ރޫސީ އިއްތިޙާދުގައި ބައިވެރިވެފައިވާ ޔުކްރޭންގެ ހަތަރު ސަރަޙައްދު ދެން ރަޝިޔާއިން ވަކިކޮށް ނުލެވޭނެ ކަމަށާއި އެ ތަންތަން މިހާރު އޮތީ ނިޔުކްލިއަރ ފާރަވެރިކަމުގެ ދަށުގައި ކަމަށް ކްރެމްލިނުން މިއަދު ހަވީރު ބުނެފިއެވެ.
ކްރެމްލިންގެ ތަރްޖަމާނު ޑިމިޓްރީ ބިސްކޯވް ނޫސްވެރީންނާ ބައްދަލު ކުރައްވަމުން މިއަދު ހަވީރު ވިދާޅުވިއެވެ. "މި ބިންތަކަކީ ރޫސީ އިއްތިޙާދުގެ ބިންތަކެކެވެ. މި ތަންތަން ރަޝިޔާ އަތުން ދެން ނިގުޅައެއް ނުގަނެވޭނެއެވެ. ރޫސީވިލާތުގެ އެހެނިހެން ބިންތައް ފަދައިން މި ބިންތައް ހުރިހާ ޢުދްވާނަކުން ޙިމާޔަތް ކުރެވޭނެއެވެ."
ޔުކްރޭނުން ރޫސީން ހިފި ހަތަރު ސަރަޙައްދު ކަމުގައިވާ ލޮގާންސްކާއި ޑޮނެޓްސްކާއި ޒަބަރޯޖިޔާއާއި ޚަރސޫން ރޫސީ އިއްތިޙާދުގެ ސަރަޙައްދުތަކެއް ކަމަށް ރައީސް ޕޫޓިން މި ދިޔަ ހުކުރު ދުވަހު ހެއްދެވީ ވަރަށް ބޮޑު ރަސްމިއްޔާތެއްގައެވެ. އޭނާ މި ބިންތައް ރޫސީ އިއްތިޙާދުގެ ތަންތަން ކަމުގައި ހެއްދެވީ މި ސަރަޙައްދުތަކުގެ ރައްޔިތުން ވޯޓުދީ ރަޝިޔާއާ ގުޅެން ބޭނުންވާކަން ހާމަކުރުމުންނެވެ. ޔުކްރޭނާއި ޔުކްރޭނަށް ވާގިވެރިވާ ހުޅަނގުގެ ޤައުމުތަކުން ވަނީ މި ކަން ކުށްވެރިކޮށް އެކަމާ ދެކޮޅުހަދައިފައެވެ.
އިރާނުގެ ޑްރޯންތައް
އަނެއްކޮޅުން ކްރެމްލިން މިއަދު ބުނިގޮތުގައި ރަޝިޔާ ސިފައިން އީރާނުގެ ކެމިކާޒީ ޑްރޯން ބޭނުންކޮށްފައިވާ ކަމުގެ މަޢުލޫމާތު ރަޝިޔާއަށް ލިބިފައެއް ނުވެއެވެ. ރަޝިޔާއިން މި ބަޔާންދިނީ ރޫސީން ޔުކްރޭނަށް ދޭ ޙަމަލާތަކުގައި އީރާނުގައި ހަދައިފައިވާ ޑްރޯންތައް ބޭނުންކުރަމުންދާ ކަމަށް ޔުކްރޭނުގެ ވެރީން ވިދާޅުވުމުންނެވެ.
އެމެރިކާއިން ބުނާގޮތުގައި އެ ޤައުމުން ޤަބޫލު ކުރާނީ އިނގިރޭސިވިލާތާއި ފަރަންސޭސި ވިލާތުން ބުނަމުންދާ ބަސްތަކަށެވެ. އެމެރިކާ ބުނާ ގޮތުގައި މިއީ ސަލާމަތީ މަޖިލީހުގެ 2231 ވަނަ ޤަރާރާ ޚިލާފު ކަމެއް ކަމެކެވެ.
އީރާނުން ރަޝިޔާއަށް ޑްރޯން ވިއްކަމުންދާތީ ޔޫރަޕްގެ އިއްތިޙާދުން ވަނީ އީރާން ކުށްވެރިކޮށް ޠަހަރާނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވައިލައިފައެވެ.



advertisment