަރަޙައްދު ދޫކޮށް އަވަހަށް ދިޔުމަށް އެ ސަރަޙައްދުގައި ރޫސީން އިސްކޮށްފައި ތިބި ވެރީން ގޮވައިލައްވައިފިއެވެ. އެއީ މި ސަރަޙައްދުގައި ރޫސީ ސިފައިންނާ ޔުކްރޭން ސިފައިންނާ ދެމެދުގައި ހިނގަމުންދާ ކުރިމަތިލުންތައް އިތުރުވެ ބަދަލުކުރެވޭ ޙަމަލާތައް ހޫނުވަމުންދާތީއެވެ.
ރޫސީ އިއްތިޙާދާ ގުޅިފައިވާ މި ސަރަޙައްދުގެ އިދާރާގެ ޓެލެގްރާމު ބުނާގޮތުގައި ޚަރްސަން ސަހަރުގެ ޢާންމު ރައްޔިތުން އެ ރަށް ދޫކޮށް ދިޔުން އަވަސް ކުރާން ވެއްޖެއެވެ. އެއީ ޔުކްރޭނުގެ ވައިގެ ޙަމަލާތައް އިތުރުވަމުންދާތީއެވެ.
މީގެ ނުވަ މަސްކުރީން ފެށުނު ހަނގުރާމައިގައި ޚަރސަނަކީ ރޫސީ ސިފައިން އެންމެ ފުރަތަމަ ހިފި އެއް ސަރަޙައްދެވެ. މި ސަރަޙައްދުގެ ރައްޔިތުންގެ ވޯޓާ އެއްގޮތަށް ރަޝިޔާއިން ވަނީ މި ސަރަޙައްދު ރޫސީ އިއްތިޙާދުގެ ބަޔަކަށް ހަދައިފައެވެ. މިހެންވެ ހުޅަނގާއި އެމެރިކާއިން ޔުކްރޭނަށް ދިން ޒަމާނީ ހަތިޔާރު ބޭނުންކޮށްގެން ކިޔީވުން މަސައްކަތް ކުރަނީ ޚަރްސަން ހިފޭތޯއެވެ.
ރަޝިޔާ ބުނާގޮތުގައި ޔުކްރޭނުން ދެމުންދާ ހުރިހާ ޙަމަލާތަކެއް ވަނީ މައިތިރި ކުރެވިފައެވެ. ރޫސީ ސިފައިންގެ އެއްވެސް ދިފާޢެއް ފޫއަޅުވައެއް ނުލެވުނެވެ. ޔުކްރޭނުން ޙަމަލާދެމުން ދަނީ ޑުނައިބަރޯ ކޯރުގެ ހުޅަނގު އައްސޭރީގެ ރަށްތަކަށެވެ. ރޫސީ ޓީވީ ބުނާގޮތުގައި ރޫސީ ދިފާޢުތައް ފޫއަޅުވާ ލެވޭތޯ މަސައްކަތް ކުރި ޔުކްރޭނުގެ ހުރިހާ އާލިއްޔާތުތަކެއް ވަނީ ހަލާކުކޮށް ފުޑުފުޑުކޮށްލެވިފައެވެ.
މި ހިސާބުގައި ހިނގަމުންދާ ހަނގުރާމައާ ބެހޭގޮތުން އިނގިރޭސިވިލާތުގެ ދިފާޢީ ވުޒާރާ ބުނާގޮތުގައި ރަޝިޔާ ސިފައިން ބޭނުންވާ މަދަދު ފޮނުވުމަށް ޓަކައި ރޫސީ ސިފައިން މިހާރު ވަނީ މި ކޯރުގައި ފެންމަތީ އޮޔާދެމޭގޮތަށް އޮންނަ ބޮޑު ދާލަމެއް ހަދައިފިއެވެ. މިއީ ލަންޑަން ބުނާގޮތުގައި ހަލާކުވެފައިވާ އޮންޓަނެވްސްކީ ބުރިޖުގެ ބަދަލުގައި ރޫސީ ސިފައިން ޤާއިމު ކުރި ދާލަމެކެވެ. ދެކުނު ޔުކްރޭންގެ ޚަރސަންގައި ތިބި ރޫސީ ސިފައިންނަށް މަދަދު ފޮނުވުމަށް ޓަކައި މި ކޯރު ހުރަސްކޮށް މަދަދު ފޮނުވަން ރަޝިޔާއަށް ބޭނުންވާނެއެވެ.
ރަޝިޔާގެ ދިފާޢީ ވުޒާރާގެ ތަރްޖަމާނު ކޮންޝިންކޯވް ވިދާޅުވާ ގޮތުގައި ރޫސީ ވައިގެ ބާރުތަކުން ޔުކްރޭނުގެ ނިޕްޓަން މިސައިލްތަކާއި ޢަސްކަރީ ވަޑާންގެތައް ވާނީ ހަލާކުކޮށްލައިފައެވެ. ނިޕްޓަން މިސަލަކީ އަގުބޯޓުފަހަރާ ދެކޮޅަށް ބޭނުން ކުރާ ހަތިޔާރެކެެވެ.
