ޗައިނާގައި ވެރިކަން ކުރާ ކޮމްޔުނިސްޓް ޕާޓީގެ ޒަޢާމަތުން ބޮޑުވަޒީރު ލީކަޗިޔަންގާއި ތިން މަސްއޫލުވެރިއަކު ދުރަށްލުމަށް އެ ޕާޓީގެ 20ވަނަ ޢާންމު ބައްދަލުވުމުން ނިންމައިފިއެވެ.
އެ ޕާޓީން މިއަދު ވަނީ މަރްކަޒީ އައު ކޮމެޓީއެއް އިންތިޚާބުކޮށްފައެވެ. މި ކޮމެޓީގައި ބޮޑުވަޒީރު ލީ ކަޗިޔާންގާއި ސިޔާސީ އޮފީހުގެ ދާއިމީ ކޮމެޓީގެ މެންބަރު ވާންގް ޔާންގް ނުހިމެނެއެވެ. މުޙައްލިލުން ވިދާޅުވާ ގޮތުގައި މިއީ އެ ކޮމެޓީއަށް ރައީސް ޝީގެ ވާގިވެރީން އިތުރު ކުރުމަށް ޓަކައި އެޅި ފިޔަވަޅެކެވެ. ވަކިކުރެވުނު ދެ ބޭފުޅުންނަކީ ޢުމުރުފުޅުން 67 އަހަރު ފުރިފައިވާ ބޭފުޅުންނެވެ. މި ކޮމެޓީއަށް މާދަމާ ހަތަރު އައު ބޭފުޅުން ޢައްޔަން ކުރެވޭނެއެވެ. މި ބޭފުޅުން ވާނީ ޝީގެ ވާގިވެރީން ކަމަށް ލަފާކުރެވެއެވެ.
މިއަދު ކޮމްޔުނިސްޓް ޕާޓިގެ ޢާންމު ބައްދަލުވުމުން ވަނީ ޕާޓީގެ ޗާޓަރަށް ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލުތަކުގެ އަމާޒަކީ ރައީސް ޝީ ޖިންޕިންގްގެ ނުފޫޒާއި ބާރު ޕާޓީތެރޭގައި ހަރުދަނާކޮށް ވަރުގަދަކުރުމެވެ.
ޢުމުރުފުޅުން 69 އަހަރުވެފައިވާ ޝީ ތިންވަނަ ދައުރަކަށް ރައީސްކަމަށާއި ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މާދަމާ އިންތިޚާބު ކުރެވޭނެއެވެ. އޭރުން ޝީ ވަނީ ޗައިނާގެ ކޮމްޔުނިސްޓް ޕާޓީގެ ޒަޢިމު މައޮ ޓްސެ ޓޮންގަށް ފަހު ޗައިނާގެ އެންމެ ވަރުގަދަ ޙާކިމާއަށެވެ.
ޕާޓީގެ ޗާޓަރަށް ގެނެވުނު ބަދަލުތަކާ އެއްގޮތަށް ޝީ ވާނީ ޕާޓީގެ "ޖައުހަރީ" ޒަޢީމަށެވެ. ޗައިނާގެ ކުރިމަގުގެ ތަރައްޤީއަށް ޓަކައި ތަންފީޒު ކުރެވޭނީ ރައީސް ޝީގެ ވިސްނުންފުޅުތަކާއި ޚިޔާލުފުޅުތަކެވެ. ޕާޓީގެ ތެރޭގައްޔާއި ޕާޓީގެ މަރްކަޒީ ކޮމެޓީގެ ތެރޭގައި ނާރެހީ ދައުރެއް ކުޅުއްވާނީ ރައީސް ޝީއެވެ. ޖުމްލަ 97 މިލިއަން މެންބަރުންގެ މި ޕާޓީގެ ޒަޢާމަތުގައްޔާއި ޤައުމުގެ ރިޔާސަތުގައި ޝީގެ ދައުރާ ވާދަކުރެވޭނެ އެއްވެސް ބާރެއް ނޯންނާނެއެވެ. ޕާޓީގެ ޗާޓަރަށް މި ބަދަލުތައް ގެނެވުނީ ޕާޓީގެ މި ބައްދަލުވުމުގެ އިޖްމާޢުންނެވެ.
މި ޕާޓީގެ ބައްދަލުވުން ފުރިހަމަވުމަށްފަހު މާދަމާ ބޭއްވޭ ބައްދަލުވުމުގައި ކޮމްޔުނިސްޓް ޕާޓީގެ ސިޔާސީ އޮފީހަށް 25 މެންބަރުން އިސްކުރެވޭނެއެވެ. އަދި ހަތް މެންބަރުން އައު ދާއިމީ ކޮމެޓީ ވެސް މާދަމާ އިންތިޚާބު ކުރެވޭނެއެވެ.
މި ފަހަރުގެ ޗާޓަރުގައި ފުރަތަމަ ފަހަރަށް ތައިވާނުގެ މިނިވަންކަމާ ބޭޖިންގ ދެކޮޅު ހަދާކަން ލިޔެފައި ވެއެވެ.
ކޮމްޔުނިސްޓް ޕާޓީގެ ޚިތާމީ ޖަލްސާގައި ރައީސް ޝީ ވާހަކަފުޅު ދައްކަވަމުން ނަޞްރު ހޯދުމަށް ޓަކައި މަސައްކަތް ކުރުމުގެ ހިތްވަރާއި ފަންވަރު ލިބިގަންނަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވިއެވެ. "ހިތްވަރާއެކު ގަދައަޅައި މަސައްކަތް ކުރާށެވެ! ކުރިއަށް ދިޔުމަށް ޢަޒްމު ކަނޑައަޅާށެވެ!."



advertisment