އީރާނުގެ ދީނީ ޒަޢީމު ޢަލީ ޚާމަނައީގެ އިސް މުޝީރު ޢަލީ އަކްބަރު ވިލާޔަތީ އެ ދެ ޤައުމުގެ އެންބެސީ ސުޢޫދީ ޢަރަބިއްޔާއާއި އީރާނުގައި ހުޅުވުން އަވަސްކުރާން ޖެހިއްޖެ ކަމަށް ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންތައް ބަދަހި ކުރެވޭނީ އޭރުންނެވެ. މި ކަމަށް ޢަލީ އަކްބަރު ވިލާޔަތީ ގޮވައިލެއްވީ ރިޔާޟު- ޠަހަރާން ގުޅުންތައް ދިރުވުމަށް ޓަކައި މަސައްކަތްތަކެއް ކުރިއަށް ދާ ދުވަސްވަރެއްގައެވެ. އީރާނުގެ ސަރުކާރާ ގުޅިފައިވާ ޠަލަބާ ނޫސް އޭޖެންސީއަށް ވިލާޔަތީ ވިދާޅުވި ގޮތުގައި "އަހުރެމެންނަކީ އަވަށްޓެރީންނެވެ. އަވަށްޓެރީން އުޅެންޖެހޭނީ ޞުލްޙަމަސަލަސްކަމުގައެވެ. މިހާރަށް ވުރެ ރަނގަޅު ގޮތަކަށް މަސްއަލަތައް ޙައްލު ކުރުމަށް ޓަކައި ދެ ޤައުމުގެ އެންބެސީ ހުޅުވުން އަވަސްކުރުން ލާޒިމުވެއްޖެއެވެ."
ވާހަކަދެއްކުމުގެ 5 ބުރު
އެޕްރީލު 2021 އިން ފެށިގެން ސުޢޫދިޔާއާއި އިރާނާ ދެމެދުގައި ވަނީ ގުޅުން ރަނގަޅުކުރުމާ ބެހޭ ގޮތުން ސީދާ ވާހަކަދެއްކުންތައް ފެށިފައެވެ. މި ފަސް ބުރުގެ ވާހަކަދެއްކުންތައް ބޭއްވިފައި ވަނީ ބަޣުދާދުގައެވެ. އެންމެ ފަހު ބައްދަލުވުން ބޭއްވިފައި ވަނީ މި އަހަރުގެ އެޕްރީލު ގައެވެ.
އެންމެ ފަހު ބުރުގެ ވާހަކަދެއްކުންތަކުގެ ތެރޭގައި އީރާނުގެ އަމްނާއި ސަލާމަތާ ބެހޭ މަސްއޫލުވެރިއަކު ވިދާޅުވިގޮތުގައި އީރާނުގެ ރައީސް ރައީސީގެ ސަރުކާރުން ރިޔާޟާއެކު ގުޅުންތައް ރަނގަޅު ކުރުމަށް ވަނީ ޢަޒްމު ކަނޑައަޅައިފައެވެ. މި ކަމަށް ޓަކައި ޠާހަރާނުން ގަދައަޅައި މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޖޫން 2021ގައި އީރާނުގެ ރައީސްކަމަށް ރައީސީ އިންތިޚާބުކުރި ދުވަހުން ފަށައިގެން އޭނާ ވަޑައިގަންނަވަނީ ގަލްފުގެ ޤައުމުތަކާއެކު ގުޅުންތައް ރަނގަޅުކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. އޭނާ އިރާނުގެ ނޫސް އޭޖެންސީތަކަށް ދެއްވި ބަޔާނެއް ބުނާގޮތގައި ސުޢޫދީ ޢަރަބިއްޔާއާއެކު ގުޅުންތައް ރަނގަޅު ކުރެއްވުމަށް ވަރަށް ޚާއްޞަ އަހައްމިއްޔަތެއް ދެއްވާނެއެވެ.
މި ނޫސް އޭޖެންސީތައް ބުނާގޮތުގައި ޢިރާޤު މެދުވެރިވެގެން ރައީސީއާއި ސުޢޫދީ ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާނާ ދެމެދުގައި ވެސް ވާހަކަދެއްކުންތަކެއް ވަނީ ބޭއްވިއެވެ. މި ވާހަކަދެއްކުންތައް ބޭއްވުނު ތާރީޚެއް އަދި މި ބައްދަލުކުރެއްވުމުގެ ނަތީޖާއާ ބެހޭގޮތުން އެއްވެސް ތަފްޞީލެއް ހާމަ ކުރެވިފައެއް ނުވެއެވެ.
ސުޢޫދީ– އީރާން ގުޅުން ކެނޑުނީ 2016 ވަނަ އަހަރު އީރާނުގައި ސުޢޫދީ ޢަރަބިއްޔާއާ ދެކޮޅަށް ބޭއްވުނު ބޮޑު މުޒާހަރާއެއްގައި ބައިވެރިވި ބަޔަކު ސަޢޫދީ އެންބެސީއަށް ވަދެ އެ ތަނަށް ގެއްލުންތަކެއް ދިނުމުންނެވެ.



advertisment