ޤަޠަރުގައި އަންނަ މަހު ބާއްވާ ފުޓްބޯޅައިގެ ވަރލްޑްކަޕްގެ މެޗުތައް ބަލާން ދާ މީހުންގެ ތެރެއިން "ހައްޔާ" ކާޑު ލިބޭ މުސްލިމުންނަށް ޢުމުރާވުމަށާއި މަދީނާއަށް ޒިޔާރަތްކުރުމަށް ބޭނުންވާ ވީޒާ ހިލޭ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ސުޢޫދީ ޚާރިޖިއްޔާގެ ވީޒާއާ ބެހޭ ބައިގެ ޑިރެކްޓަރު ޖެނެރަލްގެ އެހީތެރިޔާ ޚާލިދުއް ޝަމްރީ ވިދާޅުވެއްޖެއެވެ.
މި ވީޒާ ދޭނީ ހިލޭކަމަށް އޭނާ ސުޢޫދީ ޓީވީގައި ވިދާޅުވިއެވެ. އެހެނަސް މި ވީޒާ ލިބޭނީ މެޑިކަލް އިންޝުއަރެންސް އޮންނަ މީހުންނަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސުޢޫދީގެ މި އިސްނެގުމުގެ އަމާޒަކީ ފުޓްބޯޅަ މެޗުތައް ބަލާންދާ މީހުންގެ ތެރެއިން ގިނަ ބަޔަކު ސުޢޫދިޔާއަށް ގެންދިޔުމެވެ. ޤަޠަރުގައި މޮންޑިޔާލް 2022 ބޭއްވޭނީ 11 ނޮވެންބަރުން 11 ޖަނަވަރީ 2023 އަށެވެ.
"ހައްޔާ" ކާޑަކީ މޮންޑިޔާލް 2022 ބަލާން ޤަޠަރަށް ދާ މީހުންނަށް ދޭ ރަސްމީ ވީޒާގެ ޚާއްޞަ ނަމެވެ. މި ކާޑު ޤަޠަރުގެ ރަސްމީ ދާއިރާތަކުންނާއި ސްމާރޓް އެޕުން ލިބޭނެއެވެ.
މި ކާޑު އޮންނަ މުސްލިމުންނަށް ޢުމްރާއަށް ދިޔުމުގެ ވީޒާ ދޭ ގޮތަށް ސުޢޫދީ ސަރުކާރުން ހަމަޖެއްސުމުން މީސްމީޑިޔާގައި ސުޢޫދިޔާއަށް ތާރީފުކުރާ މެސެޖްތައް ދަނީ އޮހެމުންނެވެ.



advertisment