ޔުކްރޭނުން ބުނާގޮތުގައި ރަޝިޔާއިން ޔުކްރޭނުގެ ރަށްތަކަށް ދެމުންދާ ޙަމަލާތައް ކަނޑުމަގުން ވެސް ދެމުންދެއެވެ. ޔުކްރޭން ބުނާގޮތުގައި ކަޅު ކަނޑުގައި ބުރުޖަހާ ރަޝިޔާގެ މަނަވަރުތަކުން ކެލިބަރ މަރުކާގެ މިސައިލްތަކުން ޔުކްރޭނުގެ މުހިއްމު ރަށްތަކަށް ވަނީ ޙަމަލާތަކެއް ދީފައެވެ. ރަޝިޔާގެ މިސައިލް ޙަމަލާތައް ވެރިރަށް ކިޔީވަށް ވެސް މިއަދު ދިނެވެ. މި ސަހަރުގެ މެޔަރ ރަށުގެ މީހުންނަށް ބިންގަރާސްތަކުން ބޭރަށް ނުނުކުމެ ތިބުމަށް ގޮވައިލެއްވިއެވެ. ރަޝިޔާގެ މިއަދުގެ ޙަމަލާތަކުގައި ކިޔީވުގެ ހުޅަނގުގެ އެތައް ރަށްތަކެއް ހިމެނެއެވެ. މި ޙަމަލާތަކުގެ ސަބަބުން އެ ރަށްތަކުން ފެނާއި ކަރަންޓް ވަނީ ކެނޑިފައެވެ.
ކުރިމަތިލުމެއް ހިނގައިފާނެކަމުގެ ބިރު
އަނެއްކޮޅުން ރަޝިޔާގެ ޚާރިޖިއްޔާގެ ހަތިޔާރާ ބެހޭ އިދާރާގެ ޑިރެކްޓަރުގެ ނައިބު ކޮންސްޓޭންޓިން ފްރޮންޓްސޯވް "ނުރައްކާތެރި ދަރަޖައަކާ ހަމައަށް" ނޭޓޯ ކައިރިވެއްޖެކަމަށް ވިދާޅުވެ ދުނިޔެ ސަމާލުކަމަށް ގެންނަވައިފިއެވެ. އދގެ ޢާންމު މަޖިލީހުގެ 77ވަނަ ދައުރުގެ ބައްދަލުވުންތަކުގެ ތެރޭގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވިއެވެ. "ޔުކްރޭން މަސްއަލައިގެ ތެރެއަށް ނޭޓޯ ގެނބިފައިވާގެނބުމާ ބެހޭގޮތުން އެ ޤައުމުތައް އޮތީ އަނގަމަތީ އަތްއަޅައި އަނގަ ބަންދުކޮށްނެވެ."
އޭނާ ވިދާޅުވިއެވެ. "އެހެނަސް ޙަޤީޤަތެއް ނުފޮރުވޭނެއެވެ. މި ޤައުމުތައް ކިޔީވަށް އެހީވުމުގައި ދަނީ އެއް ޤައުމު އަނެއް ޤައުމާ ވާދަކުރަމުންނެވެ. އެ ޤައުމުތަކުން ކިޔީވަށް ހަތިޔާރާއި ވަޒަނާއި އުންޑައާއި ޖާސޫސީ މަޢުލޫމާތާއި ތަމްރީނުދިނުމާއި ހަނގުރާމަ ކުރުމަށް ރާވައިދިނުމުގައި އެހީވެދެއެވެ. އެހެންކަމުން އެ ޤައުމުތައް އެ ދަނީ ރަޝިޔާއާ އެކު ސީދާ ކުރިމަތިލުމަކަށް ދިޔުމާ ކައިރިވަމުންނެވެ. އެ ކަމުގެ ބިރުދަނީ އިތުރުވަމުންނެވެ."
ފްރޮންޓްސޯވް ސަމާލުކަމަށް ގެންނެވި ގޮތުގައި ދިރާސާކުރާ މަރްކަޒުތަކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޔުކްރޭނަށް ހުޅަނގުން ދީފައިވާ ހަތިޔާރުގެ އެހީގެ މިންވަރު މިހާރު ވަނީ 42.3 ބިލިއަން ޑޮލަރަށް މައްޗަށް ގޮސްފައެވެ. މި އަދަދުގެ ދެ ބައި ކުޅަ އެއްބައި ދީފައިވަނީ ވޮޝިންގްޓަނުންނެވެ.
އޭނާ އިތުރަށް ވިދާޅުވިއެވެ. "މި ހަނގުރާމައިން މޭވާ ބިންނަ ޤައުމަކީ އެމެރިކާއެވެ. ޔުކްރޭނަށް ފޮނުވާ ހަތިޔާރުތައް ޔޫަރަޕްގެ އިއްތިޙާދުގެ ޤައުމުތަކުން ގަންނަނީ އެމެރިކާ އަތުންނެވެ."



advertisment