ހަނގުރާމައިގައި ބޭނުންކުރުމަށް ޓަކައި ޔުކްރޭނުން "ހަޑި" ބޮމެއް ތައްޔާރުކުރަމުންދާ ކަމަށް ރޫސީ ދިފާޢީ ވުޒާރާއިން ބުނެފިއެވެ.
ޔުކްރޭނުގެ ޚާރިޖީ ވަޒީރު ކޮލެބާ ރަޝިޔާގެ މި ތުހްމަތު ވަގުތުން ދޮގު ކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭނަކީ "ނިޔުކްލިއަރ ހަތިޔާރު ފެތުރުން މަނާކުރާ މުޢާހަދާގައި ސޮއިކޮށްފައިވާ މެންބަރެކެވެ. އަހުރެމެންގެ އަތުގައި އެއްވެސް ބާވަތެއްގެ "ހަޑި" ބޮމެއް ނެތެވެ. އެފަދަ ބޮމެއް ހަދާން ގަސްތެއްވެސް ނުކުރަމެވެ." އޭނާ އިތުރަށް ވިދާޅުވިއެވެ. "ރަޝިޔާއިން މިފަދަ ތުހްމަތުތައް އެހެން ފަރާތްތަކުގެ ބޮލުގައި އަޅުވަނީ އެމީހުން އެކަން ކުރާންވެގެންނެެވެ."
ރަޝިޔާއިން އިންޒާރުދޭ
ނޭޓޯއިން ޔުކްރޭނަށް ޒަމާނީ ހަތިޔާރު ދެމުންދާތީ ރަޝިޔާއިން ދަނީ ހުޅަނގުގެ ޤައުމުތަކަށް އިންޒާރުތައް ދެމުންނެވެ. މިކަމާ ގުޅޭގޮތުން ރޫސީ ދިފާޢީ ވަޒީރު ޝުވިގޯ ފަރަންސޭސި ދިފާޢީ ވަޒީރު ސެބާސްޓިއަން ލިކޯރނޯއާއި ތުރްކީ ދިފާޢީ ވަޒީރު ޚުލޫޞީ އައްކާރާ އިއްޔެ ފޯނުން ގުޅުއްވިއެވެ.އޭނާ މި ބޭފުޅުންނާއެކު ދެއްކެވި ވާހަކަފުޅުގައި ޔުކްރޭނުން ހަނގުރާމައިގައި "ހަޑި" ބޮމެއް ބޭނުންކުރާން އުޅޭ ވާހަކަ ވިދާޅުވިއެެވެ.
ރޫސީ ވަޒީރު މިކަމާ ބެހޭގޮތުން އިނގިރޭސި ދިފާޢީ ވަޒީރު ބެން ވަލަސްއާ ވެސް ގުޅުއްވިއެވެ. މިބޭފުޅުންނާ ރޫސީ ވަޒީރާ ދެމެދުގައި ބޭއްވުނު ފޯނު ކޯލްތަކުގައި ޔުކްރޭން ހަނގުރާމައާ ބެހޭ ގޮތުން ބަހުސް ކުރެއްވިއެވެ.
މި ކޯލްތަކުން ޔޫރަޕްގެ ޤައުމުތައް ޔުކްރޭން ހަނގުރާމަ ދިގުލަމުންދާތީ ކަންބޮޑުވަމުންްދާ މިންވަރު ހާމަވެއެވެ. ހުޅަނގުގައި ތެލާއި އެހެނިހެން މުހުތާދުވެރި މުދާތަކުގެ އަގުމައްޗަށް ދާތީ ހުޅަނގުގެ ބައެއް ޤައުމުތަކުގައި މުޒާހަރާތައް ވަނީ ފެށިފައެވެ.
އެމެރިކާގެ ދިފާޢީ ވަޒީރު ލުވިޑް އޮސްޓަން ވެސް ވަނީ ރޫސީ ދިފާާޢީ ވަޒީރާ ގުޅުއްވާ މި ހަނގުރާމައާ ބެހޭގޮތުން ބަހުސްކުރައްވައިފައެވެ. މިއީ ޔުކްރޭން ހަނގުރާމަ މި ދިޔަ ފެބްރުވަރީ މަހުގެ 24ގައި ފެށުނު ފަހުން ފޯނުން ބައްދަލު ކުރެއްވި ދެވަނަ ފަހަރެވެ.
"ހަޑި" ބޮމަކީ އާދައިގެ ބޮމެއްގެ ތެރެއަށް ރޭޑިއޯއެކްޓިވް މާއްދާތައް އިތުރުކޮށްގެން އުފައްދާ ގޮވާ އެއްޗެކެވެ. ރަޝިޔާއިން އިންޒާރުދޭ ގޮތުގައި ރޫސީ ބިމެއްގެ ސިޔާދަތަށް އަރައިގަންފިނަމަ މި ބިންތައް ޙިމާޔަތް ކުރުމަށް ޓަކައި ނިޔުކްލިއަރ "ފަންނީ" ހަތިޔާރު ބޭނުންކުރާނެއެވެ. މިއީ ހުޅަނގު ވަރަށް ކަންބޮޑުވާ ކަމެކެވެ.
މި މޭރުމުން ބަލާއިރު އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދުންނާއި އިނގިރޭސިވިލާތުން ޔުކްރޭނަށް ހަތިޔާރާއި މާލީ އެހީތައް ދެމުންދާތީ ރަޝިޔާއިން އެ ކަން ކުށްވެރި ކުރެއެވެ. ރަޝިޔާއަށް ޙަމަލާދެވޭވަރުގެ ދުރު ރާސްތާ ހަތިޔާރުތައް ޔުކްރޭނަށް ދިނުމަކީ ރަޝިޔާ ބުނާގޮތުގައި ރަތްރޮނގު ހުރަސްކުރުމެކެވެ. ރަޝިޔާއާ މި ޤައުމުތައް ސީދާ ކުރިމަތިލުމަކަށް ހިނގައިދާނެތީ ދުނިޔެ ބިރުގަނެއެެވެ. ޔުކްރޭން ހަނގުރާމައިގައި ރަޝިޔާ ބަލިކުރެވޭތޯ ހުޅަނގުން ވަނީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ އެތައް ހާސް ފިޔަވަޅުތަކެއް އަޅައިފައެވެ.



advertisment