ހަކަތައިގެ ތަފާތު 345 އިސްޓޭޝަން ހުރި ޔުކްރޭންގެ ޙާލަތު ބަދަލުވަމުން ދިޔައީ ވަރަށް އަވަހަށެވެ. ހަނގުރާމައިގެ ޙާލަތުގައި އޮތް ނަމަވެސް ވަރަށް ކައިރި އިއްޔެއަކާ ހަމައަށް ޔުކްރޭނަކީ އަމިއްލަ ނަފްސަށް ފުދި އިތުރުވެ ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކަށް ހަކަތަ ވިއްކަމުން ދިޔަ ހަކަތައިގެ މުއްސަނދިކަން ބޮޑު ޤައުމެކެވެ.
މި މަހުގެ ދިހަވަނަ ދުވަހުން ފެށިގެން ރަޝިޔާގެ އޮލަ ޙަމަލާތަކުގެ ސަބަބުން ހަކަތައިގެ މަޞްދަރުތަކުގެ 30% ވަނީ ފުޑުފުޑުވެ ހަލާކުވެފައެވެ. ޔުކްރޭނުގައި ހުރި ތަރމޯ އަށް އިސްޓޭޝަނުގެ ތެރެއިން ހަތަރު ތަން ވަނީ ނައްތައިލެވިފައެވެ.
އޭގެ ހައެއްކަ ހަފުތާ ކުރީން ޔުކްރޭންގައި ހުރި ނިޔުކްލިއަރ ޒަބަރޯޖިޔާ ހަކައިތައިގެ އިސްޓޭޝަނުގެ މަސައްކަތް ވަނީ ހުއްޓައިލައިފިއެވެ. މިއީ ޔޫރަޕްގައި ހުރި ހަކަތައިގެ އެންމެ ބޮޑު އިސްޓޭޝަނެވެ. ޔުކްރޭނަށް ބޭނުންވާ ހަކަތައިގެ 30% އުފައްދަމުން ދިޔައީ މި އިސްޓޭޝަނުންނެވެ. މި އިސްޓޭޝަނުގެ ޤާބިލުކަމުގެ ތެރޭގައި ޔުކްރޭނުގެ މަދަނީ ހަކަތައިގެ 100% އުފައްދައިދިނުންވެއެވެ.
ޔުކްރޭނުގެ ހަކަތަޔާ ބެހޭ ވުޒާރާއިން އެއްބަސްވާ ގޮތުގައި ހަނގުރާމައިގެ ސަބަބުން ކަރަންޓް އުފެއްދުމުގެ 50%ގެ ބާރު މި ވަނީ ޔުކްރޭނަށް ގެއްލިފައެވެ.

އައު ޙާލަތު
އޮކްޓޯބަރު 20 ގައި ޔުކްރޭނުގެ ޙާލަތު ވަނީ އިތުރަށް ނުބައިވާން ފަށައިފައެވެ. ރަޝިޔާގެ ކަރޗް ބުރިޖަށް ޔުކްރޫނުގެ ޖާސޫސީ އިދާރާއިން ދިން "ނިރުބަވެރި" ޙަމަލާއާ ވިދިގެން މޮސްކޯގެ "ރުޅި" ކުރިބޯށްޓާ ހަމައަށް އުފުލިގެން ދިޔައެވެ. މި ކަމާ ވިދިގެން ޔުކްރޭނަށް "ފިލާވަޅެއް" ދަސްކޮށް ދެއްވުމަށް ޓަކައި ރައީސް ޕޫޓިން "ބަދަލުހިފުމުގެ" ޙަމަލާތަކެއް ދެއްވާން ފެށްޓެވިއެވެ. އަމާޒަކީ ހަކަތަ އިސްޓޭޝަންތަކާއި މުވާޞަލާތީ މަރްކަޒުތަކާއި ބިނާރުތައް ފުނޑުފުނޑުކޮށް ނައްތައިލުމެވެ. ދެވަނަ ބޮޑުހަނގުރާމައާ ވިދިގެން އައި ދިހަވަރަކަށް އަހަރުގައި ޔުކްރޭނަށް އުޅެން ޖެހުނު "އަނދިރި" ޙާލަތަށް ވުރެ އުނދަގޫ ބޮޑު ދަތި ޙާލަތަކަށް ދާން ޖެހުމެވެ.
ވެރިރަށް ކިޔީވަށާއި ޔުކްރޭންގެ ބޮޑެތި ސަހަރުތަކަށް އިއްޔެ ވެރިވެފައިވަނީ "ގަދަ އަނދިރި" ކަމެވެ. މަގުމަތީގައި ހުންނަ ވާހަނަ އިޝާރާތްތައް ވަނީ ނިވިފައެވެ. މަގުތަކަށް އަލިކޮޅެއް ލިބެނީ ދުއްވާފައިދާ އުޅަނދުތަކުންނެވެ. ފިހާރަތަކުގެ ނަންބޯޑުތައް ވެސް ނުދިއްލައެވެ.
ދައުލަތުގެ ރިޔާސީ އޮފީހުންނާއި ހަކަތައިގެ ކުންފުނިތަކުން ކުރަމުންދާ އާދޭހާއެކު ކަރަންޓް ކުޑަކުރުމަށް ޓަކައި މެޓްރޯގެ ޙަރަކާތްތައް ވަނީ މަދުކޮށްފައެވެ. ޓްރޭމްގެ ދަތުރުތައް ވަނީ މަދުކޮށްފައެވެ. އިސްޓޭޝަންތަކުގައި ހުރި އުފުލާސިޑިތަކާއި ދުވާސިޑިތައްވެސް ވަނީ ހުއްޓައިލައިފައެވެ. ކަރަންޓުން ދުވާ ބަސްތަކުގެ 38 މަގެއްގެ ޚިދްމަތް ވަނީ ހުއްޓައިލައިފައެވެ. އޭގެ ބަދަލުގައި ޑީޒަލުން ދުވާ ބަސްތައް ވަނީ ހިރަފުސްފޮޅައިގެން ޚިދްމަތަށް ނެރެފައެވެ.
ހަކަތަޔާ ބެހޭ "ޑި ޓެކް" ކުންފުނިން ބުނާގޮތުގައި ކަރަންޓް ބޭނުންކުރާ މިންވަރު އަމިއްލައަށް މަދުނުކޮށްފިނަމަ ކަރަންޓް ކެނޑިގެންދާނެ ކަން ދަންނާން ޖެހޭނެއެވެ. ދުވާލަކު އަށެއްކަ ގަޑިއިރަށް ކަރަންޓް ކަނޑައިލެވޭނެއެވެ. މި ކުންފުނިން ޔުކްރޭންގެ ރައްޔިތުންނަށް ގޮވައިލަމުން ދަނީ ކަރަންޓް ބޭނުންކުރުން އިޤްތިޞާދުކުރުމަށެވެ. ކަރަންޓް އުދުނާއި މައިކްރޯވޭވާއި ދޮންނަމެޝިނާއި ހީފިލުވާ އާލަތްތަކާއި އައިސްއަލަމާރިއާއި ޓީވީއާއި އިންޓަރނެޓް ރައުޓަރުތަކާއި ކަރަންޓް ސާމާނުތައް ބޭނުންކުރުން ހުއްޓައިލުމަށެވެ. ރިޔާސީ އޮފީސް ބުނާގޮތުގައި ވެރިރަށް ކިޔީވްގައި މިލިޔަނަކަށްވުރެ ގިނަ ގޭގައި ކަރަންޓެއް ނެތެވެ.
މި އިލްތިމާސާ ވިދިގެން ފިހާރަތައް ވަނީ އެތެރޭގައި ހުރި ބޮކިތަކުން ދެތިން ބޮކި ފިޔަވާ ކަރަންޓު ބޭނުންކުރާ އާލަތްތައް ބޭނުންކުރުން ހުއްޓައިލައިފައެވެ.
އިލެކްޓްރޯނިކް ސާމާނުތައް ވިއްކާ މަޝްހޫރު ފިހާރަތަކުގައި މިހާރު ވިއްކަނީ އުށްބައްތިއާއި ގޭސް ޖެނެރޭޓަރާއި ގޭސް އުނދުނެވެ. އެހެނަސް މި އެއްޗެހި ވެސް ވަނީ ވަރަށް ތަދުވެފައެވެ.ބޭނުންވާ އިރަކަށް ނުލިބެއެވެ.
މޯބައިލް ފޯނާއި އިންޓަރނެޓްގެ ވިއުގަތަކުގެ އިޝާރަތް ވެސް ލިބެނީ ކިރިޔަކިރިޔާއެވެ.
މިކަމާހެދި ބައެއް މީހުން މިހާރު ބޭނުން ވަނީ ރަށްފުށުގެ އާދައިގެ ޙަޔާތަށް ބަދަލުވުމަށެވެ. ދިލާސައާ ދުރުހެލިވެ ހީފިލުވުމަށް ދަރުކޮޅެއް، ކޯރުން ފެންފޮދެއް ހޯދައިގެން ދިރިއުޅުން އަލުން ބައްޓަން ކުރުމަށެވެ. ޢާންމުން ބުނާގޮތުގައި އެމީހުންނަށް ސަހަރުގެ ފާގަތި ދިރިއުޅުމަށް އެހާ އަވަހަކަށް ދެނެއް ނުދެވޭނެއެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ކާބަފައިން އުޅުނު ޙަޔާތް މިއަދު މި ވަނީ އެމީހުންނާ ވެސް ކުރިމަތިވެފައެވެ.



advertisment