ބްރިކްސް ޖަމާޢަތުގައި ސުޢޫދީ ޢަރަބިއްޔާ ބައިވެރިވުމުގެ ޝައުޤުވެރިކަން ސުޢޫދީ ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާން ފާޅުކުރެއްވުމުން ޗައިނާއިން އެކަމަށް މަރްޙަބާ ކިޔައިފިއެވެ.
ޗައިނާގެ ޚާރިޖިއްޔާގެ ތަރްޖަމާނު އިއްޔެ ވިދާޅުވި ގޮތުގައި ސުޢޫދީ ޢަރަބިއްޔާއިން މި އިސްތިރާތީޖީ ޖަމާޢަތުގައި ބައިވެރިވާން ސުޢޫދީ އެދޭއެދުމަށް ބޭޖިންގުން މަރްޙަބާ ކިޔާނެއެވެ.
ބްރިކްސްގެ އަސްލު މެންބަރުންނަކީ ރަޝިޔާއާއި ޗައިނާއާއި ބްރެޒީލާއި އިންޑިޔާއާއި ދެކުނު އެފްރިކާއެވެ. ބްރިކްސް މި ނަން ހަދައިފައިވަނީ މި ޤައުމުތަކުގެ ފެށޭ އަކުރުތައް ލައިގެންނެވެ.

ބްރިކްސްގެ މި އަހަރުގެ ރައީސަކީ ޗައިނާއެވެ. ޗައިނާގެ ޚާރިޖިއްޔާގެ ތަރްޖަމާނު ވާންގ ވެންބެން ވިދާޅުވިގޮތުގައި މި ޖަމާޢަތުގެ މެންބަރުކަމާއި އެއްބާރުލުން ފުޅައުކުރުމަށް ބޭޖިންގުން ތާއީދުކުރެއެވެ. މި ކަމުގެ ސަބަބުން ބްރިކްސް ފުޅައުވެގެންދާނެއެވެ.
ދެހާސް އެއްވަނަ އަހަރު ޤާއިމުކުރި ބްރިކްސް އިން އެ ޖަމާޢަތަށް ވަނުމުގެ ދަޢުވަތު ވަނީ ކުރިއަރަމުންދާ ޤައުމުތަކަށް ދީފައެވެ. މި ކަމާވިދިގެން އެތައް ޤައުމުތަކެއް ވަނީ މި ޖަމާޢަތާ ގުޅުމުގެ މަގުމަތީގައެވެ.
މި ހުސްވި ޖޫން މަހު ބޭއްވި ބްރިކްސްގެ ސަމިޓްގައި ޗައިނާއިން ބުންޏެވެ. "މި ޖަމާޢަތަކީ ވަކި ބަޔަކަށް އެކަނި ވަދެވޭ ގޮތަށް އޮތް ބަންދު ނާދީއެއްނޫނެވެ. ދެ ފަރާތަށް ފައިދާ ހުރި ކަންތައްތަކަށް ޓަކައި އެއްބާރުލުމުގައި ބައިވެރިވުން އޮތް ބޮޑު ޢާއިލާއެކެވެ."
ދެކުނު އެފްރިކާގެ ރައީސް ރަމްފޯޒާއާ ޙަވަލާދީ އެ ޤައުމުގެ މީޑިޔާތައް ބުނިގޮތުގައި ބްރިކްސްގެ ޤައުމަކަށް ސުޢޫދީ ޢަރަބިއްޔާ ހައްދަވަން ބިން ސަލްމާން ބޭނުންފުޅުވެއެވެ. އެކަމުގެ ޝައުޤުވެރިކަން ރިޔާޟުގެ ކިބައިގައި އެބައޮތެވެ.



advertisment