އޯޕެކް+ގެ ޤައުމުތަކުން އުފައްދާ ތެޔޮ މި އަންނަ ނޮވެންބަރު މަހުން ފެށިގެން މަދުކުރުމަށް ނިންމިނިންމުމަށް ޢަރަބި ޤައުމުތަކުން ތާއީދުކޮށްފިއެވެ. އެ ޤައުމުތަކުން ރިޔާޟަށް ތާއީދުކޮށް ވާގިވެރިވުމަށް ތެދުވީ އެމެރިކާއިން އޯޕެކް+ ޤަރާރަކީ ރިޔާޟުން ތެޔޮ އުފައްދާ ޤައުމުތަކަށް ފިއްތައިގެން ފާސްކުރި ޤަރާރެއް ކަމަށް ތުހްމަތު ކުރުމުންނެވެ.
އެމެރިކާއިން ބުނާގޮތުގައި ތެޔޮ އުފެއްދުން މަދުކުރުމުން ފައިދާ ލިބެނީ ރަޝިޔާއަށެވެ. އެމެރިކާއިން އިޝާރާތްކުރާ ގޮތުގައި ރިޔާޟުން މި ގޮތަށް ނިންމުމަށް ތާއީދު ކުރީ ސިޔާސީ ސަބަބުތަކަކަށް ޓަކައެވެ. ރިޔާޟުން އިއްޔެ ވަނީ ޔުކްރޭން ހަނގުރާމައިގައި މޮސްކޯއަށް ތާއީދު ކުރާކަމަށް ބުނާބުނުން ނަފީކޮށްފައެވެ.
މި މަސްއަލައާ ބެހޭގޮތުން ސަލްމާން ރަސްގެފާނު ވިދާޅުވިއެވެ. "ސުޢޫދިޔާއިން ގަދައަޅައި މަސައްކަތް ކުރަމުން މި ދަނީ ތެލުގެ ބާޒާރަށް ހަމަޖެހުމާއި ތަވާޒުނު ގެނައުމަށެވެ." އޯޕެކް+ ގެ ޤަރާރަށް ސުޢޫދީން ތާއީދުކޮށް ދަމަހައްޓަނީ މިހެންވެގެން ކަމަށް އެ ރަސްގެފާނު ވިދާޅުވިއެވެ.
ސުޢޫދީ ދިފާޢީ ވަޒީރު ޚާލިދު ބިން ސަލްމާން ވިދާޅުވިއެވެ. "އޯޕެކް+ ން އުފައްދާ ތެލުން ދުވާލަކު ދެ މިލިޔަން ފީފާގެ ތެޔޮ މަދުކުރުމަށް މި މަހު ފަސް ވަނަ ދުވަހު އެއްބަސްވި އެއްބަސްވުމަކީ އިޖްމާޢުން ނިމުނު ކަމެކެވެ. އެއީ އިޤްތިޞާދީ ބަހާތަކެއްގެ މަތީގައި އޮތް ޤަރާރެކެވެ."
މި ޤަރާރަށް ތާއީދު ކުރި ޤައުމުތަކުގެ ތެރޭގައި އިމާރާތު ވެއެވެ. އިމާރާތުގެ ހަކަތަޔާ ބެހޭ ވަޒީރު ސުހައިލުލް މަޒްރޫޢީ އޭނާގެ ޓްވިޓަރުގައި ލިޔުއްވައިފައި ވެއެވެ. "އޯޕެކުން އުފައްދާ ތެޔޮ މަދުކުރުމަށް ނިންމިނިންމުމަކީ ފަންނީ ޤަރާރެކެވެ. އެއީ ހުރިހާ މެންބަރުންގެ އިޖްމާޢުން ނިންމިނިންމުމެކެވެ. އެއީ ބައެއް މީހުން ސިފަކުރާ ފަދައިން ސިޔާސީ ކަމެއް ނޫނެވެ."
ޢިރާޤުގެ ތެލާބެހޭ ކުންފުނިން ބުންޏެވެ، "އޯޕެކް+ގެ ޤައުމުތަކުގެ މެދުގައި ތެޔޮ އުފެއްދުމުގެ މަސްއަލައިގައި ވަނީ އެއްގަލަކަށް އަރައިފައެވެ. މި ދުވަސްވަރުގެ ޙާލަތަށް ބަލާއިރު ތެލުގެ ބާޒާރުގައި ހަމަޖެހުމެއް ނެތެވެ. އެހެންކަމުން ކުރިމަގުގައި މި ބާޒާރަށް ހަމަޖެހުން ގެނައުމަށް ޓަކައި ފިޔަވަޅު އަޅަންވަނީ ޖެހިފައެވެ."
ކުވައިތުގެ ތެލާ ބެހޭ މުއައްސަސާގެ ރައީސް ނައްވާފު ސުޢޫދުއް ޞަބާޙު މި ޤަރާރަށް މަރްޙަބާ ވިދާޅުވަމުން ވިދާޅުވިއެވެ. "ތެލުގެ ބާޒާރުގެ ތަވާޒުނު ރައްކައުތެރި ކޮށް ދެމެހެއްޓުމަށް ކުވައިތު ވަރަށް ދަހިވެތިވެއެވެ."
ޢުމާނާއި ބަޙްރައިނި އިން ވަކިވަކިން ނެރުނު ބަޔާނުގައި އޯޕެކް+ ގެ ނިންމުމަށް ތާއީދު ކުރަމުން އެއީ އިޖްމާޢެއް ކަމަށް ބުނެފައި ވެއެވެ.
ޖަޒާއިރުގެ އައްނަހާރު ދުވަހު ނޫސް އެ ޤައުމުގެ ހަކަތައާ ބެހޭވަޒީރު މުޙައްމަދު ޢިރްޤާބާ ޙަވާލާދީ ބުންޏެވެ. "އޯޕެކް+ ގެ ޤަރާރަކީ ތާރީޚީ ނިންމުމެކެވެ."
އޯޕެކްގެ އަމީން ޢާންމު ހައިޘަމުލް ޣައިޞު ވިދާޅުވި ގޮތުގައި އޯޕެކް+ ގެ ޤަރާރުގެ ނަތީޖާ ވަރަށް ފައްސިވެގެންދާނެކަމުގެ އިތުބާރު ވަރަށްބޮޑެވެ. އަލްޣައިޞު މި ބަޔާން ދެއްވީ ޖަޒާއިރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނޫސްވެރީންނާ ބައްދަލު ކުރައްވަމުންނެވެ.އޭނާ ވިދާޅުވިއެވެ. "މި ޤަރާރުގެ އަމާޒަކީ އަގު ކަނށޑައެޅުމެއް ނޫނެވެ. އެހެނަސް އެއީ ބާޒާރުގައި ތެޔޮ ހުރި މިންވަރާ ތެލަށް ބޭނުންވާ މިންވަރު ތަވާޒުނުކުރުމަށް އެޅި ފިޔަވަޅެކެވެ."
އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ތަރްޖަމާނު ޖޯން ކަރބީ މި ދިޔަ ބުރާސްފަތި ދުވަހު ތުހްމަތު ކުރެއްވި ގޮތުގައި އޯޕެކްގެ ނިންމުމަކީ ރިޔާޟުގެ ފިއްތުންތަކުގެ ނަތީޖާއެކެވެ.އޭނާ ވިދާޅުވި ގޮތުގައި މި ޤަރާރުގެ ސަބަބުން ރަޝިޔާގެ އާމުދަނީ އިތުރުވެގެންދާނެއެވެ. "އެހެންކަމުން އަހުރެމެން ރަޝިޔާއާ ދެކޮޅަށް އަޅައިފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކުން ނަތީޖާއެއް ނުނުކުންނާނެއެވެ."
ސުޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު ސުޢޫދީ ޝޫރާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ސުޢޫދިޔާއަކީ ޞުލްޙައިގެ ވަސީޠެކެވެ."
ވަލީ ޢަހްދު މެދުވެރިވެ ވަޑައިގެން ރޫސީވިލާތާ ޔުކްރޭނާ ދެމެދުގައި އަސީރުންވެސް ބަދަލުކުރެވިފައިވާކަން ސަލްމާން ރަސްގެފާނު ފާހަގަ ކުރެއްވިއެވެ. ޔުކްރޭން ހަނގުރާމައިގައި ރިޔާޟުން މޮސްކޯއަށް ތާއީދު ކުރާކަމަށް ތުހްމަތު ކުރެވޭތީ އެކަމާމެދު ޙައިރާންވެ ވަޑައިގަންނަވާ ކަމަށް ސަލްމާން ރަސްގެފާނު ވިދާޅުވިއެވެ. މުޙައްމަދު ބިން ސަލްމާން އޭނާގެ ޓްވިޓަރުގައި ލިޔުއްވިއެވެ. "ފުލޯކު މި ތުހްމަތުތައް އައިސްފައި ވަނީ ޔުކްރޭން ސަރުކާރަކުން ނޫނެވެ."
އެމެރިކާއިން މި މަސްއަލައިގައި ވަނީ ސުޢޫދީ ޢަރަބިއްޔާދެކެ ވަރަށް ރުޅި އައިސްފައެވެ. އެމެރިކާގެ ކޮންގްރެސް ބައެއް ބޭފުޅުން ސުޢޫދިއްޔާގެ ތިބި އެމެރިކާ ސިފައިން ބޭލުމަށާއި އެމެރިކާގެ ހަތިޔާރު ރިޔާޟަށް ނުވިއްކުމަށް ދަނީ ގޮވައިލައްވަމުންނެވެ.



advertisment