މި މުބާރާތަކީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި އިންޓަރނޭޝަނަލް ވޮލީބޯލް ފެޑެރޭޝަނާއި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ރާއްޖޭގައި ބާއްވާ ބައިނަލްއަޤްވާމީ މުބާރާތެކެވެ. މި އޮކްޓޫބަރު މަހުގެ 13 އިން 16 އަށް ސަންއައިލެންޑް ރިޒޯޓްގައި ކުރިޔަށްދާ މި މުބާރާތުގައި 28 ޤައުމަކުން ދުނިޔޭގެ ނަން މަޝްހޫރު ކުޅުންތެރިން ވާދަކުރެއެވެ.

އިންޓަނޭޝަނަލް މުބާރާތްތައް ބާއްވާ ތަނެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ. މީގެ އެންމެބޮޑު ބޭނުމަކީ ޤައުމީ ޓީމުގެ ކުޅުންތެރިންނަށް އެކިއެކި ފުރުޞަތުތައް ހޯދައިދިނުމާއި ރާއްޖޭގައި ސްޕޯޓްސް ޓުއަރިޒަމް ކުރިއަރުވައި ފުޅާކުރުން ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

މިއީ އެގޮތުން ސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ދަށުން ރާއްޖޭގައި މިއަހަރު ބޭއްވޭ ބައިނަލްއަޤްވާމީ ފެންވަރުގެ ހަ ވަނަ މުބާރާތެވެ